ހަބަރު

އެމްޑީއޭގެ ހިންގުން މައުރޫފްއަށް، އިންތިހާބުގައި ކުރިއަށް ދާނެ ގޮތެއް ނިންމަނީ

Aug 28, 2018
4

ވެރިކަން ކުރާ ޕީޕީއެމްއާ އެކު ކޯލިޝަން ހަދާފައިވާ، އެމްޑީއޭގެ ހިންގުން އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު، އަލީ މައުރޫފްއާ ވަގުތީ ގޮތުން ހަވާލުކުރަން އެ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމުން މިއަދު ފާސްކޮށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީއިން ކުރިއަށް ދާނެ ގޮތެއް ނިންމުން އެހެން ކައުންސިލް ބައްދަލުވުމަކަށް އެޖެންޑާކުރުމަށް އެ ޕާޓީގެ ކައުންސިލުން މިއަދު ނިންމައިފި އެވެ.

މިއަދު ބޭއްވި ޕާޓީގެ ގައުމީ ކައުންސިލް ބައްދަލުވުމާ ގުޅޭ ގޮތުން އެ ޕާޓީގެ ކައުންސިލް މެންބަރު، އަދި ތަރުޖަމާން، ސިނާން އަލީ ވިދާޅުވީ އެމްޑީއޭގެ ކައުންސިލްގެ މިއަދުގެ ބައްދަލުވުމަށް ޕާޓީގެ ލީޑަރު އަހުމަދު ޝިޔާމް މުހައްމަދު ހުށަހެޅުއްވީ، ލީޑަރުގެ އަމިއްލަ މަސައްކަތްތައް މިވަގުތު ހުރި ގޮތުން ޕާޓީގެ ހިންގުން އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފްއާ ވަގުތީ ގޮތުން ހަވާލުކުރުމަށް ކަމަށެވެ. އެ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމުން އެ ގަރާރު ފާސްވީ ޝިޔާމް ހުށަހެޅުއްވި ގޮތަށް، އިއްތިފާގުން ކަމަށް ސިނާން ވިދާޅުވި އެވެ.

އެއާ އެކު، ކައުންސިލް ބައްދަލުވުމުން މިއަދު ނިންމީ ރިޔާސީ އިންތިހާބުގައި ކޯލިޝަނެއް ހެދުމަށް އިންތިހާބުގައި ވާދަކުރައްވާ އެއްވެސް ފަރާތަކުން ރަސްމީ ޕްރޮޕޯސަލެއް އަދި މިހާތަނަށް ޕާޓީއަށް ހުށައަޅާފައި ނުވާތީ، ރިޔާސީ އިންތިހާބުގައި އެ ޕާޓީއިން ކުރިއަށް ދާނެ ގޮތެއް ނިންމުން ދެން ބާއްވާ ކައުންސިލް ބައްދަލުވުމަކަށް އެޖެންޑާ ކުރުމަށް ކަމަށް ސިނާން ވިދާޅުވި އެވެ.

އެ ޕާޓީގެ ކައުންސިލުން މިއަދު އެގޮތަށް ނިންމި އިރު، ވެރިކަން ކުރާ ޕީޕީއެމް އާއި އެމްޑީއޭއާ ދެމެދު މައްސަލަތަކެއް އުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. އެހެން ނަމަވެސް ރައީސް ޔާމީން ވިދާޅުވެފައި ވަނީ ޕީޕިއެމް އާއި އެމްޑީއޭ ކޯލިޝަން އޮތީ ވަރުގަދަކޮށް ކަމަށެވެ.