ހަބަރު

އިސްތިއުނާފާމެދު ގޮތެއް ނިމެންދެން ކަފާލާތުގެ ދަށުން ރިޔާޒު މިނިވަންކޮށްދޭން އެދިއްޖެ

ސުޕުރީމްކޯޓަށް ލިބިދީފައިވާ ބާރުގެ ދަށުން، ކިނބިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަބުދުﷲ ރިޔާޒު ކަފާލާތުގެ ދަށުން މިނިވަންކޮށްދޭން އޭނާގެ ވަކީލުން އެދިއްޖެއެވެ.

އަބުދުﷲ ރިޔާޒުގެ ވަކީލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، 24 އެޕްރީލް 2018 ވީ ދުވަހު، ހައިކޯޓުން ރިޔާޒުގެ މައްޗަށް އިއްވާފައިވާ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމުގެ މުއްދަތުން 3 މަހާއި 24 ދުވަސް ތަންފީޒުކޮށް ނިމިފައިޥާ ކަމަށެވެ. އަދި އެމައްސަލަ އިލްތިމާސަށް ސުޕުރީމްކޯޓަށް ހުށަހަޅާފައިވާ ކަމަށާއި، އެ މައްސަލައާއި ގުޅިގެން މިހާތަނަށް ކޯޓުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ.

ރިޔާޒުގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒު ކުރެވިފައިވާ މިންވަރަށް ރިއާޔަތްކޮށް، އެ ހުކުމުގެ ބާކީ އޮތް މުއްދަތުގައި އިސްތިއުނާފާއިމެދު، ގޮތެއް ނިމެންދެން، ސުޕުރީމްކޯޓުގެ ގަވައިދުގެ 106 ވަނަ މާއްދާއިން، ލިބިދޭ ބާރުގެ ދަށުން، ރިޔާޒު ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެދި ހުށަހަޅާފައިވާ ކަމަށެވެ.

މީގެ އިތުރުން، ރިޔާޒު މާޗު މަހުގެ 2 ވަނަ ދުވަހު ހައްޔަރުކޮށް އެއްވެސް ސަބަބެއް ނެތި 12 ދުވަހު ޖަލުގައި، ގެންގުޅުމަށްފަހު، 13 ވަނަ ދުވަހު ތުހުމަތެއް އިއްވާ، ފުލުހުން ތަހުގީގުކުރި މައްސަލާގައި ޖިނާއީ ދައުވާއެއް ކުރެވެން ނެތް ކަމަށް ޕީޖީ އޮފީހުން އަންގާ އެމައްސަލަ ފައިލްކޮށްފައިވާ ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.

ޕީޖީއޮފީހުން އެ މައްސަލަ ފައިލްކުރުމާއި ގުޅިގެން ރިޔާޒު ހައްޔަރުކޮށް ގެންގުޅެފައިވަނީ، ގާނޫނާއި ހިލާފަށްކަން ކަށަވަރުވެގެންގޮސްފައިވާ ކަމަށާއި، އެހެން ކަމުން ރިޔާޒު ހައްޔަރުކޮށްގެން ގެންގުޅުމުގައި ބައިވެރިވެފައިވާ ފުލުހުން ހޯދައި، އެމައްސަލަ ތަހުގީގު ކުރުމަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށާއި، ހިއުމަންރައިޓްސް ކޮމިޝަނަށް އިލްތިމާސް ކުރާ ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.