ސިއްހީ ހިދުމަތް ދިނުމުގެ ނިޒާމުގެ ތެރެއިން ޕްރިވެންޓިވް ކެއާގެ ހިދުމަތްތައް ދޭން ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބަހުސް ފަށައިފި އެވެ.
ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފު އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިލް ހުށަހަޅުއްވަމުން ހުސައިން އިމްރާން ވިދާޅުވީ މި ބިލް ހުށަހެޅުމުގެ ބޭނުމަކީ ސިއްހީ ހިދުމަތް ދިނުމުގެ ނިޒާމަކީ ވަށާޖެހޭ ސިއްހީ ފަރުވާގެ ނިޒާމެއްކަމުގައި ހެދުމަށް ޕްރިވެންޓިވް ކެއާގެ ހިދުމަތްތައް އެ ނިޒާމުގެ ތެރެއިން ދެވޭނެ ގޮތް ހަމަޖެއްސުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން ކަމަށެވެ.
އެ ގޮތުން ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބަލިތަކާއި ސިއްހަތަށް ލިބޭ އެނޫންވެސް ގެއްލުންތަކުން ދުރުވެތިބުމާއި ރައްކާތެރިވުމަށް ބޭނުންވާ މައުލޫމާތާއި ވަސީލަތްތަކާއި ހިދުމަތްތަކާއި ފަރުވާ ދެމެހެއްޓެނިވި އުސޫލަކުން ރައްކާތެރިކަމާއެކު އަދި ރަނގަޅު ފެންވަރުގައި ފޯރުކޮށްދެވޭ ވަށާ ޖެހޭ ސިއްހީ ފަރުވާގެ ނިޒާމެއް ކަމުގައި ހެދުމަށް ޕްރިވެންޓިވް ކެއާގެ ހިދުމަތްތައް ދިނުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުން ކަމަށް އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވި ގޮތުގައި ބޮޑެތި ބަލިތައް އިތުރުވަމުންދާ ސަބަބު މި ބިލްގެ ސަބަބުން ދެނެގަނެވޭނެ އެވެ.
"ޖިސްމާނީ ނަފުސާނީ އަދި އިންފާޓިލިޓީ އާއި ކެންސަރު، ސްޓްރޯކް، ހިތުގެ އަދި ކިޑްނީ ބަލިތައް ދެނެގަނެ އޭގެ ސަބަބު ދެނެގަނެ އެކަންތައްތަކަށް އޮތް ހައްލު ހޯދުމަށް ވަރަށް ބޮޑަށް ލުއިފަސޭހަވެގެންދާނެ،" އިމްރާން ވިދާޅުވި އެވެ.
މީގެ އިތުރުން ރާއްޖެއަށް އެތެރެކުރާ ބޭހާއި ސިއްހީ ނިޒާމަށް ބޭނުންވާ ސާމާނަކީ އެންމެ އެކަށީގެންވާ ތަކެތިކަން ބެލޭނެ ނިޒާމެއް މި އިސްލާހާއެކު ގާއިމުކުރެވިގެންދާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.