ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި މަޝްރޫއުތަކަށް ބޭނުންވާ އަދަދަށް ފައިސާ ހިމަނާފައިނުވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.
މަޝްރޫއުތަކަށް އެކަށީގެންވާ އަދަދަށް ފައިސާ ހިމަނާފައިނުވާ ކަމަށް މިނިސްޓަރު މުއްތަލިބް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު މުއްތަލިބް ވިދާޅުވީ ބަޖެޓުގައި ވަރަށް ގިނަ މަޝްރޫއުތައް ހިމަނާފައި ހުރި ނަމަވެސް މި އަހަރަށް ބޭނުންވާ ފައިސާ ހިމަނާފައިނުވާ ކަމަށެވެ.
"މިސާލަކަށް ދަންނަވާނަމަ މިހާރު ކުރިއަށްދާ ކޯޒްވޭއަކަށް ފަހަރެއްގައި އިނދެދާނެ ދެ ތިން މިލިއަން ރުފިޔާ ޖަހާފަ. އެއީ ޕްރޮޖެކްޓް ކުރިއަށް ގެންދެވޭނެ ގޮތެއް ނޫން،" މުއްތަލިބް ވިދާޅުވި އެވެ.
އަލަށް ފަށާ ބައެއް މަޝްރޫއުތަކަށް އެއް ލައްކަ ރުފިޔާ ނުވަތަ ދެ ލައްކަ ރުފިޔާ ބަޖެޓުގައި ކަނޑައަޅާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"އެއީ އަޅުގަނޑުމެންނަށް (މަޝްރޫއަށް) މޮބިލައިޒްކުރަންވެސް އެޑްވާންސް ޕޭމަންޓް ދެވޭ ވަރެއްވެސް ނޫން،" މުއްތަލިބް ވިދާޅުވި އެވެ.
ބަޖެޓުގައި އަދަދުތައް ހިމަނާފައިވާ ގޮތުން މަޝްރޫއުތައް ކުރިއަށް ގެންދަން އުނދަގޫކަން ފާހަގަކުރައްވާ މުއްތަލިބް ވިދާޅުވީ އިސްކަންދޭ މަޝްރޫއުތަކެއް ކަނޑައަޅާ ބަޖެޓު ތެރެއިން ވީހާވެސް ރަނގަޅަށް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެހެންކަމުން ބަޖެޓް ތައްޔާރުކުރާއިރު އެ އަހަރަށް ބޭނުންވާ އަދަދު ހިމަނައި ދިނުމަށް މުއްތަލިބް އެދިވަޑައިގެންނެވި އެވެ.