މީހުން

ނަސްރީނާ: އައިޓީބީގައި ރާއްޖެ "މީރުކޮށްދެނީ"

ޖަރުމަނުން: މުހައްމަދު އަފްރާހު - މިހާރު ޖަރުމަންގައި ފަށައިގެން ކުރިއަށް ދާ ޓޫރިޒަމްގެ ބޮޑު ފެއާ، އައިޓީބީގައި ރާއްޖޭގެ ސްޓޯލުން ފެންނަ އެންމެ ތަފާތު މީހަކީ މިއީ އެވެ. އެ ސްޓޯލަށް އަންނަ އެންމެންގެ ސަމާލުކަން ހުއްޓިފައި ވަނީ، ކުޅަދާނަ ކައްކާ ނަސްރީނާ އަލީގެ ރަހަތަކަށެވެ. އޭނާގެ މަސައްކަތަކީ ސްޓޯލަށް ޒިޔާރަތް ކުރާ މީހުންނަށް ދިވެހި ރަހަތަށް ފޯރުކޮށްދިނުމެވެ. އެކަން އޭނަ ކުރުމަށް ވަރަށް ކުޅަދާނަ އެވެ. އޭނާ ތައްޔާރު ކޮށްފައިވާ ކުދި ކުޅައާއި އަތުޖެހި، މި އަންނަނީ އަތުފަތު ނުޖެހި ފެއާގައި ވިކެމުންނެވެ. ރާއްޖޭގެ ސްޓޯލަށް އަންނަ ބޭރު މީހުން އެންމެ ހިތް ދަމައި ގަންނަ އެއް ކަމަކީ މިއީ އެވެ. މިއީ ޖަރުމަނުގައި މިހާރު ކުރިއަށްދާ އައިޓީބީ ފެއާގެ ރާއްޖޭގެ ސްޓޯލުގައި ލުއި ކާނާ ތައްޔާރުކޮށް ފޯރުކޮށްދޭން ހަވާލުވެހުރި ކުޅަދާނަ ކައްކާ، ނަސްރީނާ އަލީ އެވެ.

"މިކަމަކީ ވަރަށް ކުރާ ހިތުން ކުރާކަމެއް އެހެންވެ މިގޮތަށް ފޫހިކަމެއް ނެތި ކިތަންމެ ގިނަ ދުވަހު ވެސް ހުރެވިދާނެ،" 41 އަހަރުގެ ނަސްރީނާ ބުންޏެވެ.

ނަސްރީނާ ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ ކަމަށްވާ "އައިޓީބީ" ގައި ދިވެހިން ފަހުރުވެރި ކުރުވާ ފަދަ ހުނަރު ދަނީ ދައްކަމުންނެވެ. އޭނާގެ އަމިއްލަ އުފެއްދުންތައް ކަމަށްވާ މަސް ހުންޏާއި ތެލުލި ރިހާ ކުރުން އަދި ތެލުލި ފަތުގެ އިތުރުން ކުދި ކުޅައިގެ ރަހަ ދައްކާލާއިރު މިއީ އާދައިގެ އަންހެނެއް ނޫނެވެ. ނަސްރީނާގެ ވާހަކަ ދައްކާނަމަ ދާން ޖެހޭނީ މީގެ 16 އަހަރު ފަހަތަށެވެ.

ނަސްރީނާ ކެއްކުމުގެ ތެރެއ ަށް ވަނުމުގެ ކުރިން ވެސް އޭނާކީ ގައުމަށް ހިދުމަތް ކުރުމުގެ ދިގު ތާރީހެއް އޮތް އަންހެން ކަނބަލެކެވެ. ހީވާގި އަންހެން ކަނބަލެކެވެ. ސަރުކާރަށް ވެސް ހިދުމަތް ކުރި އެވެ. އޭގެ ފަހުން ސްރީލަންކާގައި ކެއްކުމުގެ ދާއިރާއިން ޑިގްރީއެއް ވެސް ހޯދި އެވެ. އަދި ކޭކު ފަރުމާ ކުރުމުން ޑިޕްލޮމާ ހާސިލް ކުރި އެވެ. ހަމަ މި ދުވަސްވަރު ނިއުޒިލެންޑުގައި ފިރިމީހާއާއެކު 2008 ވަނަ އަހަރު ކެއްކުމުގެ ދާއިރާގެ ކުޑަ ވިޔަފާރިއެއް ވެސް ކުރި އެވެ. މިއީ ކުޑަމަހެއް ހެއްޔެވެ؟

ނިއުޒިލެންޑުގައި ފިޝް އެންޑް ޗިޕްސް ހަދައިގެން ވިއްކާނެ ތަނެއް ހުޅުވައި ކާމިޔާބު ވިޔަފާރިއެއް ކުރި އެވެ. އަދި އެ ގައުމުގައި ފަސްތަރީގެ ހޮޓަލެއްގައި ވެސް މަސައްކަތް ކުރި އެވެ. އަދި މިވަރުން ނިމުނީއެއް ވެސް ނޫނެވެ. ރާއްޖެ އަށް އަންނަ މަތިންދާ ބޯޓު ތަކަށް ކެއުން ތައްޔާރު ކުރާ އިން ފްލައިޓް ކޭޓަރިން ކުންފުނީގައި ވެސް ހިދުމަތް ކުރި އެވެ. އެ ތަނުގައި ތައްޔާރު ކޮށްދެނީ ރާއްޖެއަށް އުދުހޭ އެންމެ ފެންވަރު ރަނގަޅު ބޯޓު ފަހަރުގެ ބިޒްނަސް ކްލާސް ފައިންޖަރުންގެ ކާތަކެއްޗެވެ.

މިހިސާބުން ނަސްރީނާގެ ކުރީގެ ވާހަކަ ނިންމާލުމަށް ފަހު މިހާރުގެ ވާހަކަ އަށް ދަމާ ހިނގާށެވެ. އޭނާ ދާދި ފަހަކާ ޖެހެންދެން ވެސް މަސައްކަތް ކުރީ ފަރަވެރި ރިސޯޓުގެ ބަދިގޭގަ އެވެ. ބަދިގޭގެ "ހޫނު ގޮނޑީ" ގައި އޭނާ ވަނީ ޓޫރިސްޓުންގެ ހިތް އުފާކޮށްދީފަ އެވެ. އެތަށް ބައިވަރު މެހުމާނުންނެއް ހިތްހަމަ ޖައްސައިދީފަ އެވެ. އޭގެ ފަހުން މިއަދު އޭނާ އެވަނީ އަނެއްކާ ވެސް އެހެން ރިސޯޓަކަށް ބަދަލުވެފަ އެވެ. އެއީ އަންނަ މަހު ހުޅުވާ ދިގަލި ރިސޯޓަށެވެ. ޔުނިވާސަލް އިން ހުޅުވާ މި ރިސޯޓުން ލިބުނު ރަނުގެ ފުރުސަތު ބޭނުން ހިފައިގެންނެވެ.

ނަސްރީނާ ބުނި ގޮތުގައި މި ދާއިރާގައި އެންމެ ބޮޑަށް އުފާވަނީ މަސައްކަތް އެންމެ ފުރިހަމަ އަށް ނިންމާލުމުންނެވެ.

"ވަރަށް ގިނައިން ރާއްޖެއަށް ރީޕީޓުކޮށް އަންނަ މީހުންނާ ދިމާވެ. ބައެއް މީހުންއައިފައި ބުނޭ މީގެ 20 އަހަރު ކުރިން އައިސް އެމީހުން ކެއި ކަނޑު ކުކުޅު ނޫނީ ކިރު ގަރުދިޔަ ކައްކައި ދޭން. އަޅުގަނޑު މިފަދަ އެއްޗިހި ކައްކައި ދިނީމަ ވަރަށް މީރު ކަމަށް ބުނޭ. ބައެއް މީހުން ބުނޭ ކުރިން އެމީހުން ކެއި ދުވަސް ވަރަށް ވުރެވެސް މީރު ކަމަށް. މިއީ ވަރަށް އުފާވާ ކަމެއް،" ނަސްރީނާ ބުންޏެވެ.

އޭނާއަށް ލިބޭ އެންމެ ބޮޑު އުފަލަކީ މިއީއެވެ. މީގެ އިތުރުން ނަސްރީނާ ވަނީ ގިނަ ކާމިޔާބީތަކެއް ވެސް ހޯދާފައެވެ. މިގޮތުން ހޮޓެލް އޭޝިޔާ، ކަލިނަރީ ޗެލެންޖުގައި ރަން މެޓަލްގެ އިތުރުން ބްރޯޒް އާއި ސިލްވާވެސް ހޯދި އެވެ. އަދި ނިއުޒިލޭންޑުގައި ބޭއްކި ކޭކު ޒީނަތްތެރި ކުރުމުގެ މުބާރާތަކުން ރަން މެޑަލެއް ހޯދާފައިވެ އެވެ. އަދި އައިޓީބީ ބާލިން ފެއާގައި ބައިވެރިވާތާ ތިން އަހަރުވީ އެވެ.