ދައުލަތުން ކުއްޔަށް ކުރާ ހަރަދު ކުޑަކުރުމަށް ގޮވާލާ ގަރާރާއި ނަފުސާނީ ސިއްހަތާ ގުޅޭ ވަށާ ޖެހޭ ސިޔާސަތެއް ގާއިމުކުރުމަށް ގޮވާލާ ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެފި އެވެ.
ދައުލަތުގެ އޮފީސްތަކާއި އިދާރާތައް ހިންގުމަށާއި ގުދަންކުރުމުގެ ބޭނުމަށް އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ދައުލަތުން ކުއްޔަށް ހިފުމަށް ގިނަ އަދަދެއްގެ ފައިސާ ހޭދަކުރަންޖެހިފައިވާތީ މިކަމަށް އަވަސް ހައްލެއް ހޯދުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރު ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ގަރާރު ބަލައިގަތީ 50 މެންބަރުންގެ ވޯޓުންނެވެ. މި ގަރާރު ދިރާސާކުރަން ވަނީ މާލިއްޔަތު ކޮމެޓީއަށް ފޮނުވާފަ އެވެ.
ނަފުސާނީ ސިއްހަތުގެ ހިދުމަތްތައް އެކަށޭނަ ގޮތެއްގައި ލިބޭނެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމަށް ސަރުކާރަށް ގޮވާލައި ގަރާރު ހުށަހެޅުއްވީ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ގަރާރު ބަލައިގަތީ 49 މެންބަރުންގެ ވޯޓުންނެވެ. މި ގަރާރު ދިރާސާކުރަން ވަނީ އިޖުތިމާއީ ކޮމިޓީއަށް ފޮނުވާފަ އެވެ.
ކުއްޔަށް ކުރާ ހަރަދު ކުޑަކުރުމަށް ގޮވާލާ ގަރާރު
ދައުލަތުގެ އޮފީސްތަކާއި އިދާރާތައް ހިންގުމަށާއި ގުދަންކުރުމުގެ ބޭނުމަށް އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ދައުލަތުން ކުއްޔަށް ހިފުމަށް ގިނަ އަދަދެއްގެ ފައިސާ ހޭދަކުރަން ޖެހޭ ކަމަށް ގަރާރުގައި ވަނީ ބުނެފަ އެވެ.
ގަރާރުގައި ބުނެފައިވަނީ މަހަކު 8.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވާ ކަމަށާއި އަހަރަކަށް ބަލާނަމަ އެއީ 102 މިލިއަން ރުފިޔާ ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
ނަފުސާނީ ސިޔާސަތުގެ ގަރާރު
ހަރުދަނާ ނިޒާމެއްގެ ތެރެއިން ނަފުސާނީ ސިއްހަތުގެ ހިދުމަތްތައް އެކަށޭނަ ގޮތެއްގައި ލިބޭނެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމަށް މި ގަރާރުގައި ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.
ރާއްޖޭގެ ރައްޔިތުންނަށް ނަފުސާނީ ސިއްހަތުގެ ފަރުވާ ދިނުމާ ބެހޭ ހަރުދަނާ އޮނިގަނޑެއް ނެތުމުންނާއި އާބާދީއާ އެކަށޭނަ މިންވަރަށް މި ހިދުމަތްތައް ލިބެން ނެތުމުން މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ނަފުސާނީ ސިއްހަތުގެ ހިދުމަތްތައް އެކަށޭނަ ގޮތެއްގައި ލިބޭނެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމަށް މި ގަރާރުގައި ސަރުކާރަށް ގޮވާލާފައިވެ އެވެ.