ރައްޔިތުންގެ މަޖިލިސް

ވޭމަންޑޫއާއި ކިނބިދޫ ކޯޒްވޭގެ ޑިޒައިން ބަދަލުކޮށް، މިއަހަރު ފަށަނީ

ތ. ވޭމަންޑޫއާއި ތ. ކިނބިދޫ ގުޅާލާ ކޯޒްވޭގެ ޑިޒައިނަށް ބަދަލުތަކެއް ގެނެސް މި އަހަރުގެ ތެރޭގައި މަސައްކަތް ފެށޭނެ ކަމަށް އުންމީދުކުރާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މި މަޝްރޫއު އެތައް އަހަރަކު ބަޖެޓުކުރެވި މިހާތަނަށް މަސައްކަތް ފެށިފައިނުވާތީ މަޝްރޫއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުވާލުކުރެއްވީ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ މިއަހަރުގެ ދެވަނަ ކުއާޓަރު ނިމުމުގެ ކުރިން މަސައްކަތް ޓެންޑަރަށް ހުޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މަޝްރޫއުގެ މަސައްކަތް ޖޫން 30 ވަނަ ދުވަހު ފަށާނެ ކަމަށް އައިލްސްގައި ހިމަނާފައިވީ ނަމަވެސް އެ ތާރީހަށް މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށޭނެ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

މަޝްރޫއާ ގުޅޭ ގޮތުން މިދިޔަ އަހަރުވެސް މެންބަރު ސުވާލުކުރެއްވިކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މަޝްރޫއަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މަޝްރޫއުގެ އަގު ބޮޑުވުން ކަމަށެވެ.

އެގޮތުން މަޝްރޫއުގެ އަގު 500 މިލިއަން ރުފިޔާއަށް ވުރެ ބޮޑުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ވެލިއު އިންޖިނިއަރިން ހަދައިގެން މަސައްކަތް ކުޑަ އަގެއްގައި ކުރެވޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރެއްވި ކަމަށެވެ.

ކޯޒްވޭގެ ޑިޒައިނަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

އެގޮތުން އެލާޔާ ވޭމަންޑޫ އަދި އެލާޔާ ކިނބިދޫގެ ދެމެދުގައިވާ ސަރަހައްދު އެކީގައި ޕައިލްގައި ކޯޒްވޭ ނުހަދާ ރަށްތަކެއް ހެދުމަށްފަހު ކޯޒްވޭ ސެކްޝަންތައް ހެދުމަށް ޑިޒައިންކޮށްފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެލާޔާ ވޭމަންޑޫއާ ދޭތެރޭ 150 މީޓަރުގެ ހަތަރު ބްރިޖު ސެކްޝަން އަދި ތިން އައިލެންޑް ސެކްޝަން ލާފައިވާ ކަމަށެވެ. އަދި އެލާޔާ ކިނބިދޫއާ ދޭތެރޭ އެއް ބްރިޖު ސެކްޝަނާއި ދެ އައިލެންޑް ސެކްޝަންލުމަށް ނިންމާފައިވާ ކަމަށެވެ.

"މިހެން ހެދީމަ އަޅުގަނޑުމެންނަށް މި ކޯޒްވޭއަށް ދާ އަގު އެބަ ތިރިކުރެވޭ ގާތްގަނޑަކަށް 40 ޕަސެންޓުން،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

އެ އަގު ލިބިފައިވާ ކަމަށާއި ނަމަވެސް އެ އަގު ހާމަ ނުކުރައްވާނެ މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު ވިދާޅުވީ ގެނައުމަށް ނިންމާފައިވާ ބަދަލާއެކު ތިލަފަޅު މަތިން އޮޔެ ދެމޭ ގޮތަށް އަންނަ ބަދަލުތައް ބެލުމަށް ހައިޑްރޯ ޑައިނަމިކް މޮޑެލްއެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިނިސްޓަރުގެ ޖަވާބާއެކު ސުވާލުކުރުމުގެ ދެވަނަ ފުރުސަތުގައި މެންބަރު ރިޔާޒް ވަނީ މަޝްރޫއަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެއްކަން ފާހަގަކުރައްވާފަ އެވެ. އާ މޮޑެލްއަށް ނަމަވެސް މަޝްރޫއުގެ އަމަލީ މަސައްކަތް މި ރިޔާސީ ދައުރުގައި ފެށޭނެކަމުގެ ކިހާވަރެއްގެ ޔަގީންކަމެއް އޮތްތޯ މެންބަރު ސުވާލު ކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ މަޝްރޫއުގައި ޕްރޮސެސް އޮންނަކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ.

ތިމާވެއްޓާ ގުޅޭ މަސައްކަތްތަކުގައި އެކަމުން ނިކުމެދާނެ ނަތީޖާއަކަށް ނުބަލައި ކުރުމަކީ މޮޔަ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރިޔާސީ ވައުދެކޭ ބުނެފަ. ދެން ހަމަ އެހެންވީމަ ނުވެއެއްނުންހޭ ތިއޮތީ އެހެން ބުނެވިދާނެ ވަރަށް ބާރަށް. ތެދެއް މިހާތަނަށް ނުވެ އޮތީ،" މިނިސްޓަރު ވިދާޅުވި އެވެ.

މި މަސައްކަތް ފެށޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ވޭމަންޑޫއާއި ކިނބިދޫ ކޯޒްވޭއަކުން ގުޅާލުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ. ކިނބިދޫއަކީ ރައީސް ސޯލިހްގެ ކެމްޕޭން މެނޭޖަރު މުހައްމަދު ނާޝިޒު ތަމްސީލު ކުރައްވާ ދާއިރާ އެވެ.