ދުނިޔެ

ނެދަލޭންޑްސްގައި ސަރުކާރު މުވައްޒަފުން ފޭސްބުކް ބޭނުންކުރުން މަނާކުރަނީ

ސަރުކާރުގެ އިދާރާތަކުން ހިފަހައްޓަން ޖެހޭ ދައުލަތުގެ ސިއްރު މައުލޫމާތުތަކަށް އޮތް ނިވައިކަން ގެއްލިދާނެ ކަމަށް ބަލައި ނެދަލޭންޑްސްގައި -- ސަރުކާރުން މުވައްޒަފުންނަށް ފޭސްބުކް ބޭނުންކުރުން މަނާކުރަނީ އެވެ.

ނެދަލޭންޑްސްގެ ނޫސްތައް ބުނާ ގޮތުން އެ ގައުމުގެ ޑިޖިޓަލް މިނިސްޓަރު އެލެގްޒެންދަރު ވޮން ހަފަލަން ވަނީ ސަރުކާރުގެ މި ސިޔާސަތާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވާފަ އެވެ. ނަމަވެސް މި ސިޔާސަތަށް އަމަލުކުރަން ވަކި ތާރީހެއް ސަރުކާރުން ކަނޑައަޅާފައި ނުވާ ކަމަށް ހަބަރުތައް ބުނެ އެވެ.

ޑިޖިޓަލް މިނިސްޓަރު ވިދާޅުވި ގޮތުން ފޭސްބުކްގެ ބެލެނިވެރި ކުންފުނިން ދެމުން އަންނަ ހިދުމަތްކަށް އެ ގައުމުން ފާރާލާތާ ދުވަސްތަކެއް ވެއްޖެ އެވެ. ފޭސްބުކާއި އިންސްޓާގްރާމް އަދި ވަޓްސްއެޕް ފަދަ ސޯޝަލް އެޕްލިކޭޝަންތަކުގެ ސަބަބުން ދައުލަތުގެ ސިއްރުތައް ބޭޒާރުވުމަށް ފުރުސަތު އޮތް ކަމަށް ވިދާޅުވި އެވެ.

ފޭސްބުކް މަނާކުރުމުގެ ކުރިން މިއީ ކުރަން އެންމެ ރަނގަޅު ކަމެއްތޯ ބެލުމަށް އެ ގައުމުގެ ޑާޓާ ޕްރޮޓެކްޝަން އޮތޯރިޓީއާ މަޝްވަރާ ކުރެއްވި ކަމަށް ވަޒީރު ވިދާޅުވި އެވެ. ނަމަވެސް އެ އޮތޯރިޓީއަށް ފެންނަ ގޮތް ސަރުކާރާ އަދި ހިއްސާނުކުރާ ކަމަށްވެސް ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ނެދަލޭންޑްސްގައި ސަރުކާރު މުވައްޒަފުންނަށް ފޭސްބުކް މަނާކުރާނެ އެވެ. މިކަމަށް ބޭނުންވާ ލިޔުންތައް މިހާރު ހުރީ ފުރިހަމަކޮށްފައި ކަމަށް ހަބަރުތައް ބުނެ އެވެ.

ނެދަލޭންޑްސްގެ ސަރުކާރުން މެޓާއަށް ހުށަހެޅި ކަންބޮޑުވުންތަކަށް އެކަށީގެންވާ ޖަވާބެއް އަދިވެސް ނުދޭ ކަމަށް ވެއެވެ. އެ ގައުމަށް ބޭނުންވާ ޔަގީންކަން މެޓާއިން ދޭނަމަ، ފޭސްބުކް ބަންދުނުކޮށް އަމާލުކުރާނެ އުސޫލުތަކެއް ކަނޑައެޅުމަށް ސަރުކާރުން އޮތީ ވިސްނާފައި ކަމަށް ނޫސްތައް ބުނެ އެވެ.

ނެދަލޭންޑްސްގައި ރަސްމީ ވަގުތުތަކުގައި ޗައިނާގެ ބައެއް ނެޓްވޯކްތައް ބޭނުންކުރުން ވެސް އޮންނަނީ މަނާކޮށްފަ އެވެ. މިގޮތުން ޓިކްޓޮކް އަކީ ސަރުކާރުން މުވައްޒަފުން ބޭނުންކުރުން -- އަދި އެ މީހުން ރަސްމީ ބޭނުންތަކުގައި ބޭނުންކުރާ ސްމާޓްފޯނުތަކުގައިވެސް ބޭނުންކުރުން މަނާ އެޕްލިކޭޝަނެކެވެ.

ފޭސްބުކާ މެދު މިގޮތަށް އަމަލުކުރުމަށް ނެދަލޭންޑްސްގެ ސަރުކާރުން ނިންމި ނަމަވެސް އެ ގައުމާ މެދު މެޓާއިން އަމަލުކުރާ ގޮތަކުން އަލުން ހުއްދަ ދިނުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ސަރުކާރުން ބުނެ އެވެ.

ފޭސްބުކް މިވަގުތަށް މަނާކުރަނީ މެޓާއާ އެކު ކުރެވޭ މަޝްވަރާތައް ކޮޅެއްގައި ނުޖެހި ލަސްވާތީ ކަމަށްވެސް ޑިޖިޓަލް މިނިސްޓަރު ވިދާޅުވި އެވެ.