ހަބަރު

ޝައިޙް ނަސްރުއްﷲ ކޯޓްތަކުގައި ވަކާލާތު ކުރުން ޑީޖޭއޭއިން މަނާކޮށްފި

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަން ފޯމް ހުށަހެޅުއްވި، ނަސީރުގެ ރަނިންމޭޓެއްގެ ހައިސިއްޔަތުން ވާދަކުރުމަށް ކުރިމަތިލެއްވި ޝައިޙް ނަސްރުއްﷲ މުސްތަފާ ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުން ވަގުތީ ގޮތުން މަނާކޮށްފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންސްއިން ބުނީ ޝައިހު ނަސްރުއްﷲ ކޯޓުތަކުގައި ވަކާލާތުކުރުން ވަގުތީގޮތުން މަނާކޮށްފައިވަނީ ނަސްރުއްﷲ އާއި ދެކޮޅަށް ދައުލަތުން ޖިނާއީ ދައުވާތަކެއް އުފުލާފައިވާތީ، އެމައްސަލަތަކާއި މެދު ވަކި ގޮތެއް ކަނޑައަޅަންދެން ކަމަށެވެ.

ޝައިހް ނަަސްރުއްﷲގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވަނީ، އޮޅުވާލައިގެން ބަޔަކު ހައްޖަށް ގެންގޮސް ހާލުގައި ޖެއްސި ކަމަށް ތުހުމަތު ކުރާ މައްސަލައެއްގައެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ވަނީ ދެ ދައުވާއެއް އުފުލާފައެވެ. އެއީ، އެނގިހުރެ ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތެއްގައި ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ދައުވާ އެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަަހުގެ ތެރޭގައި ހައްޖަށް ދިޔަ މީހުންގެ ތެރެއިން ހަތަރު މީހަކަށް ހައްޖަށް ދެވޭނެ ގޮތް ހަމަޖައްސާދީފައިވީ ނަމަވެސް އެ މީހުން މައްކާއަށް ގޮސް ހުންނާނެ ތަނެއް ނެތި ހާލުގައި ޖެހުނެވެ. އެ ހަތަރު މީހުންގެ ތެރެއިން ކޮންމެ މީހެއްގެ އަތުން 70،000 ރުފިޔާ ނެގި ކަމަށް ވެސް އެ މީހުން ތުހުމަތު ކުރެ އެވެ. އެ ހަތަރު މީހުންނަކީ އުމުރުން 74 އަހަރުގެ ފިރިހެނަކާއި 56 އަހަރުގެ ފިރިހެނަކާއި އަދި 37 އަހަރާއި 39 އަހަރުގެ ދެމަފިރިންނެވެ. އެ މީހުން ފަހުން ބަލަހައްޓަން ޖެހުނީ ހައްޖު ކޯޕަރޭޝަނުން އެވެ.

މި މައްސަލައިގެ ތުހުމަތުގައި ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އޭނާ ހައްޔަރު ވެސް ކުރި އެވެ. ހައްޔަރު ކުރުމަށް ފަހު އޭގޭ އަނެއް ދުވަހު ޝަރުތުތަކާއެކު ގޭ ބަންދަށް ބަދަލުކުރި އެވެ. އޭގެފަހުން ޕީޕީއެމްގެ އޮފީސް ތެރެއިން ނަސްރުﷲ ފެނިފައިވެ އެވެ. އެކަމަށް މީހުންގެ ފާޑުކިޔުން ވެސް އަމާޒުވި އެވެ.

ޝޭހް ނަސްރުﷲގެ އެހެން މައްސަލަތަކެއްގެ ޝަރީއަތް ވެސް މިހާރު ކުރިމިނަލް ކޯޓުގައި ކުރިއަށްދެ އެވެ. އެއީ އޭނާގެ މައްޗަށް އުފުލާފައިވާ އަޅާނުލުމުގެ ދެ ދައުވާ އާއި އޮރިޔާންކާޑް އުފައްދައި ގެންގުޅުމުގެ ދައުވާ އާއި ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ. އެ ދައުވާތައް އޭނާގެ މައްޗަށް އުފުލާފައިވަނީ، މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. ނަމަވެސް އެއީ ކޮންމެ މައްސަލައަކާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ.