ހުޅުމާލެ

ހުޅުމާލޭ ފްލެޓްތަކުގެ ގާޑަންގައި އިމާރާތްތަކެއް! ކޮންކަމެއް؟

ހުޅުމާލޭގެ ފްލެޓްތަކުން އާ ކަމެއް ފާހަގަވެ އެވެ. ބައެއް ފްލެޓްތަކުގެ ގްރައުންޑް ފްލޯގައި، އެކަހަލަ އެހެން ފްލެޓްތަކުގައި ނުހުންނަ ކުޑަ ކޮޓަރިއެއް ނުވަތަ އެފަދަ އިމާރާތެއް އެބަހުރެ އެވެ. މީގެ ކުރިން ހުޅުމާލޭގެ ސޯޝަލް ހައުސިން ޔުނިޓް އަޅާފައިވާ ބްލޮކަކުން ތަފާތު ވައްތަރުގެ ހައުސިން ޔުނިޓް އަޅާފައި ހުންނާތީއެއް ނުފެނެ އެވެ. -- ބައެއް ފްލެޓްތަކުގެ ގްރައުންޑް ފްލޯގައި އުޅޭ ފަރާތްތަކުން ފްލެޓްތަކުގެ ގާޑަން ސްޕޭސްގެ ގޮތުގައި އޮންނަ ހުސް ޖާގައިގައި ގަވާއިދާ ހިލާފަށް އަމިއްއަށް އިމާރާތްތައް އަޅަނީ އެވެ. އެ ތަންތަން ކުއްޔަށްދީގެން އާމްދަނީ ވެސް ހޯދަނީ އެވެ. މި ކަންދަނީ ފުޅާ ކުރަމުންނެވެ.

ގާޑަން ސްޕޭސްގައި އިމާރާތް ކުރުމަކީ މަނާ ކަމެއް!

ގާވާއިދުގައި އޮންނަ ގޮތުން އެޗްޑީސީން މީހަކަށް ބިމެއް ނުވިއްކާހާ ހިނދަކު ހުޅުމާލޭގެ ބިމަކީ ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މިލްކިއްޔާތެކެވެ. އެހެންކަމުން އެ ކުންފުނީގެ ބިމެއްގައި އާންމު ފަރާތަކުން، އަދި އެނޫން ވެސް ފަރާތަކުން ހުއްދަ ހޯދުމަކާ ނުލައި އިމާރާތް ކުރުމާއި، ތަނެއް ތަރައްގީ ކުރުމަކީ މަނާ ކަމެކެވެ. އެފަދަ ކަމެއް ކޮށްފިނަމަ އެފަރާތަކާމެދު ފިޔަވަޅު އެޅުމުގެ ފުރިހަމަ ހައްގު އެޗްޑީސީއަށް ލިބިގެންވެ އެވެ. އަދި އެއީ ހުޅުމާލޭގެ ޕްލޭނާ ވެސް ހިލާފު ކަމެކެވެ.

ހުޅުމާލޭގެ ސޯޝަލް ހައުސިން ޔުނިޓްތައް އިމާރާތްކޮށްފައިވާ ގޮތުން ކޮންމެ ފްލެޓެއްގެ ދެމެދުގައި ފުދޭ ވަރެއްގެ ބޮޑު ހުސް ޖާގައެއް ދޫކޮށްފައި އޮވެ އެވެ. އެގޮތަށް ޖާގަ ދޫކޮށްފައި އޮންނަ އެންމެ ބޮޑު ބޭނުމަކީ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ޕާކިން ސްޕޭސް ހޯދައިދިނުމާއި ގަސް ހައްދަން ބޭނުންވާ ފަރާތްތަކަށް އެ ޖާގަ ހޯދައިދިނުމެވެ.

ހާއްސަކޮށް، އަލިފާނުގެ ހާދިސާއެއް ހިނގައިފި ހާލަތެއްގައި ފްލެޓްތަކަށް ފަސޭހައިން ވަދެވޭނެ ގޮތަށް ހެދުމާއި، ތަނެއް މަރާމާތު ކުރަންޖެހޭ ހާލަތެއްގައި ފްލެޓް ވަށައިގެން އެކްސެސް ހޯދުމެވެ. ނަމަވެސް ގާޑަން ސްޕޭސްގެ ގޮތުގައި ދޫކޮށްފައި އޮންނަ ހުސް ޖާގައިގައި އިމާރާތާއި އެނޫންވެސް ތަންތަން އަޅައި އެތަންތަން ފުރާލުމުގެ ސަބަބުން އެފަދަ ހާލަތްތަކުގައި އެހީ ފޯރުކޮށްދިނުމަށް ވެސް ހުރަސްތަކެއް ދަނީ ކުރިމަތި ވަމުންނެވެ.

"ހުޅުމާލޭގައި އެގޮތަށް އަމިއްލަޔަށް ތަންތަން ހެދުމަކީ މަނާކަމެއް. ފްލެޓްތައް ވިއްކާއިރު އެ އަގުގެ ތެރޭގައި ވަށައިގެން އޮންނަ ހުސް ބިމެއް ނުހިމެނޭ. އެހެންކަމަށް ވާނަމަ އެ ބިންތައް ވާނީ އެޗްޑީސީގެ މިލްކިއްޔާތަކަށް. ބޮޑަށް ދިމާވާ މައްސަލައަކީ މިކަން ކުރަނީ ހަމަ އެކަނި ގްރައުންޑް ފްލޯގައި ދިރިއުޅޭ މީހުންނަށް ވާތީ، ފްލެޓްގައި ދެން ތިބި އެންމެންގެ ހައްގު އެބަ ގެއްލޭ،" އެ މައްސަލާގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ. "އެ ހުސް ޖާގަ އަކީ އެންމެންގެ ބޭނުމަށް އޮންނަ ޖާގަ އެއް. ތަން މަރާމާތު ކުރަން ޖެހިއްޖިއްޔާ ވެސް، އަލިފާނުގެ ހާދިސާއެއް ހިނގައިފި ހާލަތެއްގައި ފަސޭހައިން ފްލެޓަށް އެކްސެސް ވާން ވެސް މީގެ ސަބަބުން ހުރަސްތަކެއް އެބަހުރި،"

ހުޅުމާލޭގައި ފުރަތަމަ އެޅި ބައެއް ހައުސިން ޔުނިޓްތަކުގެ ތެރެއިން 116 ހައުސިން ޔުނިޓެއްގައި ގަވާއިދާ ހިލާފަށް ގާޑަން ސްޕޭސް ބޭނުންކުރުމުގެ އެކި މައްސަލަތައް ހުރި އިރު، އޭގެ ތެރެއިން ގިނަ ފްލެޓްތަކުގައި އެގޮތަށް އަޅާފައިވާ އިމާރާތްތަކަކީ ކުއްޔަށް ދިނުމަށް އަޅާގައިވާ ތަންތަނެވެ. އެ މައްސަލަ އެންމެ ބޮޑަށް ފެންނަން ހުރީ ހުޅުމާލޭގެ ނެއިބަހުޑް އެކެއްގެ ފްލެޓްތަކުންނެވެ.

"ގާޑަން ސްޕޭސްގައި އިމާރާތް އަޅާ މީހުންގެ ތެރޭގައި ގިނައީ އެތަން ކޮޓަރިއަކަށް ހަދައިގެން ކުއްޔަށް ދޭ ފަރާތްތައް. ބައެއް މީހުން އެބަ ހުރޭ އުސްކޮށް ފާރު ރާނައި ކޮންމެވެސް އަމިއްލަ މަސައްކަތެއް ކުރާ ތަނެއް ހަދާފަ ވެސް. މިކަމަކީ ވަރަށް ކުރިން ފެށިގެން އެ މީހުން ކުރަމުން އައި ކަމެއް. ކުރީ ކޮޅު އެކަން ނުހުއްޓުވުމުގެ ނަތީޖާ މިކަން މިހާ އާންމު ކަމަކަށް މިވީ. މިގޮތަށް ބައެއް މީހުންގެ އަމަލުތައް ބެހެއްޓުމުން ދިމާވާ އަނެއް މައްސަލައަކީ ނުގަވައިދުން މީހަކު މިހާރު ކަމެއް ކޮށްގެން، ތިޔައީ ގަވާއިދާ ހިލާފު ކަމެކޭ އަޅުގަނޑުމެން ބުނީމަ، އެންމެން ވެސް ދައްކަނީ މި ފަރާތްތައް. އެމީހުންވެސް އެކުރަނީ ގަވާއިދާ ހިލާފު ކަމެކޭ، އެމީހުންނަށް އެހެން ކަންތައް ކުރެވޭއިރު ތިމަންނަ މެނަށް ކީއްވެހޭ ނުކުރެވެންވީ، އެހެންވީމަ މިއީ ހުއްޓުވަންޖެހޭ މައްސަލައެއް،" ހުޅުމާލެ މުނިސިޕަލްޓީގެ ވެރިޔާ އިސްމާއިލް ޝާން ވިދާޅުވި އެވެ.

މި މައްސަލާފައި އަޅާނެ ފިޔަވަޅެއް އެޗްޑީސީން އަދި ނިންމާފައެއް ނުވެއެވެ. އެކަމަކު މީހުން ދިރިއުޅެން ފެށިތާ މިއަހަރަށް 12 އަހަރު ފުރިފައިވާ ހުޅުމާލެ އަކީ ރާއްޖޭގެ އެންމެންގެ އުންމީދާ ގުޅީފައިވާ ސިޓީއަކަށްވެ، 40،000 އަށްވުރެ ގިނަ މީހުންގެ ދިރިއުޅެމުންދާއިރު މިއީ ވަރަށް ބޮޑު މައްސަލައެކެވެ. މިކަން ހުއްޓުވެންޖެހެ އެވެ.

ހުޅުމާލެ މިއަދު މިސްރާބު ޖަހާފައި އެ ވަނީ އެންމެ މަތީ ފެންވަރުގެ އުމްރާނީ ތަރައްގީއާ ދިމާއަށެވެ. އެރަށަކީ މުސްތަގްބަލުގައި މާލެ ސަރަހައްދުގެ ހިތް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. މާލެއާ ހިލާފަށް ހުޅުމާލެއަކީ ފެށުނީއްސުރެ ހަރުދަނާ ޕްލޭނެއްގެ ދަށުން ސަރުކާރުން ތަރައްގީކުރަމުން އަންނަ ރަށެކެވެ. އެ ރަށް ތަރައްގީ ކުރުމަށް ވަކި ހާއްސަ އޮފީހެއް އުފެދިގެން މިހާތަނަށް ދެމި އޮތީވެސް އެ ސަބަބާ ހެދި އެވެ.