އޮސްޓްރޭލިއާގައި ގާނޫނަކަށް ހެދުމަށްޓަކައި ފާސް ކުރަން އުޅޭ "ނިއުސް މީޑިއާ ބާގެއިނިން ކޯޑް" މިހާރު އޮތް ގޮތަށް އޮވެ ފާސް ކޮށްފި ނަމަ، އޮސްޓްރޭލިއާގައި ގޫގުލް ސާޗް ހުއްޓާލަން ޖެހިދާނެ ކަމަށް ގޫގުލް އޮސްޓްރޭލިއާގެ މެނޭޖިން ޑައިރެކްޓަރު، މެލް ސިލަވާ ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ އޭރުން ގެއްލުން ވާނީ ހަމައެކަނި ގޫގުލްއަށް ނޫން ކަމަށާއި ކުދި ވިޔަފާރިތަކަށް އަދި އޮސްޓްރޭލިއާގައި ގޫގުލް ބޭނުންު ކުރާހާ ބަޔަކަށް ކަމަށެވެ.
"ނިއުސް މީޑިއާ ބާގެއިނިން ކޯޑް" ގެ ނަމުގައި ގާނޫނެއް ފާސްކޮށް އޮސްޓްރޭލިއާއިން ކުރަންއުޅޭ ކަމަކީ، ނޫސް މީޑިއާތަކުން ގޫގުލް އަދި ފޭސްބުކްގައި ޝެއާކުރާ ހަބަރު / ލިއުންތަކަށް، ގޫގުލް އާއި ފޭސްބުކުން އަގެއް ދޭން ޖެހުމެވެ. މިސާލަކަށް ގޫގުލް ސާޗްއިން ފެންނަ ގޮތަށް ހަބަރެއް ޝެއާކޮށްފި ނަމަ، އޮރިޖިނަލް ހަބަރު އުފެއްދި ބަޔަކަށް ގޫގުލުން ފައިސާ ދޭން ޖެހުމެވެ. ފޭސްބުކްގައި ޝެއާކޮށްފި ނަމަ އެ ބަޔަކަށް ފޭސްބުކުން ފައިސާ ދޭން ޖެހުމެވެ.
މިކަމާ ގުޅިގެން ފޭސްބުކުން މިދިއަ އަހަރު ބުނީ، އެ ނުކުތާ ގާނޫނަކަށް ހަދައި އަމަލު ކުރަން ލާޒިމް ކުރާ ހިސާބުން ފޭސްބުކާއި އިންސްޓަގްރާމްގައި އެފަދަ އެއްވެސް ލިޔުމެއް އޮސްޓްރޭލިއާގައި އެކަކަށް ވެސް ޝެއާ ނުކުރެވޭ ގޮތް ހަދާނެ ކަމަށެވެ. ގޫގުލުން ބުނީ އޮސްޓްރޭލިއާގައި ގޫގުލް ސާޗް ހުއްޓާލުން ނޫން ގޮތެއް ނޯންނާނެ ކަމަށެވެ.
އެމެރިކާވެސް ވަނީ މި ކަމުގައި އޮސްޓްރޭލިއާއަށް ނަސޭހަތްތެރިވެފަ އެވެ. އެމެރިކާއިން އެދުނީ ފޭސްބުކާއި ގޫގުްލްއަށް އަމާޒުކޮށް ގާނޫނެއް ފާސް ނުކުރުމަށެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރު މިކަމުގެ ތެރެއަށް ވަދެވަޑައިގެން ވަނީ ގޫގުލްއަށް ރައްދު ދެއްވާފަ އެވެ.
"އަޅުގަނޑު މިދަންނަވަނީ، އޮސްޓްރޭލިއާގައި ތިޔަ ބޭފުޅުންނަށް ކުރެއްވޭނެ ކަންތައްތަކާއި ނުކުރެއްވޭނެ ކަންތައްތައް ކަނޑައަޅާނީ އޮސްޓްރޭލިއާގައޭ" ބޮޑުވަޒިރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޕާލަމެންޓުން ކުރާ މަސައްކަތްތަކީ އެއީ ކަމަށެވެ.
"ގާނޫނާއި ގަވާއިދުތައް ހަދަނީ ސަރުކާރުން،" ބޮޑުވަޒީރު ވިދާޅުވި އެވެ. "މިއީ އޮސްޓްރޭލިއާގައި ކަންހިނގަމުން އަންނަ ގޮތަކީ. މިއާއެކުވެސް އޮސްޓްރޭލިއާގައި މަސައްކަތް ކުރަން އެދޭނަމަ އަޅުގަނޑުމެން މަރުހަބާ ދަންނަވަން" އޭނާ ވިދާޅުވި އެވެ.