ރައްޔިތުންގެ މަޖިލިސް

ނަފުސާނީ ސިއްހަތުގެ ހިދުމަތް ލިބޭ ނިޒާމެއް ގާއިމުކުރަން ގޮވާލައިފި

ހަރުދަނާ ނިޒާމެއްގެ ތެރެއިން ނަފުސާނީ ސިއްހަތުގެ ހިދުމަތްތައް އެކަށޭނަ ގޮތެއްގައި ލިބޭނެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމަށް ސަރުކާރަށް ގޮވާލައި ގަރާރެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އެވެ. މިއަދުގެ ޖަލްސާގައި އޮތީ މި ގަރާރުގެ ފުރަތަމަ ކިޔުން އިއްވުމެވެ.

ރާއްޖޭގެ ރައްޔިތުންނަށް ނަފުސާނީ ސިއްހަތުގެ ފަރުވާ ދިނުމާ ބެހޭ ހަރުދަނާ އޮނިގަނޑެއް ނެތުމުންނާއި އާބާދީއާ އެކަށޭނަ މިންވަރަށް މި ހިދުމަތްތައް ލިބެން ނެތުމުން މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ނަފުސާނީ ސިއްހަތުގެ ހިދުމަތްތައް އެކަށޭނަ ގޮތެއްގައި ލިބޭނެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމަށް މި ގަރާރުގައި ސަރުކާރަށް ގޮވާލާފައިވެ އެވެ.

ގަރާރުގައި ބުނެފައިވަނީ ސަރުކާރުން ހިންގާ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗުން އެފަދަ ބަލިތަކުގެ ފަރުވާ ހޯދުމަށް ބޭނުންވާ މީހުންގެ ވެއިޓްލިސްޓަށް ބަލާލި ނަމަވެސް އަބަދުވެސް ބޮޑު ކިއުއެއް އޮންނަ ކަމަށެވެ. ފަރުވާއަށް އެދޭ ބަލިމީހުންނަށް އެކަށޭނަ އަވަސްމިނުގައި ފަރުވާގެ ފުރުސަތު ލިބެމުން ނުދާ ކަންވެސް ފާހަގަކޮށްފައިވެ އެވެ.

ރާއްޖޭގައި މި ބައްޔަށް ފަރުވާދޭ ތަންތަން މަދު ކަމަށާއި އަަތޮޅު ތެރޭގެ ގިނަ ރަށްރަށުގައި އެފަދަ އެއްވެސް ހިދުމަތެއް ލިބެން ނެތް ކަމަށްވެސް ގަރާރުގައިވެ އެވެ.

ގަރާރުގައި ބުނެފައިވަނީ ކަމާބެހޭ ފަންނީ މީހުން ރާއްޖޭގައި މަދު ކަމަށާއި އެހެން އެކިއެކި ދާއިރާތަކުން ފަންނީ އަދި ޓެކްނިކަލް މީހުން ރާއްޖެއިން ބޭރުން ހޯދާ ފަދައިން އެ ހިދުމަތް ދިނުމަށްވެސް ރާއްޖެއިން ބޭރުން މީހުން ހޯދެން އޮތް ނަމަވެސް އެގޮތަށް އަމަލުކުރަމުންވެސް ނުދާ ކަމަށެވެ.