ދުނިޔެ

ފޭސްބުކްގެ އާ ނަމަކީ "މެޓަ"، އެއީ ކުންފުނީގެ ނަން

ފޭސްބުކްގެ ނަން ބަދަލު ކޮށްފި އެވެ. އެކަމަކު ބަދަލު ކުރީ "ފޭސްބުކް އިންކް" ގެ ނަމެވެ. އާ ނަމަކީ "މެޓަ ޕްލެޓްފޯމްސް އިންކް" އެވެ، ކުރިން އާންމު ނަމަކީ ފޭސްބުކް އެވެ. މިހާރު އާންމު ނަމަކީ މެޓަ އެވެ.

މެޓަ އަކީ ގިނަ ބަޔަކު ދަންނަ އަދި އެއްވެ އުޅޭ ސޯޝަލް ނެޓްވޯކް، ފޭސްބުކްއެއް ނޫނެވެ. ފޭސްބުކް އާއި އިންސްޓާގްރާމް، މެސެންޖަރާއި ވަޓްސްއެޕް، އޮކިއުލަސް އާއި ވޯކްޕްލޭސް އަދި ޕޯޓަލް ހިންގާ ކުންފުންޏަށް ކިޔާ ނަމެވެ.

ފޭސްބުކް ކުންފުނީގެ ނަން މެޓައަށް ބަދަލު ކޮށްފައި މިވަނީ ފޭސްބުކްގެ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އަންނަ ދުވަސްވަރެއްގަ އެވެ. ފޭސްބުކްގެ ސަބަބުން ބޮޑު ޖީލެއް ހަލާވެ ހިނގައްޖެ ކަމަށް ބުނެ މަޝްހޫރު ކުންފުނިތަކުގެ ވެރިން ވެސް ވަނީ ފޭސްބުކަށް ނަފުރަތު ކޮށްފަ އެވެ.

ފޭސްބުކް ތެރޭގައި އަދި މުވައްޒަފުނާ މެދު ކަންކުރެވޭ ގޮތާ މެދު ވެސް އޮތީ ކަންބޮޑުވުމާއި ފާޑު ކިޔުމެވެ. ފޭސްބުކްގެ ވެރިޔާ މާކް ޒުކަބާގްގެ ޒާތީ ދިރިއުޅުމުގައި ވެސް މުވައްޒަފުން ތަފާތު ކުރުން އޮންނަ ކަމަށް ދަނީ ބުނަމުންނެވެ.

ފޭސްބުކަކީ މީހުން އަމިއްލައަށް މަރުވާން އެހީތެރިވެދޭ ކުންފުޏެއް ކަމަށް ވެސް ބުނެ އެވެ. ދުނިޔެގައި ވާހައި ނުބައިކަމެއް އެނބުރެނީ ފޭސްބުކް ވަށައިގެން ކަމަށް ބުނެ ޓްވީޓާ އޮތީ ތޮއްޖެހިފަ އެވެ. އެހެން ނަމަވެސް ގެއްލިފައިވާ މީހުންނާއި އާއިލާތައް އެކުވުމަށް ފޭސްބުކްގެ އެހީތެރިކަން ބޮޑުކަން ފާހަގަކުރަން ޖެހެ އެވެ.