ރައްޔިތުންގެ މަޖިލިސް

އައްޑޫގެ ފެނުގެ މައްސަލަ ހައްލުކުރަން ގޮވާލާ ކުއްލި މައްސަލައެއް

އައްޑޫ ސިޓީއަށް ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ކުއްލި މައްސަލަ ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް އެވެ.

ކުއްލި މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ފާސްވީ ވޯޓު ދެއްވި 83 މެންބަރުންގެ އިއްތިފާގުންނެވެ.

ބަހުސްގައި މެންބަރު ނާޒިލް ވިދާޅުވީ އައްޑޫގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ގާތްގަނޑަކަށް 28،000 ރައްޔިތުންނަށް ގަވާއިދުން ސާފު ފެން ނުލިބޭ ކަމަށެވެ.

"ދެމަސް ދުވަހަށްވުރެ ގިނަ ދުވަސްވަމުން މިދަނީ ސާފު ފެން ގަވާއިދުން ނުލިބޭތާ،" ނާޒިލް ވިދާޅުވި އެވެ.

ނާޒިލް ވިދާޅުވީ ފެނުގެ ހިދުމަތް ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަންއާ ތަކުރާރުކޮށް ވާހަކަ ދައްކާފައިވާ ކަމަށެވެ. ނަމަވެސް އެންމެފަހުން ނޫސްތަކުން ފެނިގެންދިޔައީ އައްޑޫސިޓީގެ ހިތަދޫގެ އާބާދީ ބޮޑުވުމުން ހިދުމަތް ނުދެވޭނެ ވާހަކަ ކަމަށް ނާޒިލް ވިދާޅުވި އެވެ.

މި ސަރުކާރަށް ހަ މަސް ދުވަސްވެގެންދިޔައިރު ހަތަރު މަސް ދުވަހު ފެނުގެ ހިދުމަތް ލިބުނުކަން ފާހަގަކުރައްވާ ނާޒިލް ވިދާޅުވީ ފެން ނުލިބި ދެ މަސް ދުވަސްވެގެންދިޔައިރު އިހުމާލުތަކެއް ވެފައިވާކަން ޔަގީންކުރެވި ކަށަވަރުކުރެވިފައިވާ ކަމަށެވެ.

އަސާސީ ހިދުމަތް ދިނުމުގައި ދިމާވާ މައްސަލަ ދުވަހުން ދުވަހަށް ހައްލުކުރެވެން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ފެން ޕްލާންޓަށް ބޭނުންވާ ސްޕެއާޕާޓްސް އާއި ޓެކްނީޝަނުން ނެތް ކަމަށް އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ފެނަކައިން ބުނާ ކަމަށްވެސް ނާޒިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފެން ލިބޭނެ ގަޑިއެއް ރައްޔިތުންނަށް ނޭނގޭތީ ރައްޔިތުން ތިބެންޖެހެނީ ފެން އިސްކުރު ދޫކޮށް ބާލިދީ ބަހައްޓައިގެން ކަމަށެވެ.

"ފެން އިސްކުރާ ދިމާލުގައި ބޮޑު ބާލިދީއެއް ބަހައްޓާފައި އިސްކުރު ދޫކޮށްލާފައި ބަހައްޓަން މިޖެހެނީ. ފެން އަންނާނެ ގަޑިއެއް ސާފެއް ނޫން. ފަތިހު 5:30 ގައި 15 މިނެޓަށް ނޫނީ 30 މިނެޓަށް ފެން އައިސްދާނެ،" ނާޒިލް ވިދާޅުވި އެވެ.

އެ ގޮތަށް ކަންކުރުމުން ބާލިދީ ފުރިގެން ފެން ބައިބާ ކަމަށާއި ނަތީޖާއަކީ ބިލް ބޮޑުވުންކަން ނާޒިލް ފާހަގަކުރެއްވި އެވެ.

"ބޮޑު ބިލެއް އެބައާދޭ. ބިލް އަންނަންޖެހޭ ސަބަބަކީ މިއީ ހަގީގަތުގައި. ހިދުމަތެއް ނުލިބި ހިދުމަތުން އަގު ނެގެނީ ރައްޔިތުން އަތުން. ރައްޔިތުންގެ ޖީބުން ރައްޔިތުން ފެލާލެވެނީ،" ނާޒިލް ވިދާޅުވި އެވެ.