ވިޔަފާރި

އައިޓީބީގައި ރާއްޖޭގެ ސްޓޯލް ފުރިފައި

(ޖަރުމަނުން -- މުހައްމަދު އަފްރާހު) ދުނިޔޭގެ ޓޫރިޒަމްގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ ކަމަށްވާ އައިޓީބީ ބާލިން މިއަދު ވަނީ ޖަރުމަނުގައި ފަށާފައެވެ. ދުނިޔޭގެ ޓޫރިޒަމްގެ އެންމެ ބޮޑު ފެއާ ކަމަށްވާ އައިޓީބީ ފެއާ މިއަދު ފެނުނީ ބިޒީކޮށެވެ. މިގޮތުން މުޅި ހުރިހާ ސްޓޯލްތަކުން ވެސް ގިނަ ބައެއްގެ ނަޒަރު ހުއްޓުނީ ރާއްޖެ އަށެވެ. މި ގޮތުން ރާއްޖޭގެ ސްޓޯލުގައި ޓޫރިޒަމް ދާއިރާގެ އިސް ފަރާތްތަކާއެކު ބައްދަލުވުންތައް ބޭއްވުމަށް އޮތީ "ކިޔޫ ދަމާލާފަ" އެވެ.

"މި އަހަރު މި ފެންނަނީ އެހެން އަހަރުތަކަށްވުރެ ބިޒީކޮށް. ބުނެވިދާނެ ރާއްޖޭގެ ސްޓޯލުން މީހުން ފިލައިގެންދާ ވަގުތެއް ނާދެއޭ،" މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ވިދާޅުވި އެވެ.

އައިޓީބީ ފެއާގައި މި އަހަރު ރާއްޖޭގެ 88 ކުންފުންޏަކުން 240 މީހުން ބައިވެރިވެފައިވެ އެވެ. މީގެތެރޭގައި ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ފުންނާބު އުސް ނަގާކިޔާ ބޭފުޅުންވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ ކަމަށްވާ ހުސެއިން އަފީފު (ޗަމްޕާ އަފީފު) އިތުރުން އަހުމަދު ސިޔާމް (ސަން ޓްރެވަލް ސިޔާމް) ފަދަ ބޭފުޅުން ހިމެނެ އެވެ. މީގެ އިތުރުން ރާއްޖޭގައި ހިންގާ ދުނިޔޭގެ އެންމެ ބޮޑެތި ރިސޯޓު ޗެއިންތަކުގެ އެންމެ އިސްވެރިންނާއި ރާއްޖޭގެ ޓޫރިޒަމްގެ އެކި ފަންތީގެ ބޭފުޅުންނެވެ.

މި އަހަރުގެ ފެއާގައި ރާއްޖޭގެ ސްޓޯލް ފަރުމާކޮށްފައިވަނީ 160،000 އަކަމީޓަރުގެ ސަރަހައްދެއްގަ އެވެ. މިގޮތުން މިތަނުގައި ރާއްޖޭގެ އެންމެ އިހުޒަމާނުގެ މަސައްކަތްތައް ކުރަމުންދާގޮތް ފެންނަ ގޮތަށް "ދިވެހިންގެ ވާހަކަ" ވަރަށް ރީތިކޮށް ތަސައްވަރު ކޮށްދެ އެވެ. މިގޮތުން ރާއްޖޭގެ އަތްތެރި މަސައްކަތުގެ މަސައްކަތް ކުރާ ގޮތް އެންމެ އިހުޒަމާނުގެ ގޮތަށް ދައްކާލަން ހުރެ އެވެ. އަދި އެންމެ އިހުޒަމާނުގައި ދިވެހިން ކެއުމަށް ބޭނުންކުރި ބާވަތްތަކުގެ ރަހަ ބަލައިލުމުގެ ފުރުސަތުވެސް ރާއްޖޭގެ ސްޓޯލުން ލިބެ އެވެ.

ރާއްޖޭގެ ރިސޯޓުތަކުގެ އެންމެ ހާއްސަ އެއް ބައި ކަމަށްވާ "ސްޕާ"ތަކުންދޭ ޓްރީމަންޓްތައް ތަޖުރިބާކޮށްލަދޭނެ ސްޓޯލެއްވެސް ހުރެ އެވެ.މިތަނަށް ގިނަ އަދަދެއްގެ މީހުން ގޮސް ހިދުމަތް ހޯދަ އެވެ.ރާއްޖެ ޕްރޮމޯޓް ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ގެނެސްފައިވާ ބަދަލާއެކު ސޯޝަލް މީޑިޔާ މެދުވެރިކޮށް ޕްރޮމޯޓް ކުރުން ވަނީ އިތުރުކޮށްފަ އެވެ. އެހެންކަމުން މި އަހަރުގެ އައިޓީބީ ފެއާގައި މިކަމަށް ހާއްސަ ކެމްޕޭނެއްވެސް ބާއްވާނެ އެވެ.

އައިޓީބީ ފެއާ ކުރިއަށްދާނެ ގޮތް:

މާދަމާ: އައިޓީބީ ފެއާގެ ރަސްމީ ނިއުސް ކޮށްފަރެންސް
މާދަމާ ރޭ: ރާއްޖޭގެ ސަގާފީ ކުލަތަކާއެކު "މޯލްޑިވިއަން ނައިޓް"

އައިޓީބީ ފެއާގައި މާދަމާ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން އެ މިނިސްޓްރީގެ އިސްވެރިން ބައިވެރި ވަޑައި ގަންނަވާނެ އެވެ. މިފެއާއަކީ ރާއްޖެއަށް އެންމެ ކާމިޔާބު އެއް ފެއާއެވެ. މިދިޔަ އަހަރު "ހޮސްޓް ކަންޓްރީ" އަކީވެސް ރާއްޖެ އެވެ. މި ފެއާއަށް ކޮންމެ އަހަރުވެސް އެއްލައްކައަށްވުރެ ގިނަ ވިޔަފާރިވެރިން ބައިވެރިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ޖަރުމަނުވިލާތުން ރާއްޖެ އަށް 106،381 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ.

ޖަރުމަނުން: މުހައްމަދު އަފްރާހު