މުހައްމަދު އަސްލަމް

ވޭމަންޑޫ އާއި ކިނބިދޫ ކޯޒްވޭ: ފަށާނެ ތާރީހެއް ނުދިން

May 25, 2022

ތ. ވޭމަންޑޫ އާއި ތ. ކިނބިދޫ ކޯޒްވޭ އަކުން ގުޅާލުމުގެ މަޝްރޫއު ކުރިއަށް ގެންގޮސް ނިންމާލެވޭ ވަރުގެ ބަޖެޓެއް ލިބިފައި ނުވާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ދައުރުގެ ތެރޭގައި އެ މަޝްރޫއު ނިންމާނުލެވޭނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ ވޭމަންޑޫ އާއި ކިނބިދޫ ކޯޒްވޭގެ އަމަލީ މަސައްކަތް ފެށޭނެ ތާރީހް އޮޅުންފިލުއްވުމަށް ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ވޭމަންޑޫ އާއި ކިނބިދޫ ކޯޒްވޭގެ އަމަލީ މަސައްކަތް ފެށޭނެ ތާރީހެއް ދެއްވުމަށް މެންބަރު ރިޔާޒު ދެ ފަހަރަށް ސުވާލުކުރެއްވުމުން ވެސް މިނިސްޓަރު ވަނީ ތާރީހް ނުދެވޭނެ ކަމަށް ވިދާޅުވެފަ އެވެ. ސަބަބެއް ކަމުގައި މައިގަނޑު ގޮތެއްގައި ވިދާޅުވީ އެ މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާ ބަޖެޓް ނެތް މައްސަލަ އެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ވޭމަންޑޫ އާއި ކިނބިދޫ ކޯޒްވޭގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ހަދަންޖެހޭ ޕްރެލިމިނަރީ އެސެސްމަންޓް ހަދައި އެ މަޝްރޫއަށް ހޭދަވާނެ ވަރެއް ބަލާފައިވާނެ ކަމަށެވެ. އެގޮތުން އެ ކޯޒްވޭ އަކީ ގާތްގަނޑަކަށް ތިން ކިލޯމީޓަރުގެ ކޯޒްވޭއެއް ކަމަށާއި މުޅި މަޝްރޫއަށް 522 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށެވެ. އެއީ މީޓަރަކަށް ނަމަ 174،000 ރުފިޔާ ކަމަށްވެސް ވިދާޅުވި އެވެ.

މަޝްރޫއު ޕްލޭން ކުރަމުން ދިޔަ ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ވޭމަންޑޫ އާއި ކިނބިދޫއާ ދެމެދު އޮތް "އެލާ" ކިޔާ ފަޅު ރަށެއް ރިސޯޓް ހެދުމަށް ބަޔަކަށް ދީފައި އޮތުން ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. ދެ ރަށެއްގެ ދޭތެރޭގައި ކޯޒްވޭއެއް އަޅާއިރު އެ ދޭތެރޭ ރިސޯޓެއް އޮތުމަކީ ދިމާވާނެ ގޮންޖެހުމަކަށްވާތީ އެލާ ދޫކޮށްފައި އޮތް ފަރާތާއި ސަރުކާރާ ވާހަކަދައްކައިގެން އެލާގައި ރިސޯޓް ނުހެދުމަށް ނިންމާ އެ މައްސަލަ ހައްލުކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"އެންމެ ބޮޑު މައްސަލައަކީ 522 މިލިއަން ރުފިޔާ މިކަމަށް ހަރަދުކުރުމަށް ބަޖެޓް މިވަގުތަށް [ނެތުން]. މިއަހަރުގެ ބަޖެޓުގައިވެސް
އަޅުގަނޑު ހަނދާން ވަނީ އެއްމިލިއަން ރުފިޔާއޭ ޖަހާފައި އޮތީ މިމަސައްކަތް ކުރުމަށް. އެހެންވީމާ 522 މިލިއަން ރުފިޔާގެ ވެލިއުއެއް ހުރި ޕްރޮޖެކްޓެއް އެއް މިލިއަން ރުފިޔާ އިން ޕްރެކްޓިކަލީ ފަށާނީ، އެވަރު އޮވެގެން މިވެނި ދުވަހަކުއޭ ފަށާނީ އަޅުގަނޑަކަށް ނޭނގޭ އަޅުގަނޑު ދަންނަވާނެ ގޮތެއް،" އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ވޭމަންޑޫ އާއި ކިނބިދޫއާ ދެމެދު ކޯޒްވޭ އެޅުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދަކަށް ވާތީ އެކަން ކުރެވޭނެ ގޮތެއް އޮތްތޯ ސަރުކާރުން ބަލަމުންދާ ކަމަށެވެ. މިމަޝްރޫއުގެ ޕްރެލިމިނަރީ އެސެސްމަންޓް ހެދުމާއި، ބަޖެޓަށް ހަރަދުވާ ވަރު ބެލުމާއި އަދި އެލާގެ މައްސަލަ ހައްލުކުރީ މި މަޝްރޫއު ހަގީގަތަކަށް ހެދުމަށް ސަރުކާރުން ބޭނުންވާތީ ކަމުގައިވެސް ވިދާޅުވި އެވެ.

"ދެން އޮތް ވާހަކައަކީ މިމަސައްކަތް މިހިނގާ ރިޔާސީ ދައުރުގެ ބާކީ އޮތް މުއްދަތުގެ ތެރޭގައި ނިމޭނެތޯއޭ؟ ނޫން. ނުނިމޭނެ. އެދެން އަޅުގަނޑު ނުދެންނެވިޔަސް އެނގޭނެ މިވަރު މަސައްކަތެއް ފެށުނަސް ފެށުނަސް ނުނިމޭނެކަން. ދެން އަޅުގަނޑު ދަންނަވައިފިން މިއަހަރު ބަޖެޓް ކޮށްފައި އޮތީ އެއް މިލިއަން ރުފިޔާއޭ މިކަމަށް. ދެން އެއް މިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓްގައި އޮތް މަސައްކަތެއް ފައްޓައިގެން ދެވޭނީ ކިހާ މިންވަރަކަށް ކަންވެސް އިއްޒަތްތެރި މެންބަރުންނަށްވެސް ހަމަ ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑު ވަކިއެއްޗެއް ދަންނަވާކަށް ނުޖެހޭ،" އަސްލަމް ވިދާޅުވި އެވެ.

ކޯޒްވޭ ހެދުމަށް މިއަހަރުގެ ބަޖެޓުގައި ހަ މަޝްރޫއެއް ހިންގުމަށް ހަމަޖެހިފައިވެ އެވެ. މި މަޝްރޫއުތައް ހިންގުމަށް ނިންމާފައިވަނީ ބ، މ، ތ އަދި ލ. އަތޮޅުގަ އެވެ. އެގޮތުން ކޯޒްވޭ އަކުން ގުޅާލުމަށް ނިންމާފައިވަނީ ބ. ފެހެންދޫއާއި ބ. ގޮއިދޫއާއި، މ. މުއްޔާއި މ. ނާލާފުށްޓާއި، ތ. ވޭމަންޑޫއާއި ތ. ކިނބިދޫއާއި، ލ. ކަލައިދޫ އާއި ލ. ދަނބިދޫއާއި، ލ. ކުނަހަންދޫ އާއި ލ. މެންދޫގެ އިތުރުން ލ. ހިތަދޫ އާއި ލ. މެންދޫ އެވެ.

ފެހެންދޫއާއި ގޮއިދޫ މަޝްރޫއުގެ ޕްރީޓެންޑަރިންއާ ގުޅޭ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ދެ ލައްކަ ރުފިޔާ ހިމަނާފައިވާއިރު އަނެއް ހުރިހާ ރަށެއް ގުޅާލުމަށް އެއް މިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވެ އެވެ.

މީގެއިތުރުން ގއ. ވިލިނގިއްޔާއި ގއ. ކޫއްޑޫ ބްރިޖު ހެދުމަށް ދިރާސާކުރުމަށް ވެސް މިއަހަރުގެ ބަޖެޓުގައި 450،000 ރުފިޔާ ހިމަނާފައިވެ އެވެ.

ބައެއް ރަށްތައް ކޯޒްވޭ ތަކުން ގުޅާލުމާއި ގއ. ވިލިނގިއްޔާއި ކޫއްޑޫ ބްރިޖަކުން ގުޅާލުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.