ފޭސްބުކް ބޭނުން ކުރަމުންދާ މީހުންގެ މައުލޫމާތު އެނަލައިޓިކާ ކިޔާ ކުންފުންޏަކަށް ވިއްކި މައްސަލައެއްގައި ފޭސްބުކް ފަސް ބިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ނިންމައިފި އެވެ،
އެމެރިކާގެ ފެޑަރަލް ޓްރޭޑް ކޮމިޝަން (އެފްޓީސީ) އިން ބުނީ ފޭސްބުކް އިން 2018 ވަނަ އަހަރުގެ މާޗު މަހު 87 މިލިއަން ޔޫޒަރުންގެ ޒާތީ މައުލޫމާތު ވިއްކާފައި ކަމަށެވެ. އެފްޓީސީއިން ބުނީ ފޭސްބުކުގެ އެ އަމަލަކީ 2011 ވަނަ އަހަރު ހަދައިފައިވާ ޒާތީ މައުލޫމާތު ސިއްރު ކުރުމުގެ ގަވާއިދާ ހިލާފު ކަމެއް ކަމަށެވެ.
ފޭސްބުކް ފަސް ބިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ނިންމީ އެފްޓީސީގައި ވޯޓުން ފާސް ވެގެންނެވެ. މި ވޯޓުގައި ފަސް ބޭފުޅުންގެ ތެރެއިން ތިން ބޭފުޅަކު ވަނީ ފޭސްބުކް ޖޫރިމަނާ ކުރަން ފެންނަ ކަމަށް ވޯޓު ދެއްވާފަ އެވެ. އެފްޓީސީން ފޭސްބުކް ޖޫރިމަނާ ކުރަން ނިންމި އަދަދު އަދި ޖަސްޓިސް ޑިޕާޓްމެންޓުގެ ސިވިލް ޑިވިޝަން އިން މުރާޖާ ކުރާނެ އެވެ.
ފަސް ބިލިއަން ޑޮލަރުން ފޭސްބުކް ޖޫރިމަނާ ކޮށްފިނަމަ، މިއީ ޓެކްނޮލިޖީ ކުންފުންޏެއް ޖޫރިމަނާ ކުރި އެންމެ ބޮޑު އަދަދަަށް ވެގެންދާނެ އެވެ. މި މައްސަލައިގައި ފޭސްބުކް އިން މިހާތަނަށް ރަސްމީ ސިފައެއްގައި އަދި އެއްވެސް އެއްޗެއް ބުނެފައިނުވާއިރު، މާހިރުން ވިދާޅުވަމުން ދަނީ ޒާތީ މައުލޫމާތު އާންމުކުރި މައްސަލަ ބަލަން ފެށި ހިސާބުން ބޮޑު ޖޫރިމަނާ އެއް އަންނާނެކަން ފޭސްބުކަށް އެނގޭ ކަމަށެވެ.
ދުނިޔޭގައު އެއް ބިލިއަނަށްވުރެ ގިނަ މީހުން ފޭސްބުކް ބޭނުން ކުރެ އެވެ.