ސާފް ޗެމްޕިއަންޝިޕް

ޓިކެޓް ހުސްވުމުން ބަންގްލަދޭޝް ސަޕޯޓަރުން ރަތަށް

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާއި ބަންގްލަދޭޝް ކުޅޭ މެޗުގައި ބަންގްލަދޭޝް ސަޕޯޓަރުންނަށް ވިއްކާ ޓިކެޓް ހުސްވުމުން އެޓީމުގެ ސަޕޯޓަރުން ނުރުހުން ފާޅުކޮށްފި އެވެ.

މިއަހަރުގެ މުބާރާތުގައި ރާއްޖެ ފިޔަވައި އެންމެ ގިނަ ސަޕޯޓަރުން ދަނޑަށް ވަންނަނީ ބަންގްލަދޭޝްއަށް ސަޕޯޓް ކުރުމަށެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ބަންގްލަދޭޝް ރައްޔިތުން މަސައްކަތް ކުރަމުންދާއިރު އެޓީމު ކުޅޭ ކޮންމެ މެޗަކަށް ވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަދެ އެވެ.

އަންނަ ހުކުރު ދުވަހުގެ ރޭ ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗުގައި ބަންގްލަދޭޝް ސަޕޯޓަރުންނަށް ވިއްކަން ހަމަޖެހިފައިވާ ޓިކެޓް ހުސްވުމުން އެޓީމުގެ ސަޕޯޓަރުން ވަނީ ނުރުހުން ފާޅުކޮށް ޓިކެޓް ކައުންޓަރުގައި ތިބި މުވައްޒަފުންނާއި ހަޑިހުތުރު ބަހުން ވާހަކަދައްކާފަ އެވެ. އަދި އެ ސަރަހައްދުގައި ބަންގްލަދޭޝް ރައްޔިތުން ހަޅުތާޅު ކުރަމުން އަންނާތީ ފުލުހުން މިހާރު ވަނީ އެ ސަރަހައްދަށް ގޮސްފަ އެވެ.

މިކަމާ ގުޅިގެން އަވަސް އަށް މައުލޫމާތު ދެމުން އެފްއޭއެމްގެ އޮފިޝަލަކު ވިދާޅުވީ ހޯމް ޓީމަށް އެ އެޑްވާންޓޭޖް ދިނުމުގެ ގޮތުން ހޯމް ޓީމު ފިޔަވައި އަނެއް ޓީމަށް ވިއްކަން ހަމަޖެހިފައި ވަނީ 200 ޓިކެޓް ކަމަށެވެ.

"މިހާރު އެމީހުން އަންނަނީ މެޗަށް ވަންނަން ބޮޑެތި އަދަދު ތަކުން ދިވެހިންގެ އަތުން ބްލެކް މާކެޓްގައި ޓިކެޓް ގަންނަމުން. އެކަމަކު އަވޭ ޓީމު ހުރުމަށް ދަނޑުގައި އެލޮކޭޓް ކުރެވިފައި ވާނެ ވަކި ސަރަހައްދެއް. އެ އަދަދަށް މީހުން ވައްދާނީ. ޓިކެޓް ހިފައިގެން އަޔަސް އިތުރަށް މީހުން ނުވައްދަން ނިންމާފައި ވާނީ" އޮފިޝަލް ވިދާޅުވި އެވެ.

މެޗު ބަލަން ބިދޭސީ ސަޕޯޓަރުންނަށް ވަދެވޭނީ ވޯކް ޕާމިޓް ވިސާ ދެއްކުމުންނެވެ. ރާއްޖެ މެޗުގައި ބަންގްލަދޭޝް ސަޕޯޓަރުން ވައްދަން ހަމަޖެހިފައި ވަނީ "އައި ބްލޮކް" ގޭޓުން އެކަންޏެވެ.

ބަންގްލަދޭޝް އާއި އިންޑިއާ އިއްޔެ ބައްދަލުކުރި މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އިންޑިއާގެ ކޯޗު ބުނީ މެޗުގައި އިންޑިއާ ޓީމަށް އެންމެ އުނދަގޫވީ ބަންގްލަދޭޝްގެ ގިނަ ސަޕޯޓަރުން ތަކެއް ދަނޑަށް ވަނުމުން ކަމަށެވެ. އަދި މެޗުގެ ހުރިހާ ވަގުތެއްގައި ވެސް ބަންގްލަދޭޝް އަށް ސަޕޯޓް ލިބެމުން ދިޔަ ނަމަވެސް އިންޑިއާއަށް އެ ސަޕޯޓް ނެތް ކަމަށެވެ.

މީގެ ކުރިން ރާއްޖެ އާއި ބަންގްލަދޭޝް ގަލޮޅު ދަނޑުގައި ބައްދަލުކުރި މެޗެއްގައި ބަންގްލަދޭޝް ސަޕޯޓަރުން ވަނީ ގަލޮޅު ސްޓޭޑިއަމް ފުރާލާފަ އެވެ. އެކަމަކު މެޗުގެ ވަކި ހިސާބަކުން ރާއްޖެ ޓީމުން ގިނަ ލަނޑު ތަކެއް ޖަހަން ފެށުމުން ބަންގްލަދޭޝްގެ ގިނަ ސަޕޯޓަރުން ތަކެއް ވަނީ ދަނޑު ދޫކޮށް ނިކުމެފަ އެވެ. އެ މެޗުން ރާއްޖެ މޮޅުވީ 5-0 ގެ ނަތީޖާ އަކުންނެވެ.