ހަބަރު

ސަރުކާރު ކުންފުނިތަކުގެ ބޯޑްގެ 50 ޕަސެންޓް އަންހެނުންނަށް ހާއްސަކުރާނަން: ރައީސް

އިތުރު ފަސް އަހަރު ދައުރަކަށް ހޮވިއްޖެ ނަމަ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑް މެންބަރުންގެ ތެރެއިން 50 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރައްވާނެ ކަމަށް ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރ. ހުޅުދުއްފާރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން އުސޫލެއްގެ ގޮތަށް ގާއިމް ކޮށްގެން ކުރެވުނު އެއް ކަމަކީ ސަރުކާރު ހިއްސާ އޮންނަ ހުރިހާ ކުންފުނިތަކެއްގެ ބޯޑްގައި 20 ޕަސެންޓަކީ އަންހެނުން ކަމުގައި ހެދުމަށް ކަމަށާއި މިއަދު ސަރުކާރު ހިއްސާވާ ހުރިހާ ކުންފުންޏެއްގެ ބޯޑްގައިވެސް ގާތްގަނޑަކަށް 20 ޕަސެންޓް އަންހެނުން ހިއްސާވާކަން އުފަލާއެކު ދަންނަވަން ކެރޭ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"އެއީ ވިޔަފާރީގެ ދާއިރާކަމަށްވީ ނަމަވެސް، އަންހެން ބޭފުޅުންނަކީ ހިދުމަތް ކުރެވޭނެ، އަދި އެބޭފުޅުންގެ އިލްމުގެ ބޭނުން ހިތްޕެވޭނެ ބޭފުޅުންކަން ހެއްދެވުމަށް، މިއަދު އަޅުގަނޑު މި އިއުލާން ކުރަނީ ދެން އަންނަ ފަސް އަހަރެއް ނިމިގެންދާއިރު އަޅުގަނޑުމެން ކުންފުނިތަކުގެ ބޯޑްގެ 50 ޕަސެންޓަކީ އަންހެންވެރިން ކަމަށް ކަށަވަރު ކުރާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އަންހެނުންގެ ހާލަތްތައް ބަޔާންކޮށްދީ އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރުމަށް އަންހެން ވެރިން ސިޔާސީ މައިދާނަށް ނިކުންނަށް ޖެހޭ ކަމަށެވެ. އަދި އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް ކަންފަތްތަކާއި ހަމައަށް ގެނެސްދިނުމަށްޓަކައި މަސައްކަތް ކުރަންޖެހޭ ކަމަށާއި މަޖިލީހުގެ ބިލްތައް ފަރުމާކޮށް ބަދަލުގެނައުމަށްޓަކައި އަންހެނުންނާއި ކުޑަކުދިންގެ މައްސަލަތަކަށް ބަހުސް ކުރެވޭނެ ގޮތް ހަދަން ޖެހޭ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"ސަރުކާރު ބޯޑްތަކުގެ މެންބަރުންގެ އަދަދު 50 އިންސައްތައަށް ވެގެންދާއިރު އަޅުގަނޑު އުންމީދު ކުރަން ބޭނުންވަނީ ރައްޔިތުން މަޖިލީހުގެ ގޮނޑިތަކުގެ ތެރެއިން ގިނަ ގޮނޑިތަކަކީ، ނޫނިއްޔާ އެކަށީގެންވާ އަދަދެއްގެ ގޮނޑިތަކަކީ، ރައްޔިތުންގެ މަންދޫބުންނަކީ އަންހެން ބޭފުޅުންނަށް ވެގެން ދިއުން، އެކަމަކު މިޔަކަށް އަޅުގަނޑު އަދަދެއް ނުދަންނަވާނަން، މިއީކީ ރައީސް ނިންމާ ކަމެއް ނޫން، މިއީ އެރަށެއްގެ ރައްޔިތުން ނިންމަން އޮންނަ ކަމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ އުންމީދަކީ، ސިޔާސީ މައިދާނުގައި މަސައްކަތް ކުރާނެ ގިނަ އަންހެނުންތަކެއް ފެނިގެން ދިޔުން ކަމަށެވެ. އަދި އަންހެނުންނާއި ކުޑަކުދިންގެ މައްސަލަތަކުގައި މަޖިލީހުގެ ތެރެއިން ކަންކަން ނިމިގެން އަންނަ އިރު އަންހެނުންގެ ދައުރު އިތުރު ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެފަދަ ބިލްތައް ފާސްވުމުގައި އަންހެނުންގެ ސީދާ ބަހެއް އޮންނަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުންނަ ސިއްހީ މަރުކަޒަކަށް އަންހެނުންގެ ހާއްސަ ޑޮކްޓަރެއް ބޭނުންވާ ކަމަށާއިި ހާއްސަ ބަލިތަކަށް ބޭނުންވާ ޑޮކްޓަރުން މިހާރުވެސް މި ސަރުކާރުން ހަމަޖައްސައިދެމުން ގެންދާ ކަމަށެވެ. އަދި އަންހެނުންނަށް ބޭނުންވާ ޑޮކްޓަރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި ސިއްހީ މަރުކަޒުތަކަށް ދަނީ ހަމަޖައްސައިދެމުން ކަމަށާއި ކުޑަކުދިންނަށް ހާއްސަ ޑޮކްޓަރުންވެސް ހަމަޖައްސައިދެމުން ގެންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަދި ބައެއް ހޮސްޕިޓަލް ތަކުގައި 12 ގަޑިން 16 ގަޑި އިރަށް، އަނެއްބައި ރަށްރަށުގައި 24 ގަޑިއިރަށް، މިއީ ހައްތަހާވެސް ބޮޑެތި ކަންކަން ހިނގާ ތަންތަން، މިއީ ހައްތަހާވެސް ފައިސާ ހިނގާ ކަންކަން، މި ހުރިހާ ކަންކަމެއް ހުރުމާއެކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި ހޮސްޕިޓަލްތަކުގައި މިއަދަކު ނާހާ އެތަނުގެ އާބާތުރަ ފިލުވާ ވާހަކައެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ ވެރިކަމާއި ހަވާލުވެލެއްވުމަށްފަހު ރާއްޖޭގެ އެކި ހިސާބުތަކަށް ސްޕެޝަލިސްޓުން ހަމަޖައްސައި ފޮނުވައިދީފައިވާ ކަމަށާއި ރާއްޖޭގެ އެތަކެއް ޑޮކްޓަރުންނެއް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ގޮތުގައި ތަމްރީންވެސް ކުރެވިއްޖެ ކަމަށެވެ. އަދި އެތަކެއް ޑޮކްޓަރުންނެއް ކިޔަވަމުން ގެންދާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"ސިއްހީ ދާއިރާއަށް އައިސްފައިވާ ތަރައްގީ އަޅުގަނޑުމެންނަށް ވަޒަން ކުރެވޭ، އެހެން ނަަމަވެސް އޭގެ މާނަ އަކީ އެއްގޮތަކަށްވެސް އަޅުގަނޑު އެއްބަހެއް ނުވަން މިތަންތަނަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަވެފަ ހުރީޔަކީއެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އަންހެނުންނާއި ކުޑަކުދީންނަށް ހާއްސަ ހޮސްޕިޓަލެއް ގާއިމް ކުރާނެކަން ކުރިން އިއުލާން ކޮށްފައިވާނެ ކަމަށާއި އެއީ ހުރިހާ އަންހެން ބޭފުޅުންނަށް ލިބިގެންދާނެ ވަރަށްވެސް އުފާވެރި ހަބަރެއް ކަމަށެވެ.

"އަޅުގަނޑުމެން ގައިނީ ޑޮކްޓަރުން މި ތަންތަނުގައި އުފެއްދި ނަމަވެސް ހިދުމަތް ލިބޭ ގޮތަށް އުފެއްދިނަމަވެސް އެހިސާބަކުން އަންހެނުންނަށް ބޭނުންވާ ހުރިހާ ފަރުވާއެއް ލިބިގެންދަނީއެއް ނޫން، އެހެން ކަމުން މާލޭގެ ހޮސްޕިޓަލް ތަކުގައި މިހުންނަ ޑިޕާޓްމަންޓްތައްހެން، އަންހެނުންނަށާއި ކުޑަކުދިންނަށް ހާއްސަ، އަދި ރާއްޖެއިން ބޭރުގެ ގައުމުތަކުގެ އެތެރެވަރީގައި ހުންނަ ފަދަ ފެންވަރު ރަނގަޅު ހިދުމަތްތައް ލިބޭ ހޮސްޕިޓަލެއް ގާއިމް ކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.