މުހައްމަދު އަސްލަމް

ވޭމަންޑޫ ނަރުދަމާ މަޝްރޫއު ނިމި ހިދުމަތް ފަށަށް ތައްޔާރުވެއްޖެ

ތ. ވޭމަންޑޫ ނަރުދަމާ މަޝްރޫއުގެ މަސައްކަތް ނިމި ނަރުދަމާ ނިޒާމު ހިންގުމަށް ފެނަކައާއެކު ކުރަން ހުރި މަސައްކަތްތައް ނިމިފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް މިއަހަރުގެ ފެބްރުއަރީ މަހު ހުށަހެޅުއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވަނީ އޭގެ ފަހުން ވަރަށް ގިނަ ކަންކަން ހިނގާފައިވާކަން ފާހަގަކުރައްވާފަ އެވެ.

"އެ މަސައްކަތަކީ ވޭތުވެދިޔަ ސަރުކާރުގައި ބަޔަކާ ހަވާލުކޮށްގެން ކުރަމުން ގެންދިޔަ މަސައްކަތެއް. އޭރުގައި ކޮންޓްރެކްޓާގެ ޕާފޯމަންސް ދަށްކަމުން އެ ކޮންޓްރެކްޓް ޓާމިނޭޓް ކުރީ،" އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވި ގޮތުގައި އެ ކޮންޓްރެކްޓް ޓާމިނޭޓްކުރުމަށްފަހު ސަރުކާރުން ނިންމީ މަޝްރޫއު ޑައިރެކްޓްކޮށް އެމްޑަބްލިއުއެސްސީއާ ހަވާލުކުރުމަަށެވެ. އެގޮތުން މަސައްކަތުގެ ބާކީ ހުރި މަސައްކަތްތަކާއި ރަނގަޅުކުރަން ހުރިކަންކަން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށް ކުރިއަށް ގެންދިޔައީ ކަމަށް އަސްލަމް ވިދާޅުވި އެވެ.

މަސައްކަތް ނިމިފައިވަނިކޮށް ދާދިފަހުން ކުރި ވިއްސާރައެއްގައި ނަރުދަމާގެ އައުޓްފްލޯ ހޮޅި ޑިސްޕްލޭސްވުުން އެކަންވެސް ރަނގަޅުކޮށްފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ނަރުދަމާ ނިޒާމު އޮޕަރޭޝަން ކުރުމަށް ދެން ގިނަ ދުވަސްތަކެއް ނުނަގާނެ ކަމަށާއި މަޝްރޫއުގައި އިތުރަށް ކުރަން މަސައްކަތެއް ނެތް ކަމަށެވެ.