ސިނަ މާލެ ބްރިޖް

ތިން ރަށް ގުޅާލައި ރާއްޖެ ތާރީހުގެ ތެރެއަށް

އާންމުންގެ ހިޔާލު ބްރިޖާ މެދު.

ރާއްޖޭގެ އާބާދީގެ ބޮޑު ޕަސެންޓެއް އޮތީ ވެރިރަށް މާލޭގަ އެވެ. ދެން މާލެއާ އިންވެގެން އޮތީ 2007 ވަނަ އަހަރު ހިއްކައި އާބާދުކުރި ހުޅުމާލެ އެވެ. ހުޅުމާލެ ހިއްކިތާ 11 އަހަރުވީއިރު އެ ރަށުގެ އާބާދީ ބައިލައްކަ އަށްވުރެ މަތިވެއްޖެ އެވެ. މި ދެ ރަށަށް މިހާތަނަށް އޮތް އެންމެ ބޮޑު ނުތަވަސްކަމަކީ ދަތުރުފަތުރުގެ ދަތިކަމެވެ. ފެރީގައި ވެރިރަށުން ދާން ޖެހުމެވެ. އެއާޕޯޓަށް ފެރީގައި ދާން ޖެހޭތީ އެކަމުގެ ޝަކުވާ ވެސް ބޮޑެވެ. ފެރީތަކުގެ ހާލަތު ހުންނަ ގޮތުން ޓޫރިސްޓުން ވެސް ތިބެނީ ޖެހިލުންވެފަ އެވެ. ނަމަވެސް މި ތިން އަވަށް ބްރިޖަކުން ގުޅާލުމާއެކު ފެށިގެން ދާނީ މުޅިންއާ ބާބެކެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ފާހަގަ ކުރެވޭނެ މުހިންމު ކަމެކެވެ.

ސުވާލަކީ މިކަން ތާރީހީ ގުޅުމަކަށް ވަނީ ކީއްވެގެން ހެއްޔެވެ؟

ވެރިރަށް މާލޭގެ ލައްކައަކަށް ވުރެ ގިނަ މީހުންނާއި ހުޅުމާލެގައި އުޅޭ އާބާދީ އެއްކޮށްލުން އަދި މައި އެއާޕޯޓް އޮތް، ހުޅުލެ ގުޅުވާލުން ވެގެންދާނީ ގިނަ ފުރުސަތުތަކެއްގެ ފެށުމަށެވެ. މި ގުޅުން އިތުރަށް ވަރުގަދަވަނީ މެދުގައި ބައިނަލް އަގުވާމީ އެއާޕޯޓެއް އޮވެ، އެ އެއާޕޯޓަށް ވެސް ޓްރާންސްޕޯޓް ލިންކަކުން ގުޅާލެވޭތީ އެވެ. އެ ލިންކްގެ ސަބަބުން މުޅިރާއްޖޭގެ އިގްތިސާދަށް ފައިދާ ކުރާއިރު، މާލޭގެ ގެސްޓްހައުސްތަކުގެ ވިޔަފާރި އަށް ވެސް އޮތީ އިތުރު އާރޯކަމާއި ތާޒާކަމެވެ.

މާލޭގައި ހިންގާ އިންޓަނޭޝަނަލް ބްރޭންޑުގެ ހޮޓަލެއް ކަމަށްވާ ހޮޓެލްޖެންގެ މާކެޓިން އެންޑް ކޮމިއުނިކޭޝަން މެނޭޖަރު ނީނާ މުހައްމަދު ވިދާޅުވީ ބްރިޖުގެ ސަބަބުން އެ ހޮޓަލުގެ ވިޔަފާރި ބޮޑުތަން އިތުރު ވެގެންދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

"ބްރިޖު ހުޅުވީމަ ދެން ބްރިޖުން އަޅުގަނޑުމެން ޓޫރިސްޓުން ގެންނާނީ. މިހާރު ވާގޮތަކީ ބަނދަރުގެ ދަތިކަން ވަރަށް ބޮޑު. އަދި ކަނޑު މަގުން [ފްލައިޓްތަކުގެ] ކްރޫއިން އުފުލުމަކީ ގިނަ މައްސަލަތަކެއް ކުރިމަތިވާ ކަމެއް. ކަނޑުމަގުން އުފުލީމަ އިންޝުއަރެންސްގެ ޗާޖު ވަރަށް ބޮޑުވޭ. މިހެންވެ، ވަރަށް ގިނަ ކްރޫ ބިޒްނަސް ގެއްލޭ .ނަމަވެސް ބްރިޖުގެ ސަބަބުން މިކަމަށް ހައްލު ލިބިގެން ދާނެ،" ނީނާ ވިދާޅުވި އެވެ.

ވިޔަފާރިތަކަށް ލިބިގެންދާ ފަސޭހަތަކުގެ އިތުރުން ބްރިޖުގެ ސަބަބުން އާއްމުންނަށް ދަތުރުފަތުރުން ލިބޭނެ ފަސޭހަތައް އަދި އެތައް ގުނައެއް އިތުރެވެ. އެންމެ ބޮޑު އެއް ފަސޭހައަކީ ވެލާނާ އިންޓަނޭޝަނަލްއަށް ފުރަން ދާ މީހުންނާއި އަންނަ މީހުންނަށް ލުއިތަކެއް ލިބިގެން ދިއުމެވެ. ކުރިން ހަތް މިނެޓުން ކަނޑުމަގުން ދެވޭ ދަތުރު އެއްގަމު މަގުން ދެވޭނެ ގޮތް ވެގެން ދިއުމެވެ. އަދި ހުޅުމާލޭގައި ވަޒަންވެރިވެގެން ތިބި އެތައް ބަޔަކު ކޮންމެ ދުވަހަކު ވަޒީފާއަށް ވެރިރަށް މާލެއަށް އަރާއިރު، އެ މީހުންގެ މި ދަތުރު، ދެން ތިން މިނެޓަށް ކުރުވެގެން ދާނެ އެވެ.

"ކޮންމެ ދުވަހަކު ވަޒީފާއަށް ޖެހޭ އެއާޕޯޓަށް ދާން. އެހެން ވީމާ ބްރިޖުން ވަރަށް ބޮޑު ފަސޭހައެއް ވާނެ. ދެން އެހާ ހާލުގައި އެއާޕޯޓަށް ނުގޮސް ވަރަށް އަރާމުގަ ވަޒީފާ އަދާކޮށްލަން ވެސް އެއާޕޯޓަށް ދެވޭނެ. ވަރަށް ބޮޑު ފަސޭހައެއް،" އެއާޕޯޓްގައި ވަޒީފާ އަދާކުރާ، މާހިލް އަހުމަދު ބުންޏެވެ.

ޗައިނާ ސަރުކާރުގެ އެހީ އާއި ދިވެހި ސަރުކާރުގެ ބަޖެޓް އަދި ލޯނުގެ އެހީގައި އަޅާ ބްރިޖުގައި ހަތަރު ލޭން ހުރެ އެވެ. ބްރިޖުގެ ސަބަބުން ޓްރާންސްޕޯޓު ވިއުގަ ބަދަލު ތަކެއް އަންނާނެ އެވެ. ކޮންމެއަކަސް ބްރިޖު މިރޭ ހުޅުވުން ވެގެންދާނީ ރާއްޖޭގައި އާ ތާރީހެއް
ލިޔެވިގެންދާނެ ދުވަހަކަށެވެ. މިކަން ކޮށްދިނުމަށް އެތައްް ބަޔަކު ވައުދު ވެއްޖެ އެވެ. އެކަމަކު މިއޮތް ހުރިހާ ދުވަހު ސިޔާސީ އެންމެން ކުރި ވައުދު މިދިޔައީ ފަނުފުލުން އެވެ. އެހެން ނަަމަވެސް ރައީސް ޔާމީން މިވަނީ ބްރިޖްގެ ހުވަފެން ހަގީގަތަކަށް ހަދައިދީފަ އެވެ.