މި އަހަރުގެ ފުރަތަމަ ކުއާޓަރުގަައި ފޭސްބުކް އަށް ލިބުނު ފައިދާ އަށް ވުރެ ނިމިދިޔަ ދެވަނަ ކުއާޓަރުގައި ލިބުނު ފައިދާ ދެ ގުނަ އިތުރު ވެއްޖެ އެވެ.
ފޭސްބުކުން އާއްމުކުރި މާލީ ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީއެއްގެ ގޮތުގައި ލިބިފައިވަނީ 29.1 ބިލިއަން ޑޮލަރެވެ. އަދި ފައިދާ އުޅެނީ 10.4 ބިލިއަން ޑޮލަރުގަ އެވެ.
ފޭސްބުކް އަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބިފައިވާ 10.4 ބިލިއަން ޑޮލަރުގެ ފައިދާއަކީ މިދިޔަ އަހަރާ ބަލާއިރު ދެގުނަ އިތުރު ވުމެކެވެ. މާކެޓް ދިރާސާ ކުރާ ފަރާތަތަކުން ކުރިން ލަފާކޮށްފައިވަނީ ދެވަނަ ކުއާޓަރުގައި ފައިދާގެ ގޮތުގައި ލިބޭނީ ގާތްގަނޑަކަށް 8.7 ބިލިއަން ޑޮލަރެވެ.
ފޭސްބުކް އަށް މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު މި އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ 56 ޕަސެންޓް އިތުރު ވެފައިވެ އެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ފޭސްބުކްގެ އާމްދަނީ ދަށްވެފައިވަނީ ކޮވިޑުގެ ސަބަބުންނެވެ.
މާކެޓް ދިރާސާ ކުރާ ފަރާތްތަކުން ލަފާ ކުރާގޮތުގައި ކުރިއަށް އޮތް ކުއާޓާތަކުގައި ފޭސްބުކްއަށް ލިބޭ އާމްދަނީގެ އަދަދު ދައްވާނެ އެވެ. އާމްދަނީ ދަށްވުމުގެ ސަބަބަކީ އެޕަލް އިން އަލަށް ގާއިމްކުރި ޕްރައިވަސީ ޕޮލިސީތަކުގެ ސަބަބުންނެވެ. އާ އުސޫލުގެ ދަށުން އައިއޯއެސް 14.5 އިން ފެށިގެން އެޕްލިކޭޝަންތަކަށް ޔޫޒާ ޑާޓާ ނަގައި އެ ޑާޓާ ވިއްކޭނީ އެޕްލިކޭޝަން ބޭނުން ކުރާ ފަރާތްތަކުގެ ހުއްދަ ހޯދުމަށް ފަހު އެވެ. މިކަމުގެ ސަބަބުން ފޭސްބުކްގެ އާމްދަނީ ރިޕޯޓް ނެރުމާއެކު ދުނިހޔޭގެ ހިއްސާގެ ބާޒާރުތަކުގައި އެ ކުންފުނީގެ ހިއްސާގެ އަގު ހަތަރު ޕަސެންޓަށް ވެއްޓުނެވެ.