ރާއްޖޭގައި ވޭޕް މަނާކުރާ ގޮތަށް ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު މިރޭ 12 އިން ފެށިގެން ވޭޕް ބޭނުންކުރުމާއި ވިއްކުމާއި ބެހުން މަނާވާނެ އެވެ.
ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ.
މި އިސްލާހުގައިވާ ގޮތުން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުން މަނާވާނެ އެވެ.
ވޭޕް މަނާކުރުމަށް ކަނޑައަޅާފައިވާ ތާރީހަށްފަހު ވޭޕްއަށް ބޭނުންވާ އާލާތްތައް އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ވޭޕް ކުރުމަށް ބޭނުންވާ ކޮންމެ އާލާތަކަށް 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.
ވޭޕްގެ އާލާތެއް ވިއްކައިފިނަމަ 20،000 ރުފިޔާއިން ޖޫރިމަނާކޮށް، ވިއްކާ ކޮންމެ އާލާތަކަށް 10،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ވެސް ވަނީ ނިންމާފަ އެވެ. އޭގެ އިތުރުން ވޭޕް ބޭނުންކުރާނަމަ 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.