އެމެރިކާގެ ވެރިކަމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކުވެސް ބޭނުންކުރައްވަން ހާއްސަ މަތިންދާބޯޓެއް އޮވެ އެވެ. އެއަށް މި ކިޔަނީ "އެއާ ފޯސް ވަން" އެވެ. މި މަތިންދާބޯޓުގެ ތާރީހު 1962 ވަނަ އަހަރާއި ހަމައަށް ދިގުލައިގެން ގޮސްފައިވެ އެވެ. މިއީ އެމެރިކާގެ 35 ވަނަ ރައީސް ޖޭ އެފް ކެނެޑީއާއި ރޭމަންޑް ލޯވީގެ މިންނެތް މަސައްކަތެވެ. މި ދެމީހުންނަކީ އިންޑަސްޓްރިއަލް ޑިޒައިނިން ދުނިޔޭގެ ބަފައިން ކަމަށް ދުނިޔެ ގަބޫލުކުރެ އެވެ.
ފާއިތުވެ ދިޔަ އަހަރުތަކުގައި މި މަތިންދާބޯޓުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުދި ބަދަލުތަކެއް ގެނައި ނަމަވެސް މި މަތިންދާބޯޓުގެ ޑިޒައިން އަދިވެސް ހުރީ މި ދެ ބޭކަލުން ފަރުމާކުރި ގޮތަށް އެއްވެސް ކަހަލަ އުނިކަމެއް ނާންނަގޮތަށެވެ. އެކަމަކު އޭގެ ގާތްގަނޑަކަށް ފަންސާސް އަހަރާއި ހަތް ސަރުކާރަށްފަހު، އެމެރިކާގެ މިހާރުގެ ސަރުކާރުން ވަނީ މި މަތިންދާބޯޓު މަންޒަރު އެއްކޮށް ބަދަލުކޮށްލުމަށް ފޫގަޅާލާފަ އެވެ.
އެމެރިކާގެ ވެރިކަމަށް މިހާރު އަރާވަޑައިގެން ހުންނެވި ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވީ މި މަތިންދާބޯޓުގެ ބޭރު ޑިޒައިން ކުރުމަށް ބޭނުންކޮށްފައި ހުރި ކުލަތައް އެބޭފުޅާއަށް ކަމުނުދާކަމަށެވެ. މި މަތިންދާބޯޓުގައި މިހާރު ހުންނަނީ މަޑު ނޫކުލައިގެ ބޮޑު ފަށަލައަކާއި ރަން ކުލައެއްގެ ކުޑަ ފަށަލައެއް ދަމާފަ އެވެ. އަދި ރިހި ކުލަވެސް ބޭނުންކޮށްފައި ހުރެ އެވެ. ދެން ބާކީ މުޅި މަތިންދާބޯޓުގެ ހުރިހާ ބައެއްގައި ބޭނުންކޮށްފައި ވަނީ ހުދު ކުލަ އެވެ. ރިޕޯޓުތައް ބުނާގޮތުން ރައީސް ޓްރަމްޕް ބޭނުންވަނީ މި މަތިންދާބޯޓް "އެމެރިކާ ކޮށްލަން" ށެވެ.
އާ މަތިންދާބޯޓުގެ މަސައްކަތް މިހާރު ފަށާފައިވާއިރު ބެލެވޭގޮތުގައި އަލަށް ތައްޔާރުކުރާ މަތިންދާބޯޓު ހުރިހާ ގޮތަކުންވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ލަފާކުރެވެ އެވެ. އެއީ މިހާރު މަތީގެ އުދުންތަކަށް ބޭނުންކުރާ ޓެކްނޮލޮޖީ ކުރިއަރައިގެން ގޮސްފައިވުމާއެކު މި މަތިންދާބޯޓުވެސް އެންމެ ޒަމާނީ ފެންވަރުގައި ބޭނުންކުރެވޭނެ ގޮތަށް ފަހުގެ މޮޅު ޓެކްނޮލޮޖީއާއެކު ތައްޔާރުކުރާނެ ކަމަށް ބެލެވޭތީ އެވެ.
އަސްލު ނަމަކީ "އެއާ ފޯސް ވަން" އެއް ނޫން
އެއާ ފޯސް ވަންއަކީ ރައީސް ދަތުކުރައްވާ މަތިންދާބޯޓްއަށް އެއާ ޓްރެފިކް ކޮންޓްރޯލުކުރާ މީހުން ބޭނުންކުރާ ކޯލްސައިންއެއް ނުވަތަ ހާއްސަ ނަމެކެވެ. ދުނިޔޭގެ މަޝްހޫރު އެއާކްރާފްޓް އިންޖީނިއަރިން ކުންފުނި، ބޮއޭ އިން ތައްޔާރުކޮށްފައިވާ ދެ މަތިންދާބޯޓެއް ރައީސް ދަތުކުރައްވަން އޮވެ އެވެ. މި ދެ މަތިންދާބޯޓަކީ ބޮއޭ މޮޑެލް 747-200B ގެ މަތިންދާބޯޓުތަކެކެވެ.
މި ދެ ބޯޓުން ކުރެ އެ ވަގުތެއްގައި ރައީސް ދަތުކުރައްވަން ބޭނުންކުރާ މަތިންދާބޯޓަށް އެއާ ފޯސް ވަން ކިޔަ އެވެ. މި ތަނުން ކޮންމެސް އެއް ބޯޓެއް އަބަދުވެސް އޮންނާނީ ރައީސް ދަތުކުރެއްވުމަށް ތައްޔާރީ ހާލަތުގަ އެވެ. ހަމަ އެއް ޑިޒައިނެއްގައި އެއްގޮތަކަށް އޮންނަ މި ދެ ބޯޓު ވަކިކުރުމަށް ބޭނުންކުރަނީ ކޯޑް ނަންބަރެކެވެ.
މި ނަން އެންމެ ފުރަތަމަ ބޭނުންކުރަން ފެށީ 1953 ވަނަ އަހަރު އެވެ. އެއީ އޭރު އެމެރިކާގެ ރައީސްކަމުގައި ހުރި އެގައުމުގެ 34 ވަނަ ރައީސް އައިޒެންހޯވާ އެ މަތިންދާބޯޓުގައި ދަތުކުރައްވަނިކޮށް، ކޮމާޝިއަލް އެއާލައިންއަކާއި އެއް އެއާސްޕޭސްއަކަށް އަރާއި ނުރައްކާތެރި ހަލާތަކަށް ދިއުމުންނެވެ. އޭރު ރައީސް ބޭނުންކުރެއްވީ މަތިންދާބޯޓަކަށްވުރެ ބޮޑަށް ޕްރޮޕް ޕްލޭނެކެވެ. އެއީ ޖެޓު ގޮތަށް ކުޑަކޮށް އަދި ކުދި ބުރަފަތި ހަރުކޮށްފައި ހުންނަ ބޯޓެކެވެ. އެ ބޯޓުގެ ނަމަކީ "ކޮލަމްބައިން ޓޫ" އެވެ.
އެ ދެ ބޯޓު ނުރައްކާތެރި ހަލާތަކަށް ދިއުމަށް މެދުވެރިވީ، ދެ ބޯޓު ފާހަގަކުރުމަށް އޭރު އެއާޓްރެފިކް ކޮންޓްރޯލުން ބޭނުންކުރި ކޯޑަކީ އެއް ކޯޑަކަށް ވުމުގެ ސަބަބުންނެވެ. އޭރު މި މަތިންދާބޯޓް ޑިޒައިންކޮށްފައި ހުރީވެސް ރަތާއި، އޮރެންޖާއި އަދި ކަޅު ކުލަ ބޭނުންކޮށްގެންނެވެ.
ބޭނުންކުރަމުން އައީ ސިފައިންގެ އުޅަނދެއްގެ ގޮތުގައި
ރައީސް ރިޗާޑް ނިކްސަންގެ ވެރިކަމުގައި 1971 ވަނަ އަހަރު، ސިފައިންގެ މަތިންދާބޯޓުތަކެއްގެ ގޮތުގައި ބޭނުންކުރަމުން އައި މި ބޯޓުތައް ރައީސްގެ ރަސްމީ މަތިންދާބޯޓުތަކުގެ ގޮތުގައި ބަދަލުކުރެއްވި އެވެ. މިހާރު ހުރިގޮތަށް، މަޑު ނުލައި، ރަން އަދި ރިހި ކުލައިން މި މަތިންދާބޯޓުގެ ކުލަ ބަދަލުކުރީ ކުރިންވެސް ބުނިފަދައިން ރައީސް ކެނެޑީ ވެރިކަމަށް ވަޑައިގަތުމަށްފަހު އެވެ. ރައީސް ކެނެޑީ މި މަތިންދާބޯޓުގެ ކުލަ ބަދަލުކުރީ ސިފައިންގެ ބޯޓަކާއި މާ ވައްތަރުކަމަށް ވިދާޅުވެ އެވެ.
އޭގެފަހުން މި ބޯޓަށް އެންމެ ބޮޑު ބަދަލެއް އައިސްފައި ވަނީ ރައީސް ރޮނާލްޑް ރީގަންގެ ވެރިކަމުގަ އެވެ. ރީގަންގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ނެންސީ ރީގަން ވަނީ މި މަތިންދާބޯޓުގެ އާ އިންޓީރިއާ ޑިޒައިންއެއް ތައްޔާރުކޮށްފަ އެވެ. އެކަމަކު އެކަމަނާ އިންޓިރީއާ ޑިޒައިންކުރި ގޮތަށް މަތިންދާބޯޓް ތައްޔާރުކޮށް ބޭނުންކުރަން ފެށީ ރައީސް ޖޯޖް އެޗް ޑަބްލިއު ބުޝްގެ ވެރިކަމުގައި 1990 ވަނަ އަހަރު އެވެ. ނަމަވެސް އެފަހަރުވެސް ބޯޓުގެ ބޭރުގައި ލާފައި ހުރި ކުލައާއި ޑިޒައިނަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.
އެމެރިކާގެ ހަތް ރައީސަކު ބޭނުންކުރަމުން އައި މަތިންދާބޯޓް، 2001 ވަނަ އަހަރު ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ވެރިކަމުގައި ބޭނުންކުރުން ހުއްޓާލައި ހަމަ އެ ޑިޒައިންގެ އާ ބޯޓެއް ތައްޔާރުކޮށް ބޭނުންކުރަން ފެށި އެވެ. ކުރީގެ ބޯޓު ބޭނުންކުރި ރައީސުންނަކީ ރިޗާޑް ނިކްސަންއާއި ގެރެލްޑް ފޯޑް، ޖިމީ ކާޓާ، ރޮނާލްޑް ރީގަން، ޖޯޖް އެޗް ޑަބްލިއު ބުޝް، ބިލް ކްލިޓަން އެވެ. މި އާ ބޯޓުގައިވެސް ބޭރުގައި ލާފައި ހުރި ކުލައަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.
ޓްރަމްޕް ބޭނުމީ ރަތާއި ހުދާ އަދި ނޫ ކުލަ
އެއާކްރާފްޓް އިންޖީނިއަރިން ކުންފުނި، ބޮއޭއިން ކަށަވަރުކޮށްދިން ގޮތުގައި އެމެރިކާގެ މިހާރުގެ ސަރުކާރުން ރައީސަށް އާ ދެ މަތިންދާބޯޓް ތައްޔާރުކުރުމަށް 3.9 ބިލިއަން ޑޮލަރު ވަނީ ހުށަހަޅާފަ އެވެ.
ތަޖުރިބާކާރުން ބުނާގޮތުގައި ރައީސް ބޭނުންކުރުމަށް އާ ދެ ބޯޓު ތައްޔާރުކުރަން ނިންމީ އެމެރިކާގެ ރައީސްގެ ސެކިއުރިޓީ ބަލަހައްޓާ ސީކްރެޓް ސާވިސްއިން ރައީސްގެ ރައްކާތެރިކަމަށްޓަކައި ހަތަރު އިންޖީނު ލީ މަތިންދާބޯޓެއް ނޫނީ ބޭނުންނުކުރަން ބޭނުންވާތީ ކަމަށެވެ. އަދި ރައީސްއާއި ރައީސްއާއެކު ދަތުރުކުރައްވާ މުވައްޒަފުންނަށް ޖާގަ ތަނަވަސްކޮށް ބޯޓެއްގައި ދަތުރުކުރެވޭ ގޮތަށް ހަދައިދުނުމަށްޓަކައި ކަމަށެވެ. އެކަމަކު އެންމެ ބޮޑު ބަދަލެއް އަންނަނީ ބޯޓުގެ ކުލަ އަށެވެ. އާ ބޯޓްގައި ބޭނުންކުރާނީ އެމެރިކާގެ ދިދާގައި ހުންނަ ކުލަތައް ކަމުގައިވާ ރަތާއި ހުދާ އަދި ނުލެވެ.
"އެއާ ފޯސް ވަން ވަރަށް ހިތްގައިމުވާނެ. މި ބޯޓު ވެގެންދަނީ ދުނިޔޭގައި އުފައްދާ މިފަދަ އެންމެ ފުރިހަމަ ބޯޓަށް. އަދި މި ބޯޓު ހުންނާނީ ރަތާއި ހުދާ އަދި ނޫ ކުލައިން. އަހަންނަށް ހީވާނީ އޭރަށް މާ ހިތްގައިމުވާނެހެން،" ސީބީއެސްއަށް ދިން އިންޓަވިއުއެއްގައި ޓްރަމްޕް ބުނެފައިވެ އެވެ.
އެހެނަސް މިއީ ވުމާއި ނުވުމުގެ އަތްމަތީގައި އޮތް ކަމަކެވެ. ސަބަބަކީ މި ބޯޓުތައް ތައްޔާރުކޮށް ނިމޭނީ 2024 ވަނަ އަހަރުގައި ކަމަށް ލަފާކުރެވޭތީ އެވެ. ދެ ވަނަ ދައުރަކަށް ޓްރަމްޕް ނުހޮވިއްޖެނަމަ ދެން އަންނަ ވެރިއަކަށް މި ބޯޓުގެ މަސައްކަތް އަތް ގަދަކުރުމުގެ ފުރުސަތު އޮންނާނެ އެވެ. ނަމަވެސް ޓްރަމްޕް ވަނީ 2021 ވަނަ އަހަރު އޭނާގެ ދައުރު ހަމަވުމުގެ ކުރިން މި ބޯޓުތަކުގެ މަސައްކަތް ނިންމާލުމަށް އެދިފަ އެވެ.