ފްލެޓު ދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ނަގާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
ފްލެޓު ލިބޭނެ ކަމަށް ބުނެ ފައިސާ ނެގުމަށްފަހު ފްލެޓު ނުލިބުމުން ފައިސާ ދިން މީހުންނަށް ގެއްލުން ލިބޭތީ މި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ފައިސާ ނެގުމަށްފަހު ފްލެޓު ހަވާލުކުރުން ލަސްވުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ.
"ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހަދަމުން ދިޔަ ބައެއް ޕްރޮޖެކްޓްތައް ހުއްޓި ކުރިޔަށް ނުގޮސް މަކަރާއި ހީލަތުން އެއް ފްލެޓް ގިނަ ފަރާތްތަކަށް ވިއްކާ ކަމުގެ ތުހުމަތު ކުރެވިފައިވުމާއި، ބައެއް ފްލެޓް އިމާރާތްތައް ނިންމައި ހަވާލުކުރަން ބުނި ތާރީހު ފަހަނައަޅައިގޮސް ނުނިމި ލަސްވަމުންދާކަމަކީ ރައްޔިތުންގެ ޝަކުވާއާއި ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް،" ކުއްލި މައްސަލަ ހުށަހަޅުއްވަމުން އަބްދުﷲ ރިޔާޒް ވިދާޅުވި އެވެ.
ކުއްލި މައްސަލައަށް ބަހުސްކުރަން ނުފެންނަ ކަމަށް 26 މެންބަރުން ވޯޓު ދެއްވިއިރު ފެންނަ ކަމަށް ވޯޓު ދެއްވީ 18 މެންބަރުންނެވެ.
ފްލެޓު ދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ނަގާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައިވާއިރު ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ކޮންޑޮމީނިއަމް -- "ކޭ ޕާކް ރެޒިޑެންސް" އިން ފްލެޓުތައް ވިއްކިއިރު އޮޅުވާލާފައިވާ ކަމަށް ބުނާ މައްސަލައެއް ފުލުހުން ދަނީ ބަލަމުންނެވެ.