ހަބަރު

ޑްރަގާއެކު ބެންކޮކުން ދިވެއްސަކު ހައްޔަރުކޮށްފި

Aug 5, 2018

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ބެންކޮކުގެ ޑީއެމްކޭ އެއާޕޯޓުން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފި އެވެ.

ތައިލަންޑުގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން، 43 އަހަރުގެ އާދަމް ސާލިއާ ނަމަކަށް ކިޔާ ދިވެހި ފިރިހެނެއްގެ ދަބަހުން 800 ގްރާމް ހެރޮއިން ވަނީ ފެނިފަ އެވެ.

ފުލުހުން ބުނީ އާދަމް ހައްޔަރުކޮށްފައިވަނީ ތައިލަންޑުން މެލޭޝިއާއަށް ދާން ފުރަން ގޮސް ހުއްޓަ އެވެ. އަދި މެލެޝިއާއިން އޭނާ ސްރީލަންކާއަށް ދިއުމަށް ހަމަޖައްސާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާއިރު، އޭނާއަށް ވަނީ ކްލާސް 1 ގެ މަސްތަކުވާތަކެތި ގެންގުޅުމާއި ވިއްކުމުގެ ނިޔަތުގައި އެކްސްޕޯޓު ކުރަން އުޅުމުގެ ދައުވާކޮށްފަ އެވެ.

ގިނަ އަދަދެއްގެ މަސްތަކުވާތަކެއްޗާއެކު އިންޑިއާއިން ވެސް ދާދި ފަހުން ވަނީ ދިވެހިންތަކެއް ހައްޔަރުކޮށްފަ އެވެ. މީގެ އިތުރުން، ދާދި ފަހުން އަވަށްޓެރި ސްރީލަންކާއިން ވެސް ތިން ދިވެއްސަކު ވަނީ ގިނަ އަދަދެއްގެ ޑްރަގާ އެކު އަތުލައިގެންފަ އެވެ. އޭގެ ތެރެއިން އެކަކު އަތުލައިގަތީ ސްރީލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް އޭނާ ދިޔަތަނުން ކަސްޓަމްސް އިން އޭނާގެ ތަކެތި ބަލައި ފާސްކުރުމުގެ ތެރޭގައި އޭގެއިން ގިނަ އަދަދެއްގެ ޑްރަގް ފެނިގެންނެވެ.