ވިޔަފާރި

އެލައިޑުން ތިން ސްކޫލަކަށް އެހީތެރިކަން ފޯރުކޮށްދީފި

Aug 16, 2018

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިޖްތިމާއީ ޒިންމާއަށް ހާއްސަ ކުރެވިފައިވާ "ޕްރިމިއަމް ފޯ ގުޑް" ޕްރޮޖެކްޓްގެ ދަށުން ތިން ސްކޫލަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެކުންފުނީގެ މައި އޮފީހުގައި ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެހީތެރިކަން ފޯރުކޮށްދިންކަމުގެ ލިޔުން ހަވާލުކޮށްފައިވަނީ:

  • އިމާދުއްދީން ސްކޫލް - ޑިޖިޓަލައިޒޭޝަން ޕްރޮގްރާމް
  • ޖަމާލުއްދީން ސްކޫލް - ޑިޖިޓަލައިޒޭޝަން ޕްރޮގްރާމް
  • ޖަޔާސުއްދީން ސްކޫލް - ރާސްބެރީ ޕައި އެކްސްޓެންޝަން ޕްރޮޖެކްޓް

އެލައިޑް އިންޝުއަރަންސް ކުންފުނިން މިއަހަރު ލޯންޗްކޮށްފައިވާ "ޕްރިމިއަމް ފޯ ގުޑް" އަކީ މުޖްތަމައުގެ ކުރިއެރުމާއި ލާބައަށް އެކުންފުނިން ކޮށްދޭ މަސައްކަތް އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި ފެށި ހަރަކާތެއް ކަމުގައި އެކުންފުނިން މައުލޫމާތު ދެއެވެ. އެގޮތުން "ޕްރިމިއަމް ފޯ ގުޑް" ބިނާވެފައިވަނީ ޔޫ.އެން އިން ކަނޑައަޅާފައިވާ ކަނޑައަޅާފައިވާ 2030ގެ ތަސައްވުރުގައި ހިމެނޭ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑުތަކުގެެ ތެރެއިން ކޮލެޓީ އެޑިއުކޭޝަން އާއި ޖެންޑަރ އިކުއަލިޓީ އަށެވެ.

އެލައިޑް އިންޝުއަރަންސް ކުންފުނީގެ މާކެޓިންގ މެނޭޖަރ ނިއުޝާދު ޝަރީފް ވިދާޅުވީ މިއަދު މިހަވާލު ކުރެވުނު ޑޮނޭޝަންސްތަކުގެ އެހީގައި ސްކޫލްތަކުން ދަރިވަރުންނަށް ފޯރުކޮށްދޭ ޒަމާނީ ތައުލީމުގެ ފެންވަރު އިތުރަށް ވަރުގަދަކުރުމަށް މަގު ތަނަވަސްވާނެ ކަމުގައި އުއްމީދު ކުރައްވާ ކަމަށެވެ. އަދި ކުރިޔަށް އޮތްތާންގައި " ޕްރިިމިއަމް ފޯ ގުޑް" ގެ މަސައްކަތްތައް ވަރަށް ހަރަކާތްތެރި ގޮތެއްގައި ފެނިގެން ދާނެ ކަމަށާއި ކުންފުންޏެއްގެ ހައިސިއްޔަތުން މާދަމާގެ ޒުވާން ޖީލު ހެޔޮގުތުގައި ބިނާކުރުމަށް އެލައިޑް އިންޝުއަރަންސް ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގައި ނިއުޝާދު ފާހަގަކުރެއްވި އެވެ.