ޑރ. އަބްދުﷲ މުއްތަލިބް

ފެނަކައާ ހަވާލުކުރި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހުރީ ހުއްޓިފަ: މުއްތަލިބް

ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރި ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ މަސައްކަތް އެއްކޮށް ހުއްޓިފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މުއްތަލިބް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތުގައި މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މުއްތަލިބް ވިދާޅުވީ 80 އަށްވުރެ ގިނަ ރަށުގައި ފެނާއި ނަރުދަމާގެ މަޝްރޫއު ކުރިއަށްދާ ކަމަށާއި އެއްކޮށް ހުއްޓިފައިވަނީ ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރި މަސައްކަތްތައް ކަމަށެވެ. އަދި ފެނަކައަކީ އެފަދަ މަޝްރޫއުތައް ކުރި ކުންފުންޏެއް ނޫން ކަމަށް ވަޒީރު ވިދާޅުވި އެވެ.

"ފެނަކަ އަކީ އެއްވެސް ވަރަކަށް ފެނާއި ނަރުދަމާ އެޅުމުގެ ކޮންޓްރެކްޓްގެ މަސައްކަތް ކުރި ބައެއް ނޫން. އެހެން ނަމަވެސް 2020 ވަނަ އަހަރުގައި އެބަ އޮތް އެ ފަރާތަށް 16 ރަށަކާއި އަދި އިތުރު ތިން ރަށެއްގެ މަރާމާތުގެ މަސައްކަތް ހަވާލުކުރެވިފަ،" މުއްތަލިބް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ފެނަކައިން އެ މަޝްރޫއުތައް ސަބްކޮންޓްރެކްޓްކޮށް އެހެން ކުންފުނިތަކާ ހަވާލުކުރި އެވެ.

ފެނަކައާ ހަވާލުކުރި މަޝްރޫއުތައް ކުރިއަށް ނުދާތީ އެއްބަސްވުންތައް ބާތިލުކޮށްފައިވާ ކަމަށް މުއްތަލިބް ވިދާޅުވި އެވެ.

"(އެއްބަސްވުންތައް) ޓާމިނޭޓް ކުރުމަށްފަހު އަޅުގަނޑުމެން އެމްޑަބްލިޔުއެސްސީ ލައްވާ ސާވޭ ހަދާފަ، އަގު ހޯދާފަ މިހާރު އެ މަޝްރޫއުތައް ޓެންޑާ ބޯޑަށް ހުށަހަޅާފައިވާނީ އެމްޑަބްލިޔުއެސްސީއާ ހަވާލުކުރުމަށްޓަކައި،" މުއްތަލިބް ވިދާޅުވި އެވެ.