މީހުން

ހުރަސްތައް ފުނޑުފުނޑުކޮށް ފިރާގު އެންމެ މަތީގައި

ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ވެސް މިއީ ހައިބަތު ހުރި ނަމެކެވެ. ބޮޑު ނަމެކެވެ. އަދި ވައިގެ ދަތުރުފަތުރު ނޫނީ އޭވިއޭޝަންގެ ވިޔަފާރީގައި ވެސް މިއީ އަދި މާ ހިނގާ ނަމެކެވެ. މުހައްމަދު ފިރާގު ނުވަތަ އާއްމު ނަމުންނަމަ 'އިނަ މޯލްޑިވްސް ފިރާގު' މަސައްކަތް ކުރަން ފެއްޓެވީ އުމުރުން 14 އަހަރުގަ އެވެ. ހަފުތާ ބަންދު ދުވަސް ދުވަހު ނުކުމެ ފެށި މަސައްކަތުން ބޮޑު ކުންފުންޏެއްގެ ބިންގާ އެޅުއްވި އެވެ. މިއަދު އެ ކުންފުންޏަށް 20 އަހަރު ފުރުނިއިރު މިއީ ވަރުގަދަ ބްރޭންޑް ނަމެކެވެ. އެތަށް އާއިލާތަކެއް ބަލަހައްޓާ، ވެއްޓެކެވެ. ތިރީގައި އެވަނީ އިނަ މޯލްޑިވްސް ފިރާގު، "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގެ ބައެއް ސުވާލުތަކާއި އޭގެ ޖަވާބުތައް ކުރުކޮށެވެ.

ޓޫރިޒަމް ދާއިރާ އަށް ނުކުމެވުނީ ކިހިނެއްތޯ؟ އޭގެ ކުރީގައި ކުރެއްވީ ކޮން މަސައްކަތެއް ތޯ؟

ސްކޫލްގައި ކިޔަވަން އުޅުނުއިރު ޕާޓްޓައިމްކޮށް މަސައްކަތް ކުރަން އުޅުނީ. އޭރު އުމުރުން 14 އަހަރު. އޭރު ވެސް ގެސްޓްހައުސް އަށް މީހުން ފޮނުވާ. އެ މަސައްކަތް ކުރީ. އެކަން ކުރީ ހުސް ދުވަސް ދުވަހު. މުހައްމަދު އާރިފު އާއެކު. އެހެން ގޮސް އިންޓްރެސްޓް ވެއްޖެ އެ މަސައްކަތަށް. އޭރަކު ނުކުރެ މޮޑާން ކޮމިއުނިކޭޝަންއެއް. އުޅަނދު ތަކެއް. ވަރަށް ދަތިކޮށް އުޅުނީ. އޭގެ ފަހުން ގުޅުނީ ސަން ޓްރެވަލްސްއާ. އޭރު ސަން ޓްރެވަލްސް ފަށައިގެން އައި ދުވަސްވަރު. އޭގެ ފަހުން އަމިއްލަ އަށް ފަށަން ވެގެން 'ޓްރެވަލް 2000' ކިޔާ ކުންފުންޏެއް އުފެއްދީ. އެހެން ނަމަވެސް ދިމާވި މާލީ މައްސަލަތަކެއްގައި ޕާޓްނަރުންނާ ވަކިވާން ޖެހުނީ. އޭގެ ފަހުން އިނަ މޯލްޑިވްސް އުފެއްދީ. އޭރު ގޭގައި ކުޑަ ކޮޓަރިއެއްގައި ކުރީ ޕާޓްނަރާއެކު. އޭރު އެމްޑީއަކީވެސް. ޕިއޯނަކީ ވެސް އަޅުގަނޑު. ވަރަށް ކުޑަ ކުޑަ ސްކޭލެއްގައި ގްރޯވީ. ވަކި ހިސާބަކުން ބޮޑުވީ.

މި ދާއިރާގައި އެންމެ ތަޖުރިބާކާރު އެއް ބޭފުޅަކަށް ފިރާގު ވާނެ، މި ދާއިރާގެ ފުރަތަމަ ތަޖުރިބާއަކީ ކޮބައިތޯ؟

ފުރަތަމަ ހަމަ ހޮޓެލްތަކަށް ބުކިން ނުހަދައި އަންނަ މީހުންނާ ވާހަކަ ދައްކައިގެން ތަންތަނަށް ފޮނުވަމުން ދިޔައީ. އެ މީހުންގެ މަސައްކަތް ހައްލު ކޮށްދެމުން ދިޔައީ. އޭރު ވަރަށް ތަފާތު ވާނެ. މިހާރު އެއާޕޯޓުގައި އުޅޭ ކުދިން ވަރަށް ހަމަޖެހިލައިގެން މަސައްކަތް ކުރަމުން އެދަނީ. އެއީ 1984 ވަނަ އަހަރު.

އިނަ މޯލްޑިވްސް އަށް 20 އަހަރު ފުރުނުއިރު ވަރަށް ގިނަ މުވައްޒަފުން މަސައްކަތް ކޮށްފައި ވާނެ. ކޮބާ ތޯ މިކަމުން ލިބޭ އެންމެ ބޮޑު އުފަލަކީ؟

ވަރަށް އުފާވެ ކުރިން މަސައްކަތް ކުރި ކުދިންނާ ދިމާވީމަ. އަބަދު ވެސް ބަލަން ކުރާ މަސައްކަތުގެ މައުލޫމާތު ދިނުން. މިހާރުވެސް އެއާޕޯޓް ދިޔާމަ ދިމާވެ މިތަނުގައި [އިނަ މޯލްޑިވްސް] ގައި މަސައްކަތް ކޮށްފައި ތިބި ކުދިން. ވަރަށް އުފާވެ، އެ ކުދިންގެ ރެސްޕެކްޓާއި އެހީތެރިކަން ވަރަށް ބޮޑު އަޅުގަނޑަށް.

ޓޫރިޒަމްގައި ބައިވަރު ޓްރެވަލް ކުންފުނި އެބަހުރި. އިނަ މޯލްޑިވްސްއާ އެހެން ކުންފުނިތަކުގެ ތަފާތަކީ ކޮބައި ތޯ؟

އަޅުގަނޑުމެންގެ އެބަ އުޅޭ 170 ވަރަކަށް މުވައްޒަފުން. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެތަނެއްގެ އެންމެ އިސްކޮށް ހުންނަ މީހާ ވާންޖެހޭނެ މުވައްޒަފުންނަށް އެވޭލަބަލް މީހަކަށް. ބައެއް ކުންފުނިތަކުގައިވާ ގޮތަކީ ވަކި ހިސާބަކަށް ދިޔައީމަ ދެން ނުފެންނާނެ. އެހެން ވެގެންނުވާނެ. އަޅުގަނޑު ވަރަށް ފަސޭހަ ވާނެ. ވަރަށް ބޮޑަށް ބަލަން ހުރިހާ ކަމެއްގައި. މިތަން [އިނަ މޯލްޑިވްސް] ގައި ޝަކުވާ އައުން މަދުވާނެ. ކަސްޓަމަރުންގެ ޝަކުވާ ވެސް އެންމެ ފުރަތަމަ އަންނާނީ އަޅުގަނޑަށް. އެކަމަކާ އަޅުގަނޑު ފޭސް ކުރާނެ. ފޭސް ކުރަންވެސް ކެރޭނެ. އިނަ މޯލްޑިވްސްގައި ކުރާ ކަމެއް ނޫން މުވައްޒަފުންނަށް އެއްޗިހި ގޮވައި ހެދުމަކީ. ހިއުމަން އެރާސް ހެދޭނެ. އެކަމަކު ލިމިޓޭޝަންތަކެއް ހުންނާނެ. އެކަަން ވިސްނައިގެން މިދަނީ. ކުންފުނިތަކުންވެސް ބުނޭ އިނަ މޯލްޑިވްސްއާއެކު މަސައްކަތް ކުރަން ވަރަށް ފަސޭހަ އޭ.

އިނަ މޯލްޑިވްސްއަކީ ޓޫރިޒަމް ދާއިރާގައި މިހާރު އެންމެ ހިންގާ އެއް ނަން. އިނަ މޯލްޑިވްސް ކުޑައިގެ ދަށުގައި ކިތަށް ބްރޭންޑް މިހާރު އެބަހުރިތޯ؟

އިނަ މޯލްޑިވްސް ހަތަރު ބްރޭންޑެއް ގެންގުޅެން. އެއީ އިނަ މޯލްޑިވްސްގެ އިތުރުން އޭސް ޓްރެވަލްސް އާއި ސްރީލަންކަން އެއާލައިންސް އަށް ހާއްސަކޮށް ހިންގާ އޭސް އޭވިއޭޝަން. އޭސް ޓްރެވަލްސްއިން ކެތޭ ޕެސިފިކާއި ސްކޫޓާއި ތަފާތު އެއާލައިންސްތަކުގެ ޖީއެސްއެމް ކުރޭ. މީގެ އިތުރުން ރާއްޖެ އާއި ރާއްޖޭން ބޭރުގެ ޕްރޮޕަޓީތައް މެނޭޖު ކުރަން.

މިވީ 20 އަހަރުތެރޭގައި އެންމެ ގޮންޖެހުން ބޮޑުވި ދުވަސް ވަރަކީ ކޮބައި ތޯ؟

އަޅުގަނޑަށް އައި ހަމަ ސުނާމީއެއް ފަދަ ދުވަސްތަކެއްވެސް. ޕާޓްނަރުންނާއެކު ކުދިކުދި މައްސަލަ ޖެހުނު. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ލީގަލް ސިސްޓަމް، އޭރުގައިވެސް ވިޔަފާރީގެ އުސޫލުތަކުގައި ހުންނަ ބައެއް ޕްރިންސިޕަލްސް އޭރުގައި ކޯޓުތަކުގައި ތިއްބަވާ ބޭފުޅުންނަށް އަންޑަސްޓޭންޑެއް ނުވޭ. ވިޔަފާރިއާ ގުޅޭ ކަންކަމުގައި ޖަސްޓިފިކޭޝަނެއް ނެގެވޭ ވަރުގެ ކޯޓުތަކެއް ނެތުން މިއީ މައްސަލައަކީ. ވިޔަފާރީގައި ހުންނާނެ މައްސަަލަ. އެކަން ހައްލު ނުވެ ލަސްވުމަކީ ޗެލެންޖެއް.

ދިވެހި ޓްރެވަލް ކުންފުނިތަކާއި ބޭރު މީހުން ތަފާތު ކުރުން ގެންގުޅޭ ކަމަށް އަޑުއިވޭ. މި ވިޔަފާރީގައި ހުރި ގޮންޖެހުން ތަކަކީ ކޮބައި ތޯ؟

ޓްރެވަލް ވިޔަފާރިއަކީ މާކަގިނަ ފައިސާތަކެއް ހުރެގެން ކުރާ ކަމެއް ނޫން. މާކަގިނަ އެސެސްޓްސް ތަކެއް ހުރެގެން ކުރާ ވިޔަފާރިއެއް ނޫން. އެހެންނަމަވެސް އަޅުގަނޑުމެން ޖެހޭ ވަރަށް ބޮޑު އިންވެސްޓްމަންޓެއް ހަދަން. ފައިސާ ކޮންމެވެސް ގޮތަކަށް ހޯދައިގެން އެބަޖެހޭ ރޫމަށް އެޑްވާންސް ދައްކަން. ރޫމް ހޯދަންޏާ ރޯމަކަށް 4،000 ޑޮލަރު ވަރު ދައްކަން ޖެހޭ. މިކަމަކީ އަލަށް ކުރަން އަންނަ މީހާއަށްވެސް ފެށޭނެ ވަރުގެ ކަމަކަށްވާން ޖެހޭ. ހަގީގަތުގައި މި ވިޔަފާރީގައި ދިވެހި ކުންފުނިތަކަކީ ދޮން ދަރިން. ރިސޯޓު އޯނަރުގެ ދޮންދަރިންނަކީ ދިވެހި ކުންފުނިތައް. ބޭރުގެ ޓުއާ އޮޕަރޭޓަރުން ކުރާ ރިކުއެސްޓްތައް އެބަލިބޭ އެއްވެސް ޑިޕޮސިޓެއް އެޑްވާންސެއް ނެތި. އެހެންވެ މި އެހާ ފެއާއެއް ނޫން. މި ވިޔަފާރި ފެށިއިރު ބައެއް ފަހަރު މި ވިޔަފާރި ފެށިއިރު ނިދަން އޮންނަ ބައެއް ރޭރޭ ދެން މި ވިޔަފާރި ހުއްޓާލާފަ މީހަކު ކައިރިއަށް ވަޒީފާއަށް ދާންވީއޭ. މި ތަޖުރިބާ އަލަށް އަންނަ ކުންފުނިތައް ވެސް ކުރޭ.

ފިރާގަށް މި އަހަރު މިނިވަން ދުވަހު ވަނީ ޓޫރިޒަމް ދާއިރާ އިން، ރާއްޖޭގެ ޓޫރިޒަމް ކުރިއެރުން ލިބޭނޭ އެކި ކަންކަން ހިންގުމާއި ތައާރުފުކުރުމުގެ ރޮނގުން ގައުމީ އިނާމު ލިބިފަ، މިއީ ކިހާވަރެއްގެ ހިތްވަރެއްތޯ މަސައްކަތުގައި ލިބިގެން ދިޔަ؟

އަޅުގަނޑު ވަރަށް އުފާވިކަމެއް އެއީ. މި މަސައްކަތް ގަބޫލުކުރީމަ. މިއީ ކޮންމެ މީހަކަށް ލިބޭނެ އެއްޗެއް ނޫން. މިއީ ޝަަރަފެއް. މި އިންނާނެ އަޅުގަނޑުގެ ދަރިންގެ ދަރިންނަށް ވެސް. އެކަމަށްޓައި ޝުކުރު އަދާކުރަން. އުންމީދުކުރަނީ އަލަށް ނުކުންނަ ފަރާތްތަކަށްވެސް މިފަދަ ގައުމީ ފެންވަރުގެ އިނާމުތައް ލިިބިގެން ދިއުން. މިއީ ވަރަށް ބޮޑު ހިތްވަރެއް.

އިނަ މޯލްޑިވްސްގެ ކުރިއެރުމުގައި އެންމެ އެހީތެރިވެ ދެނީ ކޮން ބައެއް. އިނަ މޯލްޑިވްސް މުސްތަގުބަލްގައި ފެންނާނީ ކިހިނެއް ތޯ؟

މާތްﷲ އަށް ހަމްދުކުރަން. އަޅުގަނޑު ކުރިއަށް ދިއުމުގައި މުވައްޒަފުންގެ ދައުރު ވަރަށް ބޮޑު. ކުންފުންޏެއްގައިނަމަ ވަރަށް ދަތިކަންތައްތައް ހުންނާނެ. އެ ހުރިހާ އުނދަގޫތަކެއްގައިވެސް އެމީހުން ތިބޭ. މުސްތަގުބަލްގައި އެދެނީ އަޅުގަނޑު ނެތަސް މި ބްރޭންޑް ދެމިގެން ދިއުން. މުސްތަގުބަލަކީ މި ދެމެހެއްޓުން. ނަމެއް އުފެދި ކުރިއަރައިގެން ދަނީ ވަރަށް ދުވަހުން