ދުނިޔެ

އެމްއެޗް370އާ ގުޅޭ އިހުމާލުގެ މައްސަލަ ކޯޓުން ބޭރުގައި ނިންމައިފި

Jun 3, 2015

މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް370 ގެއްލުމުގައި އެ އެއާލައިނާއި މެލޭޝިއާ ސަރުކާރުގެ އިހުމާލު އޮތް ކަމަށް ބުނެ ހުށަހެޅި މައްސަލަ ކޯޓުން ބޭރުގައި ހައްލުކޮށްފި އެވެ.

މިދިޔަ އަހަރުގެ މާޗު މަހު ފްލައިޓް އެމްއެޗް370، މެލޭޝިއާގެ ވެރިރަށް ކުއާލަ ލަމްޕޫރުން ޗައިނާގެ ވެރިރަށް ބެއިޖިން އަށް 239 މީހުންނާ އެކު ދަތުރުކުރަނިކޮށް ގެއްލުނު ގޮތަށް އަދިވެސް ނުފެނެ އެވެ. އެ ބޯޓުން ދަތުރުކުރި ޖީ ޖިން ހޭންކުގެ އުމުރުން ހަގު ދެ ކުދިންގެ ފަރާތުން ހުށަހެޅި މި މައްސަލަ އަކީ އެ ހާދިސާއާ ބެހޭ ގޮތުން ކޯޓަށް ވެއްދި ފުރަތަމަ މައްސަލަ އެވެ.

މިދިޔަ އޮކްޓޯބަރު މަހު މެލޭޝިއާގެ ހައި ކޯޓަށް ހުށަހެޅި މި މައްސައިގައި ބުނި ގޮތުގައި ބޯޓާ ގުޅުން ކެނޑުނު ފަހުން އެކަށީގެންވާ ވަގުތެއްގެ ތެރޭގައި ބޯޓާ ގުޅަން މެލޭޝިއާގެ ސިވިލް އޭވިއޭޝަން ޑިޕާޓްމަންޓުން މަސައްކަތްކޮށްފައެއް ނުވެ އެވެ. ފްލައިޓުގެ ސަލާމަތީ ކަންތައްތައް ފުރިހަމަކޮށްފައި ނުވާ ކަމަށް ބުނެ، ސަރުކާރާއި އެއާލައިންގެ ކިބައިން ބަދަލު ނަގައި ދިނުމަށް ވެސް އެ މައްސަލައިގައި އެދިފައިވެ އެވެ. އެކަަމަކު އެއީ ކިހާ ވަރެއް ކަމެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.

މައްސަލަ ހުށަހެޅި ދެ ކުދިންގެ ވަކީލުން އިއްޔެ ވިދާޅުވި ގޮތުގައި މި މައްސަލަ މިހާރު ވަނީ ކޯޓުން ބޭރުގައި ހައްލުކޮށްފަ އެވެ. އެ ގޮތުން، މެލޭޝިއާ އެއާލައިނާއި ސަރުކާރުން ދިން ބަދަލުގެ ފައިސާ އާއިލާ އިން ގަބޫލުކޮށްފައިވާ ކަމަށް ވަކީލުން ވިދާޅުވި އެވެ. ނަމަވެސް އެއީ ކިހާވަރެއްކަން ހާމަކޮށްފައެއް ނުވެ އެވެ.

އެމްއެޗް370 އިންޑިއާ ކަނޑުގެ ދެކުނުގެ ހިސާބަކަށް ވެއްޓިފައިވާ ކަމަށް މެލޭޝިއާ ސަރުކާރުން ވަނީ ކަނޑައަޅާފަ އެވެ. މިހާތަނަށް ކުރި މަސައްކަތުން ބޯޓުގެ ހިލަމެއް ވެސް ވެފައި ނުވާއިރު، ބޯޓު ހޯދުމުގެ މަސައްކަތް މެލޭޝިއާ އާއި އޮސްޓްރޭލިއާ ގުޅިގެން އަދިވެސް ދަނީ ކުރަމުންނެވެ.