ފޭސްބުކް ބޭނުން ކުރަމުންދާ މީހުންގެ މައުލޫމާތު، އެނަލައިޓިކާއަށް ވިއްކި މައްސަލައެއްގައި ފޭސްބުކް ފަސް ބިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން އެމެރިކާގެ ފެޑަރަލް ޓްރޭޑް ކޮމިޝަން (އެފްޓީސީ) އިން ނިންމި ނަމަވެސް ފޭސްބުކުން އެކަމާ ކަންބޮނޑުވެގެން އުޅޭ ތަނެއް އަދިއެއް ނުފެނެ އެވެ.
މިދިޔަ އަހަރުގެ މާޗު މަހު ފޭސްބުކުން ވަނީ 87 މިލިއަން ޔޫޒަރުންގެ ޒާތީ މައުލޫމާތު ވިއްކާފަ އެވެ. މި މައްސަލަ ބަލަމުންދާ އެމެރިކާގެ އެފްޓީސީ އިން ވަނީ ފޭސްބުކް ފަސް ބިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ނިންމާފަ އެވެ. އޭގެ ސަބަބަކީ ފޭސްބުކުގެ އެ އަމަލަކީ 2011 ވަނަ އަހަރު ހަދައިފައިވާ ޒާތީ މައުލޫމާތު ސިއްރު ކުރުމުގެ ގަވާއިދާ ހިލާފު ކަމެއް ކަމަށް ވުމެވެ.
ޒާތީ މައުލޫމާތު ވިއްކިކަން ފަޅައި އަރައިފިނަމަ ބޮޑު އަދަދަކުން ޖޫރިމަނާ ކުރާނެކަން ފޭސްބުކަށް ވެސް އެނގެ އެވެ. އެކަމަކު އެކަމާ ފޭސްބުކުގެ އްވެސް ވަރެއްގެ ނުތަނަވެސް ކަމެއް ނެތެވެ.
ފޭސްބުކުގެ މިހާރު އެންމެ ބޮޑު ނުތަނަސް ވަކަމީ ޖޫރިމަނާ ކުރުމުން، އެމެރިކާ އަދި ޔޫރަޕްގެ ގައުމުތަކުން އިސްތިހާރު ކުރުން ހުއްޓާލާފާނެތީ އެވެ. އަދި ފޭސްބުކުގައި އެޑްވަޓައިޒްކޮށް މާކެޓް ކުރުން ގައުމުތަކުގެ ސަރުކާރުން މަނާ ކޮށްފާނެ ކަމުގެ ބިރެއް އޮތުމުންނެވެ.
ބިގް އައިޑީ ކުންފުނީގެ ސީއީއޯ ޑިމިޓިރޯ ސިރޯޓާ ވިދާޅުވީ، ފަސް ބިލިއަން ޑޮލަރަކީ ފޭސްބުކަށް މާ ބޮޑު އަދަދަކަށް ވާނެ ކަމަށް ލަފާ ނުކުރެއްވޭ ކަމަށެވެ. ނަމަވެސް ފޭސްބުކުގެ ޕްރައިވެސީއާ މެދު މީހުން ސުވާލު އުފައްދުމުގެ ސަބަބުން ކުންފުނީގެ އަގު ވެއްޓިގެންދާނެ ކަމަށެވެ.
"ފޭސްބުކުން ވަނީ 10 އަހަރު ވަންދެން އިންޓަނެޓުގެ ސިލިކޯން ސިޓީގެ މަގާމު ހިފަހައްޓާފައި... މިއީ ފޭސްބުކް ކަނބޮޑުވާން ޖެހޭ ކަމަކީ!" ޑިމިޓިރޯ ސިރޯޓާ އިތުރަށް ވިދާޅުވި އެވެ.
ދުނިޔޭގެ ބޮޑެތި ޓެކްނެލޮޖީ ކުންފުނިތައް ފޭސްބުކް އެހާ ބޮޑު އަދަދަކުން ޖޫރިމައިނާ ކުރޭތޯ ބަލަން ތިބި ނަމަވެސް އަދި ފޭސްބުކުން ޖޫރިމަނާ އާއި ގުޅޭގޮތުން ރަސްމީ ސިފައެއްގައި އެއްވެސް އެއްޗެއް އަދި ނުބުނެ އެެވެ. ދުނިޔޭގެ މީޑިއާއިން ފޭސްބުކްގެ ބަހެއް ހޯދަން ކުރި މަސައްކަތް ވެސް ވަނީ ނާކާމިޔާބުވެފަ އެވެ.
ފަސް ބިލިއަން ޑޮލަރުން ފޭސްބުކް ޖޫރިމަނާ ކުރާނީ ޖަސްޓިސް ޑިޕާޓްމެންޓުގެ ސިވިލް ޑިވިޝަން އިން އެއީ އެކަށީގެންވާ އަދަދެއްތޯ އަދި ބެލުމަށްފަހު އެގޮތަށް އެއްބަސްވެވުމުންނެވެ.
ޖޫރިމަނާއާ މެދު ފޭސްބުކް ކަންބޮޑު ނުވާ އެހެން ސަބަބެއް ވެސް އޮވެ އެވެ. އެއީ 2016 ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިހާބުގައި ރަޝިއާގެ އެދުމެއްގެ މަތިން ފޭސްބުކުން އެނަލައިޓިކާ އަށް މައުލޫމާތު ވިއްކި މައްސަލައިގައި ފިޔަވަޅު އަޅަން މަސައްކަތް ކުރުމުން ވެސް އެކަން ނާކާމިޔާބުވެފައިވާތީ އެވެ. އެފަހަރު އެނަލައިޓިކާ އިން ދިޔައީ ފޭސްބުކް މެދުވެރިކޮށް ޑޮނަލްޑް ޓްރަމްޕުގެ ކެމްޕޭނަށް ދަތި ކުރަމުންނެވެ.