ސިއްހަތު

އާދަޔާހިލާފަށް ހޫނުގަދަވީމަ ހަށިގަނޑަށް ދެން ވަނީ ކިހިނެތް؟

އިންޑިއާގެ ބައެއް ހިސާބުތަކުގައި މި ދުވަސްކޮޅު ފިނިހޫނުމިން އާދަޔާހިލާފަށް މައްޗަށް އަރައިގެން އުޅޭ ވާހަކަ އެންމެން ވެސް އޮންނާނީ ޚަބަރުތަކުން އަހައި، ކިޔައިފަ އެވެ. އެހެންވީމަ އެކްސްޓްރީމް ހީޓް ނުވަތަ ފިނިހޫނުމިން 49 ޑިގްރީ ސެލްސިއަސް އަށް އަރައި މި ގަދަ ހޫނަށް ހުށަހެޅޭ މީހާ އަށް ދެން ވެގެންދާ ގޮތަށް ބަލާލަމާ ހިނގާށެވެ.

އިންޑިއާ ފިއްސަމުން ގެންދާ "ހީޓް ވޭވް" ގައި މިހާރު އެ ވަނީ 2،300 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. މިފަދަ މުސީބާތެއް ކުރިމަތިވުމުގެ ކުރިން މިފަދަ ހާލެއްގެ ނުރައްކަލާއި ވާނުވާ އެނގުން ވެސް ވަރަށް މުހިންމެވެ.

ގަދަ ހޫނަށް ހުށަހެޅިގެން ހަށިގަނޑަށް ލިބޭ ގެއްލުންތަކަކީ ވަގުތުން ފަރުވާ ނުދެވިއްޖެ ނަމަ މައްސަލަ ނިކަން ބޮޑަށް ގޯސްވެ ފުރާނަ އަށް ވެސް ނުރައްކާވާ ވަރުގެ މައްސަލަ އެކެވެ. އިންޑިއާ އިން ފެންނަމުން އެ ދަނީ ވެސް މީގެ މިސާލެވެ.

އިންސާނާގެ ހަށިގަނޑުގެ އާންމު ފިނިހޫނުމިނަކީ 37 ޑިގްރީ ސެލްސިއަސް އެވެ. ހަށިގަނޑުން ދާހިއްލަން ފަށާނީ ބޮޑީ ޓެމްޕަރޭޗާގެ ގޮތުގައި ފާހަގަކޮށްފައިވާ މި އަދަދު ފަހަނަޅައިދާ ހިސާބުންނެވެ. ދާހިއްލުމަކީ ހަށިގަނޑު ފިނިކޮށްދޭނެ ކަމެކެވެ.

ނަމަވެސް މި ހޫނާ ކުރިމަތިލާން ޖެހި، ދާހިއްލަން ޖެހި ފެން ނުވަތަ އެހެން ދިޔާ އެއްޗެހި ވެސް ހަށިގަނޑަށް އެތެރެނުކުރެވިއްޖެ ނަމަ ދެން ކުރިމަތިވާނީ ޑީހައިޑްރޭޝަން އެވެ. މިއީ ހަށިގަނޑަށް ބޭނުންވާ ފެނުގެ މިންވަރު އާދަޔާހިލާފަށް ދަށްވުމުން ކުރިމަތިވާ ސިއްހީ މައްސަލައެކެވެ.

ހަށިގަނޑު އާދަޔާހިލާފަށް ފެން މަދުވެ ވަރުބަލިވުމުން، ޑީހައިޑްރޭޝަންގެ ސަބަބުން ލޭގެ ހިނގުން ވެސް ދަށްކޮށްލަ އެވެ. ހަށިގަނޑުގައި ދައުރުކުރާ ލޭގެ ހިނގުން ދަށްވުމަކީ ހުރިހާ ނުރައްކަލެއްގެ ފެށުމެވެ.

އެގޮތުން ޑީހައިޑްރޭޝަންގެ ސަބަބުން ކުރިމަތިވާ ހުރަސްތަކާ ގުޅިގެން ކިޑްނީ އާއި ސިކުނޑި ފަދަ މުހިންމު ގަނަވަންތަކަށް ލޭ ލިބުމުގެ މަގު ބަންދުވެ އެވެ. އެންމެފަހުން މިފަދަ ގުނަންތަކުގެ މަސައްކަތުގެ ދުވެލި ލަސްވެ، މަޑުވަމުން ގޮސް އެއްކޮށް ހުއްޓެނީ އެވެ.

މިއީ ހަށިގަނޑަށް އިތުރު މައްސަލަތަކެއް ކުރިމަތިވާން ފަށާ މަރުހަލާއެކެވެ. އަދި ހުރިހައި ނުބައިކަމެއް ނުބައިކޮށްލާ މަރުހަލާ ވެސްމެ އެވެ.

ބައެއް ދިރާސާތަކުން އެނގިފައި ގޮތުން މި ހާލަތުގައި ގޮހޮރު ފަދަ ގުނަވަންތައް ފަޅައިގެން ގޮސް ލޭގެ ނިޒާމުގެ ތެރެއަށް ބެކްޓީރިއާ ލީކުވުމަކީ ވެސް މި މަރުހަލާގައި ކުރިމަތިވާ ސީރިއަސް މައްސަލަ އެކެވެ.

މި ހުރިހާ މައްސަލަތަކަށް ބަލައި ތަޖުރިބާކާރުން ބުނަނީ "ހީޓް ސްޓްރޯކެއް" ޖެހޭ މީހާ ސަލާމަތްވުމުގެ ފުރުސަތު އޮތަސް ގިނަ ހާލަތްތަކުގައި އެންމެ ޒަމާނީ ފަރުވާ ދީގެން ވެސް އެ މީހަކު ސަލާމަތްނުކުރެވިދާނެ ކަމަށެވެ. އެގޮތުން "ހީޓް ސްޓްރޯކަކުން" މަރުގެ ފުރުސަތު 30 ޕަސެންޓާއި 40 ޕަސެންޓަށް އަރާ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ފިނިހޫނިމިން މަތިވުމުގެ ސަބަބުން އިންސާނުންނަށް ކުރިމަތިވާ މިފަދަ މައްސަލަތަކުގެ ނުރައްކާ ބޮޑުވަމުން އަންނައިރު ތަޖުރިބާކާރުން ބުނަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން މުސްތަގުބަލުގައި މި ނުރައްކާ މި އަށް ވުރެ އުސް މިނަކަށް އަރައިގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.