ކުޅިވަރު

ގަތަރު ބަލިކޮށް ބަންގުލަދޭޝް އޭޝިއަން ގޭމްސްގެ ގަދަ 16 އަށް

ގަތަރުގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި އޭޝިއަން ގޭމްސްގެ ދެ ވަނަ ބުރަށް ބަންގުލަދޭޝް ދަތުރު ކޮށްފި އެވެ.

އޭޝިއަން ގޭމްސްގެ ފިރިހެން ފުޓްބޯޅަ އިވެންޓް ހާއްސަކޮށްފައި ވަނީ 23 އަހަރުން ދަށުގެ ކެޓަގަރީ އަށެވެ. ބަންގުލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމު ވަނީ ގުރޫޕްގެ ދެ ވަނައިގައި ގަދަ 16 ގެ ޖާގަ ޔަގީން ކޮށްފަ އެވެ.

ދެން އޮންނަ ވޯލްޑްކަޕް ބާއްވާ ގަތަރުގެ 23 އަހަރުން ދަށުގެ ޓީމު ކޮޅަށް ބަންގުލަދޭޝްގެ ހަމައެކަނި ލަނޑު މެޗުގެ 93 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ކެޕްޓަން ޖަމާލް ބުއްޔާން އެވެ.

ބަންގުލަދޭޝް ދެ ވަނަ ބުރަށް ދަތުރު ކުރީ، ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ގުރޫޕްގެ އެއް ވަނަ އުޒްބުކިސްތާން އަތުން ބަލިވީ 3-0 ންނެވެ. އޭގެ ފަހުން ތައިލެންޑާ އެއްވަރުކޮށް ޕޮއިންޓެއް ހޯދި އެވެ.

ދެ ވަނަ ބުރުގައި، ބަންގުލަދޭޝް ބައްދަލު ކުރާނީ ގުރޫޕް އެފް ގެ ދެ ވަނަ ޓީމާ ދެކޮޅަށެވެ. މިވަގުތު ގުރޫޕް އެފްގެ ދެ ވަނަ މަގާމު ގައި އޮތީ އޭޝިއާގެ ފުޓްބޯޅައިގެ ވަރުގަދަ އިރާން އެވެ.