ގިނަ ކުޅިވަރުތަކާއި ހަވާއެރުވުމުގެ ހަރަކާތްތަކާއެކު މި އަހަރުގެ އަޟްލާ އީދު ފާހަގަ ކުރުމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.
އެޗްޑީސީ އިން ބުނީ އެ ކޯޕަރޭޝަނާއި އެކިއެކި ޖަމިއްޔާތައް ގުޅިގެން ޒުވާނުންނަށާއި ހުޅުމާލޭގައި ދިރިއުޅޭ އެންމެހާ ރަައްޔިތުންނަށް ހާއްސަކޮށްގެން ކުރިޔަށް އޮތް ދެ ދުވަހު ހުޅުމާލޭގައި ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ބޮޑު ޖަމާއަަތުގައި އީދު ނަމާދު ކުރުމަށް ފަހު ސެންޓްރަލް ޕާކުގައި އީދު ސައެއް އެޗްޑީސީ އިން ވަނީ އިންތިޒާމްކޮށްފަ އެވެ. އޭގެ އިތުރުން އުލްހިޔާ ކަތިލުން ވެސް ހުޅުމާލޭގައި ވަނީ ކުރިޔަށް ގެންގޮސްފަ އެވެ.
އީދު ފާހަގަ ކުރުމުގެ ގޮތުން ޒުވާނުންނަށް ހާއްސަ ގްރެފިޓީ އާޓްގެ ހުނަރު ދައްކާލުން މިއަދުން ފެށިގެން އީދުގެ ފަހު ދުވަހާ ހަމަޔަށް ކުރިޔަށް ދާނެ އެވެ. އަދި ރައްޔިތުންނަށް ކަދުރު ބެހުމާއި ފެން ކުޅީގެ ހަރަކާތްތައް ވެސް ދެ ސަރަހައްދެއްގައި ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ. އެއާއެކު މިދިޔަ އަހަރެކޭ އެއްގޮތަށް ކުލަ ޖެހުމުގެ ހަރަކާތްތަކެއް ވެސް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމައިފަ އެވެ.
ކުޑަ ކުދިންނަށް ހާއްސަކޮށްގެން ހަވީރެއް ބޭއްވުމަށް ވެސް އެޗްޑީސީއިން ވަނީ ނިންމައިފަ އެވެ. އެ ހަރަކާތުގައި ވޯޓާ ސްލައިޑާއި އީދު ޕެރޭޑާއި ހަދިޔާ ބެހުން ކުރިޔަށް ދާނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ.
މިރޭ ހުޅުމާލޭގައި ބޮޑު ބެރާއި މިއުޒިކާއި ސަގާފީ ހަރަކާތްތަކުގެ އިތުރުން ހަވާ އެރުވުން ވެސް އޮންނާނެ އެވެ.