ޓީވީ ސީރީޒް

"ހައުސް އޮފް ކާޑްސް"ގެ ފަހު ބައި ނޮވެމްބަރު 2 ގައި

ނެޓްފްލިކްސް އިން ގެނެސްދޭ އެމެރިކާގެ މަޝްހޫރު ސިޔާސީ ޑްރާމާ ސީރީޒް "ހައުސް އޮފް ކާޑްސް" ގެ ފަހު ސީޒަން އަންނަ ނޮވެމްބަރު މަހު ދޭއްގައި ރިލީޒްކުރަން ނިންމައިފި އެވެ.

މި ސީރީޒްގެ އޮފިޝަލް ޓުވިޓާގައި ވަނީ މި ތާރީހު ކަށަވަރުކޮށްދީފަ އެވެ. ބިއު ވިލިއަމް، 2013 ވަނަ އަހަރުން ފެށިގެން ގެނެސްދެމުން އަންނަ މި ސީރީޒްގެ ކާމިޔާބު ފަސް ސީޒަނެއް މިހާތަނަށް ދައްކާފައިވެ އެވެ. ފަހު ސީޒަންގައި ހަ އެޕިސޯޑް ހިމެނެ އެވެ.

ފަހު ސީރީޒަންގައި ލީޑުން ފެނިގެންދާނީ ގޯލްޑްން ގްލޯބް އެވޯޑާއި އޮސްކާ އެވޯޑު ހާސިލުކޮށްފައިވާ ރޮބިން ރައިޓް އެވެ. މިދިޔަ ފަސް ސީޒަނުގައި ލީޑުން ފެނިގެންދިޔަ ކެވިން ސްޕޭސީ ވަނީ މި ސީރީޒުން ވަކިކޮށްފަ އެވެ. ނެޓްފްލިކްސްއިން ކެވިން ވަކިކުރީ ޖިންސީ ފުރައްސާރާގެ ތުހުމަތުތަކެއް އޭނާގެ މައްޗަށް ކުރެވުމާއި ގުޅިގެންނެވެ.

އެންމެފަހުން ދެއްކި ސީޒަން ފަހެއް ނިމުނީ އެމެރިކާގެ ރައީސްކަމުގައި ހުރި ފްރޭންކް އަންޑަވުޑް (ކެވިން) ވެރިކަމުން ފައިބާ ކްލެއާ އަންޑަވުޑް (ރޮބިން) އެމެރިކާގެ ރައީސާކަމާއި ހަވާލުވާ ހިސާބުންނެވެ. މި ސީޒަންގައި ގެނެސްދެނީ އޭގެ ފަހުން ހިނގަމުންދާ ކަންކަމެވެ.

"ހައުސް އޮފް ކާޑްސް" ހަ ވަނަ ސީޒަންގެ ޓީޒާ.

"ހައުސް އޮފް ކާޓްސް" އަކީ ޕްރައިމްޓައިމް އެމީ އެވޯޑްސްގައި މިހާތަނަށް އެންމެ ގިނަ ނޮމިނޭޝަންތައް ހޯދި އޮރިޖިނަލް އޮންލައިން ސީރީޒް އެވެ. މިހާތަނަށް މި ސީރީޒް 53 ފަހަރަކު އެމީ އެވޯޑްސްއަށް ނޮމިނޭޓުވިއިރު، ހަތް ފަހަރަކު ވަނީ އެ އެވޯޑު ކާމިޔާބުވެސް ކޮށްފަ އެވެ.

ގޯލްޑެން ގްލޯބް އެވޯޑްސްއަށް ހަ ފަހަރު ނޮމިނޭޓުވިއިރު، ދެ ފަހަރަކު އެވޯޑު ގެންގޮސްފައިވެ އެވެ. މީގެ އިތުރުން ސްކްރީ އެކްޓާސް ގިލްޑް އެވޯޑްސް އާއި ބާފްޓާގެ އިތުރުން އެކި އެވޯޑުތަކުގައި ނޮމިނޭޓުވެ ކާމިޔާބީތައް ހޯދާފައިވެ އެވެ.