ވެރިކަން ލިބިވަޑައިގެންފިނަމަ ތ. ކިނބިދޫއާއި، ވޭމަންޑޫ އަދި އޮމަދޫ ގުޅާލާނެ ކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެ އެވެ.
ކިނބިދޫ، ވޭމަންޑޫ އަދި އޮމަދޫ ގުޅާލުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދެކެވެ. ނަމަވެސް މިމަސައްކަތާ ގުޅޭ އަމަލީ އެއްވެސް މަސައްކަތެއް މިވެރިކަމުގެ ތެރޭގައި ކޮށްފައެއް ނުވެ އެވެ.
ކިނބިދޫގައި ރޭ އޮތް ކެމްޕޭން ޖަލްސާއެއްގައި އިލްޔާސް ވިދާޅުވީ ކިނބިދޫ، ވޭމަންޑޫ އަދި އޮމަދޫ ގުޅާލުމުގެ މަސައްކަތް އޭނާ ވެރިކަމާ ހަވާލުވެވަޑައިގަންނާ ފުރަތަމަ ދުވަހު ފައްޓަވާނެ ކަމަށެވެ.
އިލްޔާސް ވިދާޅުވީ ކިނބިދޫ، ވޭމަންޑޫ އަދި އޮމަދޫ ގުޅާލަން ޖެހޭ ކަމަށާއި ފުރިހަމަ ގޮތުގައި ހިދުމަތްތައް ފޯރުކޮށްދެވޭނީ ރަށްތަކެއް ގުޅާލައި އެކަށީގެންވާ އާބާދީއެއް އެތަނުގައި ބާއްވައިގެން ކަމަށެވެ .
"އަޅުގަނޑު ޑިމޮކްރެޓުންގެ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ނުކުމެ މިހިރީ ތިޔަބޭފުޅުންނަށް ކިނބިދޫއާއި، ވޭމަންޑޫ އާއި، އޮމަދޫ ގުޅާލަ ދިނުމަށް،" އިލްޔާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި 2010 ވަނަ އަހަރުން ފެށިގެން ކިނބިދޫއާއި، ވޭމަންޑޫ އަދި އޮމަދޫ ގުޅާލުމަށް އެ ރަށްތަކުގެ ރައްޔިތުން ދިޔައީ ސަރުކާރުގައި އެދެމުން ކަމަށެވެ. އެހެންވެ ރައީސް ސޯލިހްގެ ސަރުކާރުންވެސް އެކަންތައް ކޮށްދިނުމަށް 2018 ގައި މެނިފެސްޓޯގައި ހިމެނި ކަމަށާއި ނަމަވެސް ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސް ސޯލިހް ވަނީ އެ "މެނިފެސްޓޯ އެއްފަރާތް ކޮށްފައި" ކަމަށް ވިދާޅުވި އެެވެ.
"އަޅުގަނޑުގެ މިޒުވާންކަމާ އެކީ މިހިތްވަރާ އެކީ މިޖޯޝާ އެކީ އަޅުގަނޑު ނިކުމެ މިހުރީ ވަރަށް ޖޯޝާ އެކީ ފޯރިއާ އެކީ ތިބޭފުޅުންނަށް ހިދުމަތްކުރުމަށްޓަކައި. އަޅުގަނޑު ހަފްތާއަކު ހަތް ދުވަހު ދުވާލަކު 24 ގަޑިއިރު ނުނިދާ އިނދެގެންވެސް މިމަސައްކަތުގައި ދެމިހުންނާނަން. އޮމަދޫއާއި ވޭމަންޑޫއާއި ކިނބިދޫ މި ތިން ރަށް ގުޅާލަން 24 ގަޑިއިރު ތިބޭފުޅުންނާ އެކީ މި ތަނުގައި މިފަސްގަނޑުގައި އަޅުގަނޑު ހުންނާނަން،" އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރާއި ޑިމޮކްރެޓުންނާ ދެމެދު އޮތް އެންމެ ބޮޑު ތަފާތަކީ ޑިމޮކްރެޓުންނަކީ އަމަލީ ގޮތުން ކަންކަން ކުރާނެ ބަޔަކަށްވުން ކަމަށެވެ. ކިނބިދޫ، ވޭމަންޑޫ އަދި އޮމަދޫ ގުޅާލުމުގެ މަސައްކަތް އޭނާގެ ވެރިކަމެއްގައި ހަގީގަތަކަށް ވެގެންދާނެ ކަމުގެ ޔަގީންކަންވެސް އިލްޔާސް ތަކުރާރުކޮށް ދެއްވި އެވެ.
ތ. ކިނބިދޫއާއި، ވޭމަންޑޫ އަދި އޮމަދޫ ކޯޒްވޭ އަކުން ގުޅާލުމުގެ މަސައްކަތާ ގުޅޭގޮތުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އެންމެ ފަހުން ވިދާޅުވި ގޮތުގައި އެ މަސައްކަތް ނުފެށި ލަސްވަނީ އެކަމަށް ހިނގާ ހަރަދު ބޮޑު ކަމުން މިވަގުތަށް އެކަަމަށް ފައިސާ ނެތުމުންނެވެ. އަސްލަމް ވިދާޅުވި ގޮތުގައި މި ކޯޒްވޭގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ހަދަންޖެހޭ ޕްރެލިމިނަރީ އެސެސްމަންޓް ހަދައި އެ މަޝްރޫއަށް ހޭދަވާނެ ވަރެއް ސަރުކާރުން ވަނީ ބަލާފަ އެވެ. އެގޮތުން މި ކޯޒްވޭ އަކީ ގާތްގަނޑަކަށް ތިން ކިލޯމީޓަރުގެ ކޯޒްވޭއެއް ކަމަށާއި މުޅި މަޝްރޫއަށް 522 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށެވެ. އެއީ މީޓަރަކަށް ނަމަ 174،000 ރުފިޔާ ކަމަށްވެސް ވިދާޅުވި އެވެ.
މަޝްރޫއު ޕްލޭން ކުރަމުން ދިޔައިރު ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ވޭމަންޑޫ އާއި ކިނބިދޫއާ ދެމެދު އޮތް "އެލާ" ކިޔާ ފަޅު ރަށެއް ރިސޯޓް ހެދުމަށް ބަޔަކަށް ދީފައި އޮތުން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. ދެ ރަށެއްގެ ދޭތެރޭގައި ކޯޒްވޭއެއް އަޅާއިރު އެ ދޭތެރޭ ރިސޯޓެއް އޮތުމަކީ ދިމާވާނެ ގޮންޖެހުމަކަށްވާތީ އެލާ ދޫކޮށްފައި އޮތް ފަރާތާއި ސަރުކާރާ ވާހަކަދައްކައިގެން އެލާގައި ރިސޯޓް ނުހެދުމަށް ނިންމާ އެ މައްސަލަ ހައްލުކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
"އެންމެ ބޮޑު މައްސަލައަކީ 522 މިލިއަން ރުފިޔާ މިކަމަށް ހަރަދުކުރުމަށް ބަޖެޓް މިވަގުތަށް [ނެތުން]. މިއަހަރުގެ ބަޖެޓުގައިވެސް
އަޅުގަނޑު ހަނދާން ވަނީ އެއްމިލިއަން ރުފިޔާއޭ ޖަހާފައި އޮތީ މިމަސައްކަތް ކުރުމަށް. އެހެންވީމާ 522 މިލިއަން ރުފިޔާގެ ވެލިއުއެއް ހުރި ޕްރޮޖެކްޓެއް އެއް މިލިއަން ރުފިޔާ އިން ޕްރެކްޓިކަލީ ފަށާނީ، އެވަރު އޮވެގެން މިވެނި ދުވަހަކުއޭ ފަށާނީ އަޅުގަނޑަކަށް ނޭނގޭ އަޅުގަނޑު ދަންނަވާނެ ގޮތެއް،" ރައްޔިތުންގެ މަޖިލީހުގައި އަސްލަމް ވިދާޅުވި އެވެ.