ދުނިޔެ

ޓްރަމްޕްއަށް ފޭސްބުކް ދެއަހަރަށް ބަންދު

ޑޮނަލްޑް ޓްރަމްޕަށް ދެ އަހަރަށް ފަހު ނޫނީ ފޭސްބުކާއި އިންސްޓާގްރާމް ދެން ބޭނުމެއް ނުކުރެއްވޭނެ އެވެ. ފޭސްބުކްގެ މެނޭޖްމަންޓުން ޓްރަމްޕަށް މި ފިޔަވަޅު އެޅީ މުޖުތަމައުގެ މަސްލަހަތު ގެއްލޭ ވާހަކަތައް ޕޯސްޓް ކުރެއްވުން އާންމު ކަމަކަށް ހެއްދެވުމުންނެވެ.

ފޭސްބުކުގެ މި ނިންމުމަށް ރުހިވަޑައި ނުގެން ޓްރަމްޕް ވިދާޅުވީ 2024 ގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވައި ރައީސް ކަމަށް ވަޑައިގަންނަވާނެ ކަމަށާއި މާކް ޒުކަބާގަށް ވައިޓް ހައުސްއިން ފެންތިއްކެއް ވެސް ނުދެއްވާނެ ކަމަށެވެ.

މި އަހަރު ޖެނުއަރީގައި ޓްރަމްޕަށް ވަފާތެރި ސަޕޯޓަރުން އެމެރިކާގެ ގާނޫންހަދާ މަޖިލީހަށް ވަދެގަނެ ހިންގި ހަމަނުޖެހުންތަކުގައި ދައުލަތުގެ ކަރާމާތާއި މުދަލާއި ތަކެއްޗަށް އަދި އިންސާނުންގެ ފުރާނައަށް ވަނީ ނުރައްވެފަ އެވެ. ސަޕޯޓަރުންގެ މި އަމަލުތަކަށް ފޭސްބުކާއި އިންސްޓާގްރާމްގައި ޓްރަމްޕް ވަނީ ހިތްވަރު ދެއްވައި މޮޅުކަމެއް ކަމަށް ވިދާޅުވެފަ ލިޔުއްވާފަ އެވެ.

ފޭސްބުކް މެނޭޖްމަންޓުން ފުރަތަމަ ނިންމީ މުއްދަތެއް ނެތް ގޮތަށް ޓްރަމްޕްގެ އެކައުންޓް ބަންދު ކުރާށެވެ. އެހެން ނަމަވެސް އެއީ މާބޮޑު އަދަބެއް ކަމަށް "އޯވާސައިޓް ބޯޑް" އިން ކަނޑައެޅުމާ ގުޅިގެން އެ ނިންމުން އަލުން މުރާޖައާ ކުރީ އެވެ. ޓްރަމްޕްއަށް މިހާރު ފޭސްބުކުން އިއްވާފައި ވަނީ ދެއަހަރު ދުވަހުގެ ހުކުމެކެވެ. އެއީ އެންމެ ފުރަތަ އެކައުންޓް ބަންދުކުރި ތާރީހުން ފެށިގެން ޖެނުއަރީ 7، 2023 ގެ ނިޔަލަށެވެ.

ފޭސްބުކުން ބުނީ ޓްރަމްޕާ މެދު ގޮތެއް ނިންމަން ގިނަ މަޝްވަރާތަކެއް ކުރެވުނު ކަމަށާއި ކަނޑައަޅާފައި އެ އޮތީ ފޭސްބުކުން މެމްބަރަކަށް އަދަބެއް ދޭނަމަ ދެވެން އޮތް އެންމެ ބޮޑު އަދަބު ކަމަށެވެ. އަދި ބުނީ މުއްދަތުގެ ތެރޭގައި ވެސް މުއްދަތު އިތުރުކުރަން ޖެހިދާނެ ކަމަށާއި އެކައުންޓް ދޫކޮށްލުމަށް ފަހު ވެސް ފިތުނައާ ހަމަނުޖެހުމަށް ގޮވާލައްވާ ނަމަ މުއްދަތެއް ނެތް ގޮތަށް އެކައުންޓް ބަންދު ކުރާނެ ކަމަށެވެ.

ޓްރަމްޕްއަކީ ގޮތް ދޫކުރައްވާނެ ބޭފުޅެއް ނޫން ކަމަށް ވައިޓް ހައުސްގެ ތަރުޖަމަން ޖެން ސާކީ ވެސް ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ޒިބްރާއަކީ ގަޅި ބަދަލުކުރާ ޖަނަވާރެއް ނޫން ކަމަށެވެ. ޖެން ސާކީ އެވިދާޅުވީ ޒިބްރާއަކީ އެސޮރުގެ ހަށިގަނޑުގައި ހުންނަ ރޮނގުތައް ހުރި ގޮތް ނޫން ގޮތަކަށް ބަދަލު ކުރާ ޖަނަވާރެއް ނޫން ކަމެވެ. މާނައަކީ ޓްރަމް އެ އާދަ ދޫކޮށެއް ނުލައް ވާނެ އެވެ.

ފޭސްބުކުގެ މިނިންމުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަދި ގޮތެއް ނެތް ނިންމުމެއް ކަމަށް ޓްރަމްޕް ވަނީ ސިފަ ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ 2020 ގެ ރިޔާސީ އިންތިހާބުގައި އޭނާއަށް ވޯޓްދިން 75 މިލިއަން މީހުން ލަދުގަނެއްޖެ ކަމަށާއި އެމީހުންގެ ގަދަރު ކުޑަކޮށްފި ކަމަށެވެ.