ރާއްޖެއަކީ ފަތުރުވެރިކަމަށް ފަހި ދުނިޔޭގެ އެއް ނަމްބަރު މަންޒިލެވެ. އެއް ނަމްބަރު ޓޫރިސްޓް މަންޒިލްގެ ގޮތުގައި ރާއްޖެ ދުނިޔައި ވިދާފައި ވަނީ ރާއްޖޭގެ ރީތި ކަމާއި ހިމޭން ކަމާއި ސުލްހަ އެވެ. ރާއްޖޭގައި ރީތި ފުރިހަމަ ރިސޯޓްތައް އެބަހުއްޓެވެ. ހިތްގައިމު ވޯޓާ ވިލާތަކާ ފެންވަރު ރަނގަޅު ގެސްޓް ހައުސްތައް ވެސް އެބަހުއްޓެވެ. މިވަރުން ރާއްޖެ ފަހުރުވެރިވާ ޓޫރިޒަމެއް ލިބުނީ ކަމަށް ފުއްދާލެވޭކަށް ނެތެވެ. ރާއްޖެއަށް ލިބިފައިވާ ގުދުރަތީ ރީތިކަމުގެ ފައިދާ އޭގެ އެންމެ ފުރިހަމައަށް ލިބޭނީ ހުސް ރިސޯޓާ ގެސްޓް ހައުސް ހަދައިގެނެއް ނޫނެވެ. ޓޫރިޒަމްގެ ނަފާ ލިބޭނެ ހުރިހާ ދޮރެގައި ރާއްޖެއިން ޓަކިދޭންޖެހެ އެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާ އެއްގޮތަށް އާބަން ފަތުރުވެރިކަމެއް ރާއްޖޭގައި ގާއިމް ކުރަންޖެހެ އެވެ. ރާއްޖެ މިހާރު ދަތުރު ކުރަނީ ވެސް އެދިމާ އަށެވެ. ކުރިޔަށް އޮތް ތަނުގައި ރާއްޖޭގެ އެންމެ ފުރިހަމަ ރަށް، ހުޅުމާލޭގެ ތަރައްގީގެ ތެރެއިން އެކަން ވަރަށް ބޮޑަށް ފެނިގެންދާނެ އެވެ.
އާބަން ޓޫރިޒަމް ނުވަތަ ހުޅުވާލެވިފައިވާ މުއްސަނދި ފަތުރުވެރިކަމާއި މިހާރު ރާއްޖޭގައި މިއޮތް ފަތުރުވެރިކަމުގެ ނިޒާމާއި ވަކި ފަރަގެއް ހުރެދާނެތޯ ސުވާލު އުފެއްދިދާނެ އެވެ. ސަބަބަކީ މިހާތަނަށް ދިވެހިން ތިބީ ރިސޯޓް އުފެއްދުމުގެ ރޭހެއްގައި ކަމަށް ވާތީއެވެ. އެކަން ބަދަލުވެގެންދާނެ އެއް ދިމާއަކީ ހުޅުމާލެ އެވެ.
ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައިމަން ވިދާޅުވި ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސަގާފަތުގެ ތެރެއަށް އާބަން ޓޫރިޒަމް ވެއްދުމަކީ ސަރުކާރުގެ އަމާޒަކެވެ. އަދި އެ މަގަށް މިހާރު ވަނީ ދަތުރު ފަށާފަ އެވެ.
ރިސޯޓާއި ގެސްޓް ހައުސް އިން ފަތުރުވެރިންނަށް ކޭޓާ ކޮށްދިނުމުގެ ބަދަލުގައި ފަތުރުވެރިންނަށް ހިދުމަތްދޭން ތަފާތު އިންޓްރެސްޓިން ގޮތްތައް ހޯދަން ޖެހެ އެވެ. އެ މަގަށް ދަތުރު ކުރުމުގައި ހުޅުމާޅެ ދެވަނަ ފިޔަވަހީގައި ހަދާ ކްރޫޒް ޓާމިނަލާއި ޔޮޓް މެރީނާ މަޝްރޫއަކީ ރާއްޖޭގެ ފަތުރުވެރިކަން މާސް ޓޫރިޒަމަކަށް ބަދަލުކޮށްލާނެ ޕްރޮޖެކްޓަކަށް ވެގެންދާނެ އެވެ. -- ފީލިން ހެޕީ
"ރާއްޖެއަށް އަހަރަކު އެތައް ހާސް ޓޫރިސްޓުން ދަތުރުކުރާ ކްރޫޒްތައް އެބަ ބަނދަރުކުރޭ، އެމީހުންނަށް ކޭޓާ ކޮށްދޭން [ހިދުމަތްދޭން] އެންމެ އުނދަގޫވާ އެއް ސަބަބަކީ ކްރޫޒް ލައިނާތަކަށް ހާއްސަ ޓާމިނަލެއް ނެތުން. ގާތްގަނޑަކަށް 5000-6000 ފަތުރުވެރިން ހިމެނޭ ކްރޫޒްލައިނާތައް ރާއްޖެއަށް އެބަ އާދޭ. އެހާ ގިނަ މީހުން މާލެ ފައިބައިގެން ކުރާނެ ކަމެއް ނެތިފައި ތިބުމަކީ މައްސަލައެއް. ގަބޫލުކުރަންޖެހޭ ފަތުރުވެރިން ކުރާނެ ކަންކަން ފަހިކޮށްދޭނެ ފަތުރުވެރި ޑިސްޓްރިކްޓެއް [ސަރަހައްދެއް] ރާއްޖޭގައި ނެތުމަކީ ރާއްޖެއަށް މިހާރު އޮތް ނުކުޅެދުންތެރިކަމެއް،" ސައިމަން ސިފަ ކުރެއްވި އެވެ. "ކްރޫޒް ލައިނާތަކުން އަންނަ ފަތުރުވެރިން ނަކީ ހަރަދު ކުރަން ބޭނުން ބައެއް. އެމީހުން މިތަނަށް އައިސް ކުރާނެ ކަމެއް ނެތިގެން އެނބުރި ދާއިރު އެމީހުންނާއެކު އެ ދަނީ އަތާ ހަމައަށް އައިސް އެކަމަކު ނުލިބި ދާ އެތައް ހާސް ޑޮލަރެއް،"
ހުޅުމާލެ ދެވަނަ ފޭހުގައި ހެރިޓޭޖް އައިލަންޑްގެ ގޮތުގައި ތަރައްގީކުރާ ކުރީގެ ރިސޯޓް ފަރުކޮޅުފުއްޓާ ކައިރީގައި ހަދާ ޔޮޓް މެރީނާއާއި ކްރޫޒް ޓާމިނަލަކީ މިހާތަނަށް މާލެ ސަރަހައްދުގައި ހިންގާ އެންމެ ބިޔަ ޕްރޮޖެކްޓަށް ވާނެ އެވެ. ބިޔަ އެ ޕްރޮޖެކްޓަށް މަދުވެގެން 300 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ސަރުކާރުން ލަފާ ކުރެ އެވެ.
އެޗްޑީސީން ބުނާ ގޮތުގައި މިހާރު އިންޓަނޭޝަނަލް ބިޑަށް ހުޅުވާލާފައިވާ އެ ޕްރޮޖްކެޓަށް މިހާތަނަށް ހަތަރު ފަރާތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އެހެން ނަމަވެސް އެ ތަފުސީލްތައް އަދި ހާމަކޮށްފައެއް ނުވެއެވެ.
ހުޅުމާލޭގައި ކްރީޒް ޓާމިނަލެއް ހަދާއިރު އެ ޓާމިނަލާއެކު ފަތުރުވެރިންނަށް ގިނަ ފުރުސަތުތަކެއް އޮންނަންޖެހެ އެވެ. އެ ހިދުމަތްތަކާއި ފުރުސަތުތައް ހޯދައިދޭން އެޗްޑީސީ އޮތީ ތައްޔާރުވެގެނެވެ. ސައިމަން ވިދާޅުވި ގޮތުގައި އެގޮތުން ހެރިޓޭޖް އައިލެންޑާއެކު ފަތުރުވެރިންގެ ސަހަރަކަށް އެ ސަރަހައްދު ބަދަލުވެގެން ދިއުމުގެ އުންމީދު ވަރަށް ބޮޑެވެ.
ހެރިޓޭޖް އައިލަންޑް ތަރައްގީވެގެން އަންނަ އިރު އެތަނުގައި ދާރުލްއާސާރެއްގެ ކުލަ ޖެހި، ފަތުރުވެރިންނަށް ހާއްސަކުރާ ފިހާރަތަކުގެ އިތުރަށް ދިވެހި ފަންނާނުންނަށް އެމީހުންގެ އުފެއްދުންތައް މާކެޓަށް ނެރުމުގެ ފުރުސަތުތައް ފަހިވާނެ އެވެ. އެ ސަރަހައްދު އެއްކޮށް ތަރައްގީކޮށް ނިމޭއިރު 5،000 އާއި 8،000 އާ ދެމެދުގެ ވަޒީފާ އުފަންވާނެ އެވެ. ކްރޫޒް ޓާމިނަލްތައް ކާމިޔާބުކަމާއެކު ހިންގާ ދުނިޔޭގެ ބޮޑެތި ގައުމުތަކުގައިވެސް ފަތުރުވެރިންނަށް އެ ޓާމިނަލްތަކުން ހިދުމަތްދޭން މިފަދަ ގޮތްތައް ބޭނުންކުރެ އެވެ.
ދުނިޔޭގައި މަގުބޫލު ބައެއް ކްރޫޒް ލައިނާ ޓާމިނަލް
ޝަންހާއި އިންޓަނޭޝަނަލް ކްރޫޒް ޓާމިނަލް، ޗައިނާ: މި ޓާމިނަލް ބިނާކޮށްފައިވަނީ ޗައިނާގެ ޔަންޒީ ކޯރާއި ޕެސިފިކް އޯޝަން ދިމާވާ ހިސާބު އައްސޭރީގަ އެވެ. އެ ޓާމިނަލަކީ އެތަނުގެ ފުރިހަމަ އާކިޓެކްޗާއާއި އިންޓީރިއާ ޑިޒައިނިން އަށް ދުނިޔޭގެ ގިނަ ބައެއްގެ ތައުރީފު ލިބިފައިވާ ތަނެކެވެ. ޓާމިނަލްގެ ތެރޭގައި ބައެއް ހެޑްކުއާޓާ އޮފީސްތަކާއި ފިހާރަތައް ހުރެއެވެ. ޓާމިނަލްގެ އެއްފަރާތުން ކޯރުގެ އައްސޭރިއާވީ ދިމާލުގައި ބޮޑު ސިންގާ ޕާކެއް ހަދާފައިވެ އެވެ. އަދި އެ ތަނުގައި އެ ގައުމުގެ ސަގާފީ އާދަތައް ފެންނަ ބައެއް ތަންތަނާއި، ސަގާފީ ތަކެތި ވިއްކާ ފިހާރަތައް ވެސް ގިނަ އަދަދަކަށް ގާއިމްކޮށްފައިވެ އެވެ. އެ ޓާމިނަލަކީ ދުނިޔޭގެ އެންމެ ފުރިހަމަ ކްރޫޒްތައް ބަނދަރުކުރާ ޓާމިނަލެކެވެ.
ކެނެޑާ ޕްލޭސް ޓާމިނަލް، ވޭންކޫވާ: ކެނެޑާ ޕްލޭސް ޓާމިނަލަކީ ވެންކޫވާ ކޮންވެންޝަން ސެންޓަރާ ގުޅުވާލާފައިވާ ތަނެކެވެ. އެތަން ފަރުމާކޮށް ނިންމީ 2001 ވަނަ އަހަރު އެވެ. އެ ޓާމިނަލް ބިނާކުރުމުން އެތަން ގިނަ ބަޔަކު ބަލައިގެންފައިވަނީ ހުރިހާ ގޮތަކުން އެންމެ ފުރިހަމަ އެއް ޓާމިނަލްގެ ގޮތުގައެވެ. އަދި އެއީ މުޅި އަހަރު އެއްކޮށް ހިދުމަތްދޭގޮތަށް ހުޅުވި ފުރަތަމަ ޓާމިނަލްވެސް މެއެވެ. އެ ޓާމިނަލްގައި ފަތުރުވެރިންނަށް ހާއްސަ ފިހާރަތަކުގެ އިތުރަށް، ޒަމާނީ މޫވީ ތިއޭޓަރެއް ވެސް ގާއިމްކޮށްފައިވެ އެވެ. އަދި ހަފްތާ ވަކި ދުވަސްތަކެއްގައި އެ ގައުމުގެ އެންމެ ބޮޑެތި ކާމިޔާބީތައް ދައްކުވައިދޭ ޝޯވް ފަދަ ހަރަކާތްތައް ވެސް އެ ތަނުގައި ބާއްވަ އެވެ.
ކައި ޓަކް ކްރޫޒް ޓާމިނަލް، ހޮންކޮންގް: ފަސް ސަތޭކަ މިލިއަން ޑޮލަރުގެ ބަޖެޓަކާއެކު ހެދި މި ޓާމިނަލަކީ މި ފަހުން ހެދި އެންމެ ހިތްގައިމު ޓާމިނަލްތަކުގެ ތެރެއިން ޓާމިނަލެކެވެ. އެ ޓާމިނަލް ފަރުމާކުރީ މަޝްހޫރު ލަންޑަން މިލިނިއަމް ބްރިޖާއި ސިޓީ ހޮޓެލް ވެސް ފަރުމާކުރި ކުންފުނި ކަމަށްވާ ފޯސްޓާ + ޕާޓްނާ އިންނެވެ. ކައި ޓަކް ކްރޫޒް ޓާމިނަލަކީ ދުނިޔޭގެ އެންމެ ލަގްޒަރީ ބޯޓުތައް ގިނައިން ބަނދަރުކުރާ ޓާމިނަލެކެވެ.
ސައިމަން ވިދާޅުވި ގޮތުގައި ހުޅުމާލޭގެ ފަރު އޮންނަ ސަރަހައްދާއި ދިމާލުގައި ޔޮޓް މެރީނާ އަކާއެކު ހަދާ ކްރޫޒް ޓާމިނަލް ފަރުމާކުރަން ހަވާލުކުރާނީ އެކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ގާބިލު ބަޔަކަށެވެ. އަދި އެއީ ތަޖުރިބާކާރުންގެ ލަފައާވެސް އެކު އެވެ.
"އަޅުގަނޑުމެން މި ބަލަނީ ދުނިޔޭގައި އެންމެ މޮޅަށް މިފަދަ ކަންކަން ކުރާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަން. އަޅުގަނޑުމެން އެދެނީ. މި ފުރުސަތުތަކުގެ ބޭނުން ހިފާ ފަރާތްތަކުން ސަރުކާރަށް ލިބޭ އާމްދަނީ އާ އެޗްޑީސީއަށް ލިބޭ އާމްދަނީ އިތުރުވެ މުޅި ގައުމުގެ އިކޮނޮމީއަށް މީގެ ފައިދާ ވުން. ޓޫރިޒަމް އަބަދުވެސް މި އޮންނަނީ ދަ ބެސްޓް ހަނީމޫން ރިލެކްސޭޝަންގެ ގޮތުގައި ބްރޭންޑް ވެފަ. އެކަމަކު އަޅުގަނޑުމެން އެބަ ޖެހޭ އެއާ އެއްކޮށް އާބަން ޓޫރިޒަމް ޕޮއިންޓް އޮފް ވިއު އިން ޓޫރިޒަމް ފުޅާކޮށް އެހެން އިތުރު ސެގްމެންޓް ތަކަކަށް ފުރުސަތު ހުޅުވާލަން،" ސައިމަން ވިދާޅުވި އެވެ.
ހުޅުމާޅެ ދެވަނަ ފިޔަވަހީގައި ކްރޫޒް ލައިނާ ޓާމިނަލެއް ގާއިމްކުރަން ސަރުކާރުން މަސައްކަތް ފަށާފައިވާއިރު އެއާ ގުޅިގެން ހަދާ ހެރިޓޭޖް އައިލެންޑް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ. އެގޮތުން އެތަނަށް މާލޭގެ ކަޅުވަކަރު މިސްކިތް ބަދަލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
ކުށެއްގެ އިސްލާހު
މި ރިޕޯޓްގައި އައްޑޫ ކޮންވެންޝަން ސެންޓަރު ހުޅުމާލޭ ހެރިޓޭޖް ސެންޓަރަށް ބަދަލު ކުރާނެ ކަމަށް ލިޔެފައި ވަނީ މައުލޫމާތު އޮޅުން ފިލުވުމުގައި ނޫސްވެރިޔާއަށް އެރި އޮޅުމަކުންނެވެ. ރިޕޯޓްގައި ހިމެނޭ އެ އިބާރާތް މިހާރު ވަނީ އުނިކޮށްފަ އެވެ. ވީމާ މި ކުށަށް އެޗްޑީސީ އާއި ކިޔުންތެރިންގެ ފަރާތުން ނިހާޔަތަށް މާފަށް އެދެމެވެ.