ރިޕޯޓް

ޗައިނާގެ ބިޔަ މަޝްރޫއުއާ ދެކޮޅަށް ރާއްޖެއާއެކު މުޅި ދެކުނު އޭޝިއާ ތެދުވެއްޖެ

ބޮޑެތި އުއްމީދުތަކާއެކު ޗައިނާގެ ރައީސް ޝީ ޖިންޕިންގެ މޭސްތިރިކަމުގެ ދަށުން އެގައުމުގެ ވިޔަފާރީގެ ނާރެސް ދުނިޔެއަށް ފުޅާކުރަން ފަށާފައިވާ ސިލްކް ރޯޑް، ނުވަތަ "ވަން ބެލްޓް ވަން ރޯޑް" މަޝްރޫއު މިހާރު މިވަނީ އޮއްސެން ފަށައިފަ އެވެ.

އެމެރިކާއާއެކު ޗައިނާ އިން ކުރަމުންދާ ވިޔަފާރީގެ ހަނގުރާމައާއެކު، ދުނިޔޭގެ އިގުތިސޯދު ތަޖުރިބާކުރަމުންދާ އިގުތިސޯދީ ހީނަރުކަމުގެ އަސަރު ޗައިނާއަށް ވެސް ދަނީ ކުރަމުންނެވެ. ނަމަވެސް، ކޮމިނުޔިސްޓް ގައުމެއްގެ ގޮތުގައި އޮތް ޗައިނާގެ ސިޔާސަތުތައް ގިނަ ފަހަރު ބޭރު ފުށުން ފެންނާކަށް ނުހުރެ އެވެ. ސަރުކާރަށް ފާޑުކިޔުމާއި، މީޑިއާތަކުގެ އަތް ބަނދެ، ކަސްތޮޅު ގައި ބަހައްޓާފައިވާއިރު، ސިލްކް ރޯޑާއި ބެހޭގޮތުން އެގައުމުގެ ވިސްނުން ތިލަވުމުގެ ފުރުސަތު ހަންޏެވެ.

ނަމަވެސް، އެކަމުގެ ފުނަށް ފީނާލުމުން، ސިލްކު ރޯޑާއެކު، ހަނިވަމުން އަންނަ ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންހިފޭތޯ މިއީ އަޑުގަދަވަމުން އަންނަ ސުވާލެކެވެ. މިކަމުގެ އެންމެ ބޮޑު ހެއްކަކީ، މާ ދުރުނޫން މާޒީއެއްގައި، ސިލްކް ރޯޑު މަޝްރޫއުއަށް ތައުރީފު އޮއްސަމުން އައި ޗައިނާ ސަރުކާރު ކޮންޓްރޯލް ކުރާ މީޑިއާތަކުގެ އަޑު މިފަހުން ފަނޑުވެފައިވުމެވެ. އެ މަޝްރޫއު ދުނިޔެއަށް ވިއްކުމަށް ސަނާ ކިޔަމުން އައި މީޑިއާތައް މިހާރު އެވާހަކަ ދެއްކުން ކުއްލިއަކަށް މަޑު ޖައްސާލައިފިކަމެވެ.

ޗައިނާގެ ހިޔަނި މުޅި ދުނިޔެއަށް!

ޗައިނާގެ ބިޔަ މަޝްރޫއުގެ މޫތައް، ދުނިޔޭގެ 115 ގައުމަކަށް މިހާރު ފެތުރިފައިވާއިރު، މިދިޔަ ޖޫން މަހާއި ހަމައަށް 39 ޕަސަންޓާއެކު ޗައިނާގެ ހިޔަނި އެންމެ ބޮޑީ އޭޝިއާ ސަރަހައްދުގަ އެވެ. ދެވަނައަށް 30 ޕަސަންޓާއެކު އޮތީ އެފްރިކާގެ ބައްރެވެ. ނަމަވެސް، 2013 ވަނަ އަހަރު ޝީގެ ތަސައްވަރު ހާމަކުރެއްވި ފަހުން، ޗައިނާގެ އިގުތިސޯދުގެ މަންޒަރު ވަނީ ވަރަށް ބޮޑުތަނުން ބަދަލުވެފަ އެވެ. އޭރު، ޗައިނާގެ ފޮރިން ރިޒާވް ހުރީ ހަތަރު ޓްރިލިއަން ޑޮލަރުގަ އެވެ. އަދި އެ ފައިސާ ބޭނުންކޮށްގެން ދުނިޔޭގެ ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ފަންޑުކުރުން ވެގެން ދިޔައީ ޝީގެ ދުރު ވިސްނޭ، މޮޅު ހިޔާލުފުޅަކަށެވެ.

ދެކުނު އޭޝިއާ ވެސް ހޭލައިފި!

ދެކުނު އޭޝިއާގެ ގިނަ ގައުމުތަކެކޭ އެއް ފަދައިން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ސިލްކް ރޯޑުގެ އެއްބަސްވުމުގައި ސޮއިކޮށް، އޭގެ ދަށުން ބޮޑެތި ލޯނުތައް ނަގައިގެން ބިޔަ މަޝްރޫއުތައް ކުރިއަށް ގެންދިޔަ މަންޒަރު ފެނުނެވެ. ނަމަވެސް، ރައީސް ޔާމީނުގެ ވެރިކަން ބަދަލުވެ، ޗައިނާއަށް އޮތް ދަރަނީގެ އަދަދު 1.4 ބިލިއަން ޑޮލަރަށް އަރާފައިވާކަމަށް މިހާރު ހާމަވެފައިވާއިރު، އެގައުމާއެކު ވެފައިވާ އެއްބަސްވުންތައް މުރާޖައާ ކުރުމުގެ މަސައްކަތް މިހާރުގެ ސަރުކާރުން ވަނީ ފަށައިފަ އެވެ.

ޗައިނާއަށް އެންމެ ބޮޑަށް ދަރާފައިވާ އަވަށްޓެރި ސްރީލަންކާއިން ވެސް މިހާރު ވަނީ އެހެން ދިމަ ދިމާއަށް ނަޒަރު އަނބުރާލައިފަ އެވެ. ޗައިނާއިން ލޯނު ނަގައިގެން 1.5 ބިލިއަން ޑޮލަރުގެ ހަމްބަންޓޮޓާ ބަނދަރު މިހާރު ވަނީ ލޯނު ނުދެއްކި، ޗައިނާގެ އަތް މައްޗަށް ދޫކޮށްލައިފަ އެވެ. އުމްރާނީ ތަރައްގީއަށް ޗައިނާއިން ލަންކާއަށް ދީފައިވާ ލޯނުތަކުގެ އަދަދު 9.2 ބިލިއަން ޑޮލަރަށް އަރާއިރު، އޭގެ ތެރެއިން ގިނަ ލޯނުތަކަކީ ހަ ޕަސަންޓު އިންޓަރެސްޓުގައި ދޫކޮށްފައިވާ ލޯނުތަކެވެ. ޗައިނާއަށް އޮތް ދަރަނި ބޮޑުވެ، ލަންކާގެ ދަތުރުފަތުރުގެ ނިޒާމް ތަރައްގީ ކުރުމަށް ދާދިފަހުން އިއުލާނުކުރި ރޭލު މަޝްރޫއުއަށްވެސް ކޮންސެޝަނަލް ލޯނު ހޯދާފައިވަނީ އަވަށްޓެރި އިންޑިއާގެ އިތުރުން، ޖަޕާނު ސަރުކާރުންނެވެ. ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ވެރިކަން ނިމި، ހަމަހަމަ ހާރިޖީ ސިޔާސަތަކަށް ލަންކާއިން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ސިލްކް ރޯޑުގެ ދަށުން، ޗައިނާއިން ދޭން ނިންމި 25 ބިލިއަން ޑޮލަރުގައި ހިފަން ބަންގްލަދޭޝްއިން ވެސް ދެވަނަ ވިސްނުމަކަށް ގޮސްފައިވާކަމަށް އެގައުމުން ވަނީ ބުނެފަ އެވެ. ދެކުނު އޭޝިއާގައި ޗައިނާގެ އަތް ގަދަކުރަން މަސައްކަތް ކުރަމުންދާކަމުގެ ތުހުމަތު ކުރެވޭއިރު، ސަރަހައްދީ ގޮތުން ވަރަށް މުހިންމު ޕާކިސްތާނުގައި ވެސް ސިލްކް ރޯޑު މަޝްރޫއުއާއި ދެކޮޅަށް ވަނީ ތެދުވެފަ އެވެ. މިގޮތުން، 60 ބިލިއަން ޑޮލަރުގެ ޗައިނާ ޕާކިސްތާނު އިކޮނޮމިކް ކޮރިޑޯ (ސީޕެކް) އަލުން މުރާޖައާ ކުރަން ޕާކިސްތާނުގެ އާ ސަރުކާރުން ވަނީ ނިންމައިފަ އެވެ.

މި ސަރަހައްދުން ތަންކޮޅެއް ދުރަށްޖެހިލާއިރު، ސިލްކް ރޯޑުގެ ދަށުން ފަންޑު ކުރަން ހަމަޖެހިފައިވާ ބިޔަ ދެ މަޝްރޫއެއް މެލޭޝިއާ އިން ވަނީ ކެންސަލްކޮށްފަ އެވެ. އޭގެ ތެރޭގައި 20 ބިލިއަން ޑޮލަރުގެ ރެއިލްވޭ މަޝްރޫއެއް ވެސް ހިމެނެ އެވެ. މީގެ އިތުރުން، ޗައިނާގެ އެހީގައި ކުރިއަށް ގެންދިނަކޮށް ސަސްޕެންޑުކުރި ޑޭމް ޕްރޮޖެކްޓު ހުއްޓާލަން، މިޔަންމާ އިން ވަނީ ނިންމާފައި އެވެ.

ސިލްކް ރޯޑު ފަހު ނޭވާގައި؟

ޝީގެ ތަސައްވަރު އިއުލާނުކުރެއްވިތާ ފަސް އަހަރު ފަހުން ޗައިނާގެ މުއްސަނދި ރިޒާވް މިވަނީ ލީކުވާން ފަށައިފަ އެވެ. އެ ފައިސާ އިންވެސްޓުކުރި ގައުމުތަކުން ޗައިނާއާއި ދެކޮޅަށް ތެދުވާން ފަށާފައިވާއިރު، އެމެރިކާ ފަދަ ބޭރުގެ ގައުމުތަކާއިއެކު ކުރަމުން އަންނަ ވިޔަފާރިތަކަށް ނޭދެވޭ އަސަރު ދަނީ ކުރަމުންނެވެ. ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ލިބެން ހުރި އާމްދަނީދަށްވާނެ ކަމަށް ލަފާކުރެވޭއިރު، އެ ގައުމުގެ އެތެރޭގެ ހާލަތުވެސް ބަނަ އެވެ.

ބެލްޓު ބާރުކޮށް، އިދާރީ ހަރަދުތައް ކުޑަކުރަން ޖެހިފައިވާކަމަށް މިދިޔަ އަހަރު ފަހުކޮޅު ޗައިނާގެ ފައިނޭންސް މިނިސްޓަރު ވެސް ވަނީ ވިދާޅުވެފަ އެވެ. ޗައިނާގެ އާބާދީގައި މުސްކުޅިންގެ އަދަދު ދުވަހުން ދުވަހަކަށް އިތުރުވަމުން އަންނަ އިރު، ޕެންޝަނަށް ކުރަންޖެހޭ ހޭދަ މިވަނީ އިންތިހާއަށް އިތުރުވެފަ އެވެ. މިގޮތުން، 2017 ވަނަ އަހަރު ޕެންޝަނަށް މަދުވި، 1.2 ޓްރިލިއަން ޔުއާން ސަރުކާރަށް ވަނީ ދައްކަންޖެހިފަ އެވެ.

ޗައިނާ ރައްޔިތުންނަށް ޕެންޝަން ނުދީ، މާ ދުރު ގައުމެއްގައި މަގު ހެދުމުގެ މަޝްރޫތައް ކުރިއަށް ގެންދާނަމަ، ސަރުކާރަށް އޮންނަ ތާއީދު ގެއްލިދާނެކަމުގެ ބިރުވެސް އެބަ އޮތެވެ. މިހުރިހާ ކަމަކަށް ބަލާއިރު، ޗައިނާގެ ލީޑަރުން ސިލްކް ރޯޑުގެ ފަހަތުގައި ތިބި ނަމަވެސް، އެ އުއްމީދުތަކަށް ބޭނުންވާ ފައިސާ ނެތި، އެ މަޝްރޫއު މަޑުމަޑުން އޮއްސެން ދޫކޮށްލަފާނެކަމަށް މިހާރު ވަރަށް ގާތެވެ.