މިރެއަކީ ޑާކް ރެއިން އެންޓަޓެއިންމަންޓަށް އަނެއްކާވެސް ހާއްސަ ރެއެކެވެ. އެމީހުންގެ އާ ފިލްމު "ހުޅުދާން" ގެ ޕްރިމިއާ ނައިޓެވެ.
ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީގެ އަންހެނުން އައިޝަތު ފުއާދު ލިޔެ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ އެންމެ ޝޯއެއް އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާއިރު ޕްރޮޑިއުސަރު ބުނެފައި ވަނީ މިއީ ހައުސް ފުލް ޝޯއެއް ކަމަށެވެ. ފިލްމުގެ ޓިކެޓް 100ރ. އަށް ވިއްކާފައިވާއިރު އެއް ރެއަށް އޮލިމްޕަސް ހިފަން ހޭދަކުރަން ޖެހުނު ވަރު ކަވަރުކުރެވޭ ކަމަށް ވެސް ޕްރޮޑިއުސަރު ބުންޏެވެ.
އޮލިމްޕަހުގައި ފިލްމެއް ދެއްކުމަށް ކުއްޔަށް ހިފާ ނަމަ ރެއަކަށް 4،000ރ. ދައްކަން ޖެހެ އެވެ. އޮލިމްޕަހުގެ ޖާގަ އަކީ މިހާރު 444 އެވެ.
"ހުޅުދާން" ވެގެންދާނީ ދިވެހި ސިނަމާގެ ފަރުދާ މި އަހަރަށް ކަހާލައި އަހަރު ނިންމާލާނެ ފިލްމަށް ކަމަށް ބެލެވެ އެވެ. އިތުރު ފިލްމުތަކެއް މި އަހަރުގެ ކަލަންޑަރުގައި ނެތްއިރު އަންނަ އަހަރުގެ ފިލްމުތަކާ އެކު މި ފިލްމު ވެސް އަލުން ބެލުންތެރިންނާ ހަމަ އަށް އައުމުގެ ފުރުސަތު އެބައޮތެވެ.
ޕްރޮޑިއުސަރު ބުނެފައި ވަނީ އޮލިމްޕަހުގައި ފިލްމު ދެއްކުމުގެ ހިޔާލެއް ނެތަސް ޝްވެކް ސިނަމާގައި މި ފިލްމު އަންނަ އަހަރު ސްކްރީންކޮށްފާނެ ކަމަށެވެ. އޮލިމްޕަހުގެ ސައުންޑްގެ މައްސަލަ އަދިވެސް ހައްލު ނުވާތީ އާއި ކުލީގެ އަގުތަކުގެ މައްސަލާގައި ޕްރޮޑިއުސަރު މުހައްމަދު އަލީ ހުރީ ހިތްހަމަނުޖެހިފަ އެވެ.
އޭނާގެ މިފަހަރުގެ ފިލްމަކީ އަނެއްކާވެސް އާޓް ފިލްމެކެވެ. "ހެޕީ ބާތު ޑޭ" އަކީ އޭނާގެ އެންމެ މަޝްހޫރު އާޓް ފިލްމެވެ.
މިފަހަރުގެ ފިލްމަކީ އުމުރުން ދުވަސްވެގެން ވަޒީފާ އިން މުސްކުޅިކުރާ މީހެއްގެ ހަޔާތާ ބެހޭ ފިލްމެކެވެ. ފިލްމުގައި ލީޑް ރޯލު ކުޅެފައި ވަނީ ރޯނު ހަސަން މަނިކެވެ. އެއަށް ފަހު ދެން ފިލްމު ފެނިގެންދާނީ މުޅިން އާ މޫނެކެވެ. އެއީ އުއްމީދީ ބަތަލާއެއްގެ ގޮތުގައި މިހާރު ވެސް މަޝްހޫރުވެފައިވާ މަރިޔަމް މަޖުދާ އެވެ.
މިރޭގެ ޕްރިމިއާގައި ޑާކް ރެއިންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން އެންމެ އުއްމީދުކުރެވޭ އެއް ފިލްމު ކަމަށްވާ "އެންމެ ފަހު ވިންދާ ޖެހެންދެން" ގެ ލަވައެއް ވެސް ދައްކާލުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ފިލްމަކީ މަޖުދާ އާއި ޖުމައްޔިލް ލީޑް ރޯލު ކުޅެފައިވާ ލޯބީގެ އަސަރުގަދަ ފިލްމެކެވެ.
"ހުޅުދާން" ގެ ޝޯ މިރޭ ފަށާނީ 9:00 ޖަހާއިރު އެވެ. ފިލްމަކީ އެއް ގަޑިއިރާއި 30 މިނެޓްގެ ފިލްމެކެވެ. ލިޕް ސިންކްކުރާ ލަވައެއް ނުހިމެނެ އެވެ.
ފިލްމުގެ ޑައިރެކްޓަރު އައިޝަތު ފުއާދު ބުނެފައި ވަނީ މި ފިލްމު ވެގެންދާނީ އާންމު ދިރިއުޅުމުގެ "ރިއާލިޓީ ޗެކަކަށް" ކަމަށެވެ.
މި ފިލްމު އަންނަ އަހަރު އިޓަލީގެ މަޝްހޫރު ވެނިސް ފިލްމު ފެސްޓިވަލަށް ވެސް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.