ޑިރެކްޓާ ޖެނެރަލް އޮފް ހެލްތް ސާވިސަސްގެ މަގާމުގެ ޝަރުތުތައް ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގައި ހިމަނަން އެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.
ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފު އެވެ.
ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން ސިއްހީ ހިދުމަތް ދިނުމުގެ ގައުމީ ނިޒާމުގެ ކަންކަން ވިލަރެސްކޮށް ހިންގާނީ ހެލްތު މިނިސްޓަރުގެ ލަފާގެ މަތިން ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސަސް އެވެ.
ޑިރެކްޓާ ޖެނެރަލްގެ މަގާމަކީ ދިވެހި ސިވިލް ސާވިސްގެ މަގާމެއް ކަމަށާއި މި މަގާމަށް މީހަކު އައްޔަންކުރާނީ ހެލްތު މިނިސްޓްރީގެ ލަފާގެ މަތިން ސިވިލް ސާވިސް ކޮމިޝަނުން ކަމަށް އިސްލާހުގައިވެ އެވެ.
ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން ޑިރެކްޓާ ޖެނެރަލްގެ މަގާމަށް އައްޔަންކުރާ މީހަކީ އެލޯޕެތިކް މެޑިސިންގެ ހާއްސަ ދާއިރާއަކުން އެންމެ ދަށްވެގެން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް ނުވައެއްގެ ސަނަދެއް ހާސިލުކޮށްފައިވާ މީހަކަށް ވާންޖެހޭނެ އެވެ.
މީގެ އިތުރުން ސިއްހީ ދާއިރާގައި މަދުވެގެން 10 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ މީހަކަށް ވާންޖެހޭނެ ކަމަށާއި އެ މުއްދަތުގެ ތެރެއިން މަދުވެގެން ހަތަރު އަހަރު ދުވަހު ހިންގުމުގެ ދާއިރާގައި މަސައްކަތްކޮށްފައިވާންޖެހޭނެ ކަމަށް އިސްލާހުގައިވެ އެވެ.
ޑިރެކްޓާ ޖެނެރަލްއަކީ އޭނާގެ ވަޒީފާގެ އެއްވެސް މަސްއޫލިއްޔަތަކާ މަސްލަހަތު ފުށުއަރާ އެހެން ވަޒީފާއެއް އަދާކުރާ ނުވަތަ މަސައްކަތެއް ކުރާ މީހެއްކަމުގައި ވެގެންނުވާނެ ކަމަށާއި މަގާމުގެ މުއްދަތަކީ މަގާމަށް އައްކުރެވޭ ތާރީހުން ފެށިގެން ފަސް އަހަރު ކަމަށްވެސް މި އިސްލާހުގައިވެ އެވެ.
އިސްލާހުގައިވާ ގޮތުން ޑިރެކްޓާ ޖެނެރަލްއާ މަތިކޮށްފައިވާ ޒިންމާ އާއި މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށް ބޭނުންވާނެ އަދަދަށް މުވައްޒަފުންނާއި ވަސީލަތްތައް ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ހެލްތު މިނިސްޓްރީން ހަމަޖައްސައިދޭންޖެހޭނެ އެވެ. އަދި ޑިރެކްޓާ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާ ގުޅޭ ގޮތުން އޭނާ ޖަވާބުދާރީ ވާނީ ހެލްތު މިނިސްޓަރަށް ކަމަށްވެސް އިސްލާހުގައި ބުނެފައިވެ އެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސަސްގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ސިއްހީ ދާއިރާ ތަރައްގީކޮށް ހިދުމަތް ފުޅާކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމަށާއި ސިއްހީ ހިދުމަތުގެ ޕްލޭންތަކާއި ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް އެކުލަވައިލުމަށް ހެލްތު މިނިސްޓަރަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ދިނުން ހިމެނެ އެވެ.
މީގެ އިތުރުން ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެ އެ ހިދުމަތުގައި ހަރަކާތްތެރިވާ މީހުންނަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދީ މައްސަލަތައް ހައްލުކުރުމުގެ ގޮތުން ސިއްހީ ހިދުމަތް ލިބިގަންނަ މީހުންނާއި ހިދުމަތް ދޭ މީހުންގެ ދެމެދުގައި މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ފަހި މާހައުލެއް ގާއިމުކޮށްދިނުން ހިމެނެ އެވެ.