ބަންގްލަދޭޝްގެ ޑާކާގައި މިއަދު ކުޅުނު ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައި ދިވެހި ގައުމީ ޓީމުން ބަންގްލަދޭޝް 1-0 އިން ބަލިކޮށް، އެ ގައުމުގެ ބިމުގައި ފަހުގެ ތާރީހެއްގައި މޮޅުވުމުގެ ރެކޯޑު ގާއިމުކޮށްފި އެވެ.
ބަޝުންދަރާ އެރީނާގައި ކުޅުނު މި މެޗުގައި ދިވެހިންގެ ހަމައެކަނި ލަނޑު ޖެހީ މެޗުގެ 18 ވަނަ މިނެޓުގައި އަލީ ފާސިރު (ސެންޓޭ) އެވެ. މި ލަނޑު އޭނާ ޖެހީ ހަމްޒާ މުހައްމަދު (ހަމްޕު) ނަގައިދިން ފްރީކިކަކުންނެވެ.
މީގެ ކުރިން ބަންގްލަދޭޝްގައި ކުޅުނު ފަސް މެޗުގައިވެސް ބަލިވެފައިވާ ދިވެހިން، މިއަދުގެ މޮޅާއެކު ދެ ގައުމު ބައްދަލުކުރި 19 މެޗުގެ ތެރެއިން ހަތް މެޗު މިވަނީ ކާމިޔާބުކޮށްފަ އެވެ.
މި މެޗުގައި ބަންގްލަދޭޝްގެ ފަރާތުން އެންމެ ނުރައްކާތެރި ހަމަލާ އައީ 43 ވަނަ މިނެޓުގައި ސޮހޭލް ރާނާގެ ފަރާތުންނެވެ. ނަމަވެސް އޭނާ ޖެހި ބޯޅަ ރަނގަޅު އަމާޒު ހިފައިގެން ނުދިޔައެވެ.
ދެ ޓީމު އަނެއްކާވެސް ބައްދަލުކުރާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ކުޅޭ އެކުވެރިކަމުގެ ދެވަނަ މެޗުގަ އެވެ.
މި މޮޅަކީ ވަޅުޖެހިފައިވާ ދިވެހި ފުޓުބޯޅައަށް ލިބުނު ބޮޑު ހިތްވަރެކެވެ. ގައުމީ ލީގު މެޗެއް ނުކުޅޭތާ އަހަރެއްހާ ދުވަސްވެ އަދި ގައުމީ ޓީމުވެސް މެޗެއް ކުޅެފައިވަނީ އަހަރެއްހާ ދުވަސްކުރިން، ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ބަންގްލަދޭޝްއާ ދެކޮޅަށެވެ. އެ މެޗު ބަންގްލަދޭޝް ކާމިޔާބު ކުރީ 2-1 އިންނެވެ.