ރިޕޯޓް

ޗައިނާއިން ނެގި ލޯނުތަކާމެދު އޮތް ކަންބޮޑުވުން ޖާއިޒު!

ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި އިންޑިއާއާ ދުރަށްޖެހި ރާއްޖޭގެ ހާރިޖީ ސިޔާސަތު އޮތީ ޗައިނާއަށް ދީލާލައިފަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އޭރުގެ އިގުތިސޯދީ ތަސައްވަރުގެ ތެރެއިން، "ކަނޑު މެދުން" ހިއްލައިލި ސިނަމާލެ ބުރިޖު ފަދަ ބިޔަ މަޝްރޫއުތަކަށް ބޭނުންވި ފައިސާ ހޯއްދެވީ، އެމަނިކުފާނުގެ ބަސްފުޅުންނަމަ، "އިރުމައްޗަށް" ނަޒަރު އަނބުރާލައިގެންނެވެ.

މިހާރު ރައީސް ޔާމީންގެ ވެރިކަން ނިމި، އިބްރާހިމް މުހައްމަދު ސޯލިހުގެ ޒައާމަތަށް އަލިވިލިފައިވާއިރު، ޗައިނާއާއެކު ވެފައިވާ "އަޑި ނޭނގޭ" އެއްބަސްވުންތަކުގެ ދަށުން ބޮލުގައި އެޅިފައިވާ ދަރަނީގެ ތަފްސީލުތައް މިހާރު ވަނީ ކޮންމެވެސް ވަރަކަށް ތިލަވާން ފަށައިފަ އެވެ. ރައީސް ސޯލިހަށް ވެރިކަމުގެ "ރަނުގެ" ގޮތުގައި ޗައިނާއަށް އެކަނި 1.5 ބިލިއަން ޑޮލަރުގެ ދަރަންޏެއް ވަނީ ލިބިވަޑައިގެންފަ އެވެ. މި އަދަދަކީ އެކި ފަހަރު މަތިން، އެކި ބޭފުޅުން އެކި ގޮތްގޮތަށް "އަންދާޒާކޮށް" މިހާރު ގާތްގަނޑަކަށް ޔަގީންވެފައިވާ އަދަދެކެވެ.

ޗައިނާގެ ދަރަނީގައި ހިއްޕަވައިގެން، "ކެރިގެން" ކަންބޮޑުވުން ފާޅުކުރައްވައި ހަމައެކަނި ބޭފުޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ނަމަވެސް، އަބަދުވެސް ޗައިނާއާ އޮންނަ ގުޅުމަށް ފާޑުވިދާޅުވާ ނަޝީދު، ޗައިނާއަށް ސީދާ ދަރާފައިވާ އަދަދު ނުވެސް އެނގޭ ކަމަށް ވިދާޅުވުމުން އެއް ބަޔަކަށް އެކަން އެހާ ސީރިއަސްއެއް ނުވި އެވެ.

ބުރިޖު ފަދަ ބޮޑެތި މަޝްރޫއުތަކަށް ނަގާފައިވާ ލޯނުތަކެއް ނޫން ހަގީގީ މައްސަލައަކީ، ސަރުކާރު ނޫން އެހެން މުއައްސަސާތަކުން ޗައިނާގެ ސްޓޭޓް ބޭންކުތަކުން ސަރުކާރުން ސޮވަރިން ގެރެންޓީ ދީގެން ނެގި ލޯނުތައް މައްސަލައަކީ
އައިއެމް ވަފުދުގެ އިސްވެރިޔާ ފިލިޕް ކަރަމް

ކަންބޮޑުވުމަކީ ކޮމާޝަލް ލޯނުތައް!

ރައީސް ނަޝީދު ތަކުރާރުކޮށް ޗައިނާގެ ދަރަންޏަށް ފާޑުވިދާޅަމުން ގެންދިއުމާއި ގުޅިގެން، ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޖަންގް ލިޖޮންގް ވަނީ އެކަން "ސާފުކޮށްދެއްވުމަށް" އިސް ނަންގަވައިފަ އެވެ. މިދިޔަ ނޮވެމްބަރު މަހު "އަވަސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި، ސަފީރު ވިދާޅުވި ގޮތުގައި ޖުމްލަ ދަރަނީގެ ތެރެއިން 600 މިލިއަން ޑޮލަރަކީ ސިނަމާލެ ބުރިޖަށާއި، ވެލާނާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އިތުރުން ބައެއް ހައުސިންގް މަޝްރޫއުތަކަށް ދައްކަންޖެހޭ ފައިސާ އެވެ.

މިހާތަނަށް އެކި ފަރާތްތަކުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ލޯނުތަކަކީ އެކަށީގެންވާ ކުޑަ އިންޓަރެސްޓް ރޭޓެއްގައި ދޫކޮށްފައިވާ ދިގު މުއްދަތުގެ ލޯނުތަކެކެވެ. ރައީސް ނަޝީދެކޭ އެއްގޮތަށް ބުރިޖު ފަދަ އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތައް "އޯކޭ" ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ވެސް އިއްތިފާގުވެ އެވެ. އަދި އެ މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދު ކުރިއެރުމަށް މަގުފަހިގެންދާނެ ކަމަށް އައިއެމްއެފުން އިތުރަށް ލަފާ ކޮށްފައިވެ އެވެ.

ނަމަވެސް، ޗައިނާއަށް އޮތް ޖުމްލަ ދަރަނީގެ ބާކީ 900 މިލިއަން ޑޮލަރަކީ ސަރުކަރުން ސޮވެރިން ގެރެންޓީ ދީގެން ސަރުކާރުގެ ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކަށް ދޫކޮށްފައިވާ ލޯނުތަކަކީ ނުރައްކަލު ރަނގަބީލު އަޅަން ފެށޭ ހިސާބެވެ. ސަބަބަކީ އެ ލޯނުތަކަކީ ހަ ޕަސަންޓާއި ހަތް ޕަސަންޓު އިންޓަރެސްޓް ރޭޓުގައި ދޫކުރާ ލޯނުތަކަކަށް ވީމަ އެވެ.

ޗައިނާއާއެކު ވެފައިވާ ލޯނު އެއްބަސްވުންތައް މުރާޖައާކޮށް "ރީނެގޯޝިއޭޓް" ކުރުމުގެ މަޝްވަރާތައް ޗައިނާ ސަރުކާރާއެކު ކުރަމުންދާ ކަމަށް ރައީސް ސޯލިހު ވެސް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، ޗައިނާއަށް އަވަސް މުސްތަގުބަލެއްގައި ދައްކަން ޖެހެނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އަދިވެސް އޮތީ މަތި އަޅައި ފޮރުވައިފަ އެވެ. ފަހަރުގައި، އެ އެއްބަސްވުންތައް ނިއުޅާލައި އޭގެ އެންމެ ފުނަށް ދިޔުމުގެ ކުރިން، ޗައިނާ ރުއްސުމުގެ ނިޔަތުގައި ސަރުކާރުން އެގޮތަށް އަމަލުކުރަނީ ކަމަށް ވެދާނެ އެވެ.

މިހާރު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަގަމާއި ހަވާލުވެވަޑައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ލޯނުގެ ތެރެ އިން ރާއްޖެ އިން މިހާތަނަށް 858 މިލިއަން ޑޮލަރު ބޭނުން ކޮށްފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ. ނަމަވެސް، އެއީ ވެސް ދެބަޔަކަށް ބެހިފައިވާ ދަރަނީގެ ކޮން ލޯނުތަކެއް ކަމެއް މިނިސްޓަރު ސާފުކޮށްދެއްވައިފައެއް ނުވެ އެވެ.

ރާއްޖޭގެ މާލީ ހާލަތު ބެލުމަށް އައިއެމްފްގެ ވަފުދެއް ކުރެއްވި ދަތުރުފުޅަކަށްފަހު، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރޭ އައިއެމްއެފުން ބުނި ގޮތުގައި ބޭރުގެ ދަރަންޏަށް ބަލާއިރު، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގަން ނަގާފައިވާ ލޯނުތައް އަނބުރާ ދައްކަން މިއަންނަ އަހަރު ފެށޭނެ އެވެ. އެމީހުން ވެސް އިތުރު ތަފްސީލެއް ނުދެ އެވެ.

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، އެ ވަފުދުގައި އިސްކޮށް ހުންނެވި ފިލިޕް ކަރަމް ވިދާޅުވި ގޮތުގައި ޗައިނާގެ ސްޓޭޓް ބޭންކުތަކުން ނަގާފައިވާ ކޮމާޝަލް ލޯނުތަކުގެ ތެރެއިން ބައެއް ލޯނުތަކަކީ ދައުލަތަށް ގެއްލުންވާ ގޮތަށް އެޅިފައިވާ ދަރަންޏެވެ.

"ބުރިޖު ފަދަ ބޮޑެތި މަޝްރޫއުތަކަށް ނަގާފައިވާ ލޯނުތަކެއް ނޫން ހަގީގީ މައްސަލައަކީ، ސަރުކާރު ނޫން އެހެން މުއައްސަސާތަކުން ޗައިނާގެ ސްޓޭޓް ބޭންކުތަކުން ސަރުކާރުން ސޮވަރިން ގެރެންޓީ ދީގެން ނެގި ލޯނުތައް މައްސަލައަކީ،" ކަރަމް ވިދާޅުވި އެވެ.

އެފަދަ ލޯނުތަކުގައި ހިމާނާފައިވާ އިންޓަރެސްޓް ރޭޓާއި، މެޗޫރިޓީ އަދި ގްރޭސް ޕީރިއަޑްތައް ރާއްޖެއަށް "ފޭވަރަބަލް" ނޫން ކަމަށް ވެއެވެ.

އެ ލޯނު އެއްބަސްވުންތައް އަލުން މުރާޖައާ ކުރުމުގެ މަސައްކަތް ކުރާކަމަށް ސަރުކާރެކޭ އެއްފަދައިން، އައިއެމްއެފުން ވެސް ބުނެ އެވެ. ކައިރި މުސްތަގުބަލުގައި ދައްކަން ފަށަންޖެހޭ ލޯނުތަކަށް ރަހުމަތްތެރި އެހެން ގައުމުތަކުން އެހީތެރި ކަމެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރާކަން ވެސް މިހާރު އެނގެ އެވެ.

ޗައިނާގެ އިގުތިސޯދު މަޑުޖެހުން، ރާއްޖެއަށް ނުރައްކަލެއް!

ޗައިނާގެ އިގްތިސާދީ ދުވެލި މިދިޔަ 30 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް މަޑުޖެހިފައިވުމަކީ އެ ގައުމަށް ދަރަނި ދެއްކުމުގައި ރާއްޖެއަށް ކުރިމަތިވެފައިވާ އަނެއް ނުރައްކަލެވެ. ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު އިގްތިސޯދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ އަސަރު މުޅި ދުނިޔޭގެ އިގްތިސޯދީ ދުވެއްޔަށް ވެސް ލޮޅުން އަރާނެ ކަމަށް ލަފާ ކުރެވޭއިރު، އެކްސްޓާނަލް ހާލަތުން ނުރައްކާ ބޮޑު ރާއްޖެއަށް ވެސް އޭގެ ނޭދެވޭ އަސަރުތައް ކުރާނެ ކަމަށް އައިއެމްފުން ވަނީ އިންޒާރުދީފަ އެވެ.

ޗައިނާގެ އިތުރުން ތަރައްގީވެފައިވާ ގައުމުތަކުގެ އިގްތިސޯދު ކުރިއަރާ މިންވަރު މަޑުޖެހުމުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދުގެ މައި ލޭނާރު ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތަށް ހީނަރު ކަމެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.

މިކަމުގެ ސަބަބުން، ދުނިޔޭގެ މާލީ ސިޔާސަތުތައް ހަނިވެ ލޯނުގެ އަގުތައް މަތިވުން އެކަށީގެންވާއިރު، މިހާރު ހުރި ދަރަނި އަދާ ކުރުމުގައި ދަތިތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

މަތިވަމުންދާ ފިސްކަލް އަދި ކަރަންޓް އެކައުންޓް ޑެފިސިޓާއި އިތުރުވަމުންދާ ބޭރުގެ އަދި ދައުލަތުގެ ޖުމްލަ ދަރަނީގެ ސަބަބުން އިގްތިސާދަށް ނޭދެވޭ ލޮޅުންތަކެއް އައުމުގެ ފުރުސަތު ބޮޑުކަމަށް އައިއެމްއެފް ލާފާކޮށްފައި ވަނީ އެހެންވެ
އެވެ.

ރައީސް ސޯލިހުގެ ސަރުކާރުގެ 100 ދުވަސް ފާހަގަކުރުމާއި ގާތްވަމުން އަންނައިރު، އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ ތަފާސް ހިސާބަކީ، ރާއްޖެއިން ދައްކަންޖެހޭ ޖުމްލަ ދަރަނީގެ އަދަދު، ޖީޑީޕީގެ ނިސްބަތުން 53 ޕަސެންޓެވެ. އިތުރުން، ރާއްޖޭގެ ޖުމްލަ ދަރަނީގެ 38 ޕަސެންޓް އޮތީ ޗައިނާ އަށް ވުމެވެ.

ކުރީގެ ސަރުކާރުން ޗައިނާއާއެކު ޖަހާފައިވާ ދަރަނީގެ "ގޮށްތައް" މޮހައި، ނިއުޅުވިފައިވާ ކަމަށް ސަރުކާރުގެ އެކި ބޭފުޅުން ދައްކަވާފައިވާ ވަހަކަތަކުން ދޭހަވެ އެވެ. ދެން އޮތީ އެންމެ ބުރަ އަދި ބޮޑު މަސައްކަތެވެ. ޗައިނާއާއެކު ހަދާފައިވާ ގިނަ އެއްބަސްވުންތައް އުވާލައި، ބުރިޖާއި، އުސް އިމާރާތްތަކެއް އަނބުރާ ދެވޭނެ ގޮތެއް ނޯންނާނެ އެވެ. ނަމަވެސް، އައިއެމްއެފުން ވެސް ބުނާ ފަދައިން. ވިސްނުންތެރިކަމާއި، ހިކުމަތްތެރިކަމާއެކު މަސައްކަތްކޮށްގެން މި ދަރަނިތަކުން ރާއްޖެ ސަލާމަތް ކުރެވޭނެ މަގެއް ހޯދައިދޭންޖެހެ އެވެ.