ދިވެހީންނަކީ ޒަމާނުއްސުރެ ކުލަގަދަ ގޮތެއްގައި އީދު ފާހަގަ ކުރަމުން އަންނަ ބައެކެވެ. ސަގާފީ އެކި ހަރަކާތްތަކުން އީދަށް ފުރިހަމަ ކަމެއް ގެނެސްދިނުމުގައި ދިވެހިން އަބަދުވެސް މަސައްކަތް ކުރެއެވެ. ޒަމާނަށް ބޮޑު ބަދަލުތަކެއް އައިސް ދިވެހީންގެ މެދުގައި މިވަނީ އީދު ފާހަގަ ކުރުމަށްވެސް ބޮޑު ބަދަލެއް އައިސްފަ އެވެ. ކުރީގެ ސަގާފީ ގޮތްތައް ބަދަލުވެ މިހާރުގެ ގޮތަށް އީދު ފާހަގަ ކުރުން ވަނީ ގިނަ ރަށްރަށުގައި ބަދަލުވެފަ އެވެ. ނަމަވެސް އަދިވެސް ސަގާފީ އީދުގެ ކުޅިވަރުތައް ދިވެހިންގެ މެދުގައި ފަނޑުވުމެއް ނެތި އޮވެ އެވެ.
ހުޅުމާލޭގައި ޔޫތު ސިޓީއަކީ އެންމެ ހަލުވި ދުވެލީގައި ތަރައްގީވަމުން އަންނަ ތަނެވެ. އާބާދީގެ ބޮޑު ބައެއް ޔޫތު ސިޓިއަށް ދިރިއުޅުން ބަދަލުކޮށްފައި ވެއެވެ. ތަރައްގީއާއެކު ޒަމާނީ ވަންތަކަން ޔޫތް ސިޓީގެ ދިރިއުޅޭ މީހުންގެ ގައަގާ ހަރުލަމުންދާއިރު އެ ޒަމާނީ ވަންތަކަން ނައްތާލައި ސަގާފީ އީދެއް ގެނެސްދިނުމަށް ހުޅުމާލެ ރައްޔިތުން ހިނިތުންކޮށްލާ ވަރުގެ ބޮޑު އީދަކަށް އެތަން ވަނީ ތައްޔާރުވެފަ އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިވަނީ ޔޫތް ސިޓީއަށް ސަގާފީ އީދެއް ގެނެސްދިނުމަށް ފައްކާ ކޮށްލާފަ އެވެ. ހައްޖު ދުވަހާއި އީދު ދެދުވަހު ތަފާތު އެކި ހަރަކާތްތަކުން ހުޅުމާލެ މިވަނީ ބޮޑުއީދުގެ ސަގާފީ ކުލަވަރު ޖައްސާލުމަށް އެޗްޑީސީން އަތުކުރި އޮޅާލާފަ އެވެ. މިފަހަރު ވެގެންދާނީ އެޗްޑީސީގެ އީދު ފޯރި ހުޅުމާލެ ޔޫތް ސިޓީގައި ގަދަކޮށްލާ ފަހަރަކަށެވެ.
ހައްޖު ދުވަހާއި އީދު ދެ ދުވަހު އެޗްޑިސީން ރާވާފައިވާ ހަރަކާތްތަކަށް ބަލާލާއިރު އެންމެ ފުރަތަމަ ކަމަކަށް އޮތީ ހައްޖު ދުވަހު ރޯދަހިފާ ފަރާތްތަކަށް ހާއްސަކޮށް ރޯދަ ވީއްލުމެކެވެ. ރޯދަ ވީއްލުން ހަމަޖެހިފައިވަނީ ހުޅުމާލެ ބޮޑު މިސްކިތުގައި އެވެ. ރޯދަ ވީއްލުމުގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ އާންމުންނަށް ވަނީ ހުޅުވާލާފަ އެވެ.
ހައްޖު ދުވަހަށްފަހު ދެން އޮތީ އީދުގެ ފޯރި ގަދަކޮށްލުމަށް އެޗްޑީސީން ހިންގަން ރާވާފައި ހުރި ހަރަކާތްތަކެވެ. އެގޮތުން އީދު ނަމާދު ކުރުން ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި އެވެ. ނަމާދަށްފަހު އެދުވަހުގެ ހެނދުނު 9:00 ގައި އުލްހިޔާ ކަތިލުމުގެ އިތުރުން އެންމެންނަށް ހާއްސަކޮށް ބޮޑު ސައެއް ދިނުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. އަދި ކަތިލެވުނު އުލްހިޔާތަށް ސަދަގާތްކުރުން އެދުވަހުގެ މެންދުރު 11:00 ގައި ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައި ވެއެވެ. މި ހުރިހާ ހަރަކާތްތަކެއްވެސް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ސެންޓްރަލް ޕާކުގަ އެވެ.
އީދު ފޯރި އިތުރަށް ގަދަކޮށްލުމުގެ ގޮތުން އެދުވަހުގެ ހަވީރު 4:00 ގައި ސަގާފީ ހިނގާލުމެއް ރާވާފައި ވެއެވެ. ސަގާފީ ހިންގާލުން ވަރަށްެސް ތަފާތުވާނެ ކަމަށާއި އެކަން ކުރިއަށް ދާނީ ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ކަމަށް އެޗްޑީސީން ބުންޏެވެ. އީދު ދުވަހުގެ އެންމެ ފަހު ހަރަކާތަކަށް އޮތީ ބޮޑު ޝޯ އެކެވެ. ތަފާތު ފަންނާނުންނާއެކު ގެނެސްދޭ "އީދު މަޖާ މިޔުޒިކް ޝޯ" ފެށުމަށް ހަމަޖެހިފައިވަނީ އެރޭ 9:00 ގައި އެވެ. ހުޅުމާލެ އީދު ފޯރި ނިންމާލަން ހަމަޖެހިފައިވަނީ އީދުގެ ދެވަނަ ދުވަހު އޮންނަ ކުޑަކުދިންގެ ހަވީރަކުންނެވެ. އަލް ހިޖާރްގެ ފަރާތުން ހިންގާ އެ ކުޑަކުދިންގެ ހަވީރު ފެށުމަށް ހަަމަ ޖެހިފައިވަނީ އީދުގެ ދެވަނަ ދުވަހުގެ ހަވީރު 4:00 ގައި އެވެ.
ފަހަކަށް އައިސް އެޗްޑީސީން ވަނީ ސަގާފީ އެކި ކުޅިވަރުތަކާއެކު ހުޅުމާލޭގައި ވަރަށް ގިނަ ހަރަކާތްތަކެއް ހިންގާފަ އެވެ. މިދިޔަ އަހަރުގެ އީދުވެސް ވަނީ ވަރަށ ކުލަ ގަދަކޮށް ފާހަގަ ކޮށްފަ އެވެ. އަދި މިދިޔަ ކުޑައީދުގައި އެޗްޑީސީން ވަނީ ހޮޓް އެއާ ބެލޫން ފެސްެޓެއްވެސް ބާއްވާފަ އެވެ. އެޗްޑީސީން ބުނީ އެންމެ ބޮޑު އަމާޒަކީ އެއްބައިވަންތަކަން އާލާކޮށް ގުޅުން ބަދަހި ކުރުން ކަމަށެވެ.