ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ބޭރު ގައުމުތަކުގައި ތިބި ދިވެހިން ދަތީގައި!

ކޮވިޑް-19 އިގެ ނުރައްކާ މުޅި ދުނިޔެއަށް ވަނީ ފެތުރިފަ އެވެ. ގައުމުތައް އޮތީ ބަންދެއްގެ ތެރޭގަ އެވެ. އެކި މުއްދަތަށް ގައުމުތައް މުޅިން ބަންދު ކޮށްލީ މަޖުބޫރު ހާލަތުގަ އެވެ. ކޮވިޑް-19 ވަބާއިން ސަލާމަތްވުމަށް އެ ފިޔަވަޅު އަޅަން ގިނަ ގައުމުތަކަށް މަޖުބޫރުވީ އެވެ. ބައެއް އެހެން ގައުމުތައް އޮތީ އަދި އެއަށްވުރެ ވެސް ބޮޑު ބަންދެއްގަ އެވެ. ގައުމު ލޮކްޑައުން ކޮށްފައިވާއިރު ގައުމުގެ އެތެރޭގައި ކާފިއު ވެސް އިއުލާނު ކޮށްގެންނެވެ.

އެހެން ކަމުން މިވަގުތު ދުނިޔޭގެ ހުރިހާ ގައުމެއްގައިހެން ތިބި ގިނަ ރައްޔިތުން ވެސް ތިބީ ދަތި ހާލެއްގަ އެވެ. އޭގެ ތެރޭގައި އަސާސީ ހިދުމަތްތަކުން މަހުރޫމްވެފައި ތިބި ކިތަންމެ ބަޔަކުވެސް އެބަ ތިއްބެވެ. ދުނިޔެއަށް މި ބަލާމުސީބާތުގައި ރާއްޖެ ވެސް އޮތީ ދަތީގެ ތެރޭގަ އެވެ. އަދި ރާއްޖެ އޮތީ ވަރުގަދަ ފިޔަވަޅުތަކެއް ވެސް އަޅައިގެންނެވެ. އެކަމުގެ ސަބަބުން ދިވެހިންގެ އާންމު ދިރިއުޅުމަށް ވެސް ވަނީ ބުރޫއަރާފަ އެވެ.

ދިވެހިންގެ ތެރެއިން އިތުރު ދަތިތަކެއްގައި ތިބި އެތައް ބަޔަކުވެސް އެބަ ތިއްބެވެ. އެއީ ރާއްޖެ އަންނަން ބޭނުންވެ، ނަމަވެސް އެހެން ގައުމުތަކުގައި "ތާށިވެފައި" ތިބި މީހުންނެވެ. އިންޑިއާ އާއި ސްރީލަންކާ އާއި ނޭޕާލް އަދި މެލޭޝިޔާ ފަދަ ގައުމުތަކުގައި އެފަދަ އެތައް ދިވެހިނެއް އެބަ ތިއްބެވެ. އެހެން އެތައް ގައުމެއްގައި ވެސް ރާއްޖެ ނާދެވިފައިތިބި ދިވެހިން އެބަ ތިއްބެވެ.

އެންމެ ބޮޑު ކަންބޮޑުވުމެެއްގައި ތިބީ އަވައްޓެރި އިންޑިއާ އަދި ނޭޕާލްގައި ތިބި ދިވެހިންނެވެ. އިންޑިއާގައި ތިބީ ބޭހަށް އެ ގައުމަށް ގޮސް ތިބި ދިވެހިންނެވެ. އަދި ބައެއް އެހެނިހެން ބޭނުންތަކަށް އެ ގައުމަށް ގޮސް ނާދެވިފައި ތިބި އެތައް ބަޔަކު ވެސް އެ ގައުމުގައި ތިބިއިރު އިންޑިއާ އޮތީ 21 ދުވަހުގެ ބަންދެއްގަ އެވެ. ދަތުރުފަތުރުގެ ހުރިހާ ނިޒާމެއް އޮތީ ހުއްޓުވާފަ އެވެ. ބައެއް ސަރަހައްދުތަކުގައި ކާފިއު ވެސް އިއުލާނު ކޮށްފަ އެވެ.

ނޭޕާލްގައި ތިބީ 17 ދިވެހިންނެވެ. އެއީ އެ ގައުމުގައި މެޑިސިން ކިޔަވަމުންދާ ދަރިވަރުންތަކެކެވެ. އެ ދަރިވަރުން ތިބީ ވެސް ވަރަށް ދަތި ހާލަތެއްގަ އެވެ. ފުރޭނެ ކަމަށް ބަލައިގެން ސިޓީ ދޫކޮށް އެއާޕޯޓަށް ގޮސް އެތަނުގައި އެތައް ވަގުތެއް ހޭދަ ކުރަން ޖެހުނެވެ. މިވަގުތު ތިބީ ވަގުތީ ހިޔާ ވަހިކަމެއްގެ ތެރޭގަ އެވެ.

އިންޑިއާގައި ތިބި ދިވެހިންނަށް ވެސް އެފަދަ ހާލަތެއް މެދުވެރިވި އެވެ. މިމަހުގެ 20 ވަނަ ދުވަހު އިންޑިއާގައި ތިބި ދިވެހިންނަށް ރާއްޖެ އާދެވޭނެ ކަމުގެ ޔަގީންކަން ގައުމީ އެއާލައިނުން ދިނުމާއި ގުޅިގެން އެތައް ބަޔަކު އެއާޕޯޓަށް ދިޔައެވެ. ދަތުރު ކެންސަލްވިކަން އެންގީ ގިނަ ބަޔަކު އެއާޕޯޓްގައި ތިއްބަ އެވެ. އޭރު އެމީހުން ތިބީ ކުއްޔަށް ނަގައިގެން ތިބި ތަންތަން ދޫކޮށް، ފުރަށް އެއާޕޯޓްގަ އެވެ.

އެހެން ކަމުން އެތައް ވަގުތެއް "ވާންވީގޮތެއް" ނޭންގި އެއާޕޯޓްގައި ހޭދަކުރަން ޖެހުނެވެ. އެ ދިވެހިން ވެސް އެ ތިބީ ރާއްޖެ އާދެވޭނެ ދުވަހެއްގެ އިންތިޒާރުގައި ވަގުތީ ހިޔާ ވަހިކަމެއްގަ އެވެ.

ރާއްޖެ ނާދެވި އިންޑިއާގައި ތިބި ބައެއް ދިވެހިން ބުނި ގޮތުގައި 20 ވަނަ ދުވަހު ރާއްޖެ އާދެވޭނެ ކަމުގެ ޔަގީންކަން ދިނުމުން ޑޮކްޓަރަށް ދައްކާ ހުރިހާ ކަމެއް ނިންމުމަށްފަހު ކުއްޔަށް ހިފައިގެން ތިބި ތަން ދޫކޮށް އަދި ހޯދި ބައެއް ތަކެތިވެސް ދޫކޮށް އެއާޕޯޓަށް ގޮސް ނުފުރި އެތައް ވަގުތަކު އެއާޕޯޓްގައި ތިބެން ޖެހުނެވެ. އަދި އެ ދުވަހުން ފެށިގެން ހޭދަ ކުރަމުންދާ ކޮންމެ ދުވަހަކީ ވެސް އެތައް ދަތިތަކެއް ތަހަންމަލް ކުރަންޖެހޭ ދުވަހެކެވެ.

"މިތަނުން ފިހާރައެއްގަ އެއްޗެއް ނެތް. އެއްޗެއް ހޯދަންދާން މި ޖެހެނީ ވަރަށް ދުރުގައި ހުންނަ މޯލަކަށް. ނަމަވެސް އެއްގަމު ދަތުރުތައް ވެސް މި އޮތީ ހުއްޓިފައި. އެ ހުރިހާ ހިނގުމެއް ހިނގާފަ ގޮސް ކިއުގައި ތިބެގެން މި އަންނަނީ ބޭނުންވާ އެއްޗެއް ނުލިބި. ހަގީގަތުގައި ކާނެ ގޮތެއްވެސް މިހާރު ނެތް. އެކި ފަހަރު އެކި ގޮތްގޮތުން ކާއެއްޗެއް ތައްޔާރު ކޮށްލައިގެން މި ތިބެނީ."

މި ހާލަތުގެ ދަތިކަން އިންޑިއާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުން ވެސް ދަނީ ތަހައްމަލު ކުރަމުންނެވެ.

"ފުރަތަމަ ކަމަކަށް މިހާރު ސަފީރެއް ވެސް މިކޮޅުގައި ނެތް. ކުރިން ސަފީރަކު ހުންނެވިއިރު ދިމާވާ ދަތިތައް ހިއްސާކުރުމުން އެކަންކަން ވަރަށް އަވަހަށް ހަމަޖައްސައި ދެއްވާ. ނަމަވެސް މި ހާލަތުގައި ކުރިން ދިމާ ނުވާ އެތައް ދަތިތަކެއް އެބަދިމާވޭ. ދަރިވަރުން ކިޔަވަން އައިސް ތިބޭ ތަންތަނުގެ ހާލަތު ވެސް މިހާރު ވަރަށް ދަށް. އެކަންކަން ވެސް ހައްލު ކުރެވޭނެ ގޮތެއް ނެތް."

މީގެ އިތުުރުން ދިވެހިން ތިބި ސަރަހައްދުތަކުގައި މިހާރު ރޯގާ ބަލިމަޑުކަން ވެސް އޮތީ ވަރަށް ބޮޑަށް ފެތުރިފަ އެވެ. އެއީވެސް އެ ދިވެހިންނަށް އޮތް ވަރަށް ބޮޑު ބިރެކެވެ. ބޮޑު ކަމެއް ދިމާވެއްޖެނަމަ ބޭރު ބަޔަކަށްވުމުން އިންޑިއާގައި ކުރަން ޖެހޭނީ ކޮން ތަޖުރިބާއެއް ކަމެއް ނޭނގި އެ މީހުން ތިބީ ބޮޑު ހާސް ކަމެއްގަ އެވެ.

ނޭޕާލްގައި ތިބި ދަރިވަރުންގެ ހާލަތަކީ ވެސް އެއީ އެވެ. އެ ދަރިވަރުންނަކީ ރާއްޖެއަށް ސިއްހީ އެހީތެރިކަން އެހީތެރިކަން ފޯރުކޮށްދޭން އަންނަ މަސައްކަތް ކުރި ދަރިވަރުންތަކެކެވެ.

ނަމަވެސް ރާއްޖެ ނާދެވި، ނޭޕާލް ބަންދުވުމުން އެ މީހުން ވެސް ވަނީ "ހާލުގައި" ޖެހިފަ އެވެ. ތިބީ ކާނެ އަދި ބޯނެ އެއްޗެއްވެސް މާދަމާއަށް ހޯދޭނެތޯ ސުވާލު ކުރުމުގަ އެވެ. ކޮވިޑްގެ ނުރައްކާ ސާކް ގައުމުގައި އިތުރަށް ބޮޑުވެއްޖެނަމަ އެންމެ ނުރައްކާތެރިކަން ބޮޑު ގައުމަކަށް ނޭޕާލްވެދާނެ ކަމުގެ އިންޒާރު ސިއްހީ އިދާރާތަކުން ދީފައިވާތީ ނޭޕާލްގެ ހާލަތު ދެން ބަދަލުވެދާނެ ގޮތަކާމެދު ވެސް ތިބީ ބޮޑު ކަންބޮޑުވުމެއްގަ އެވެ.

ފޮރިން މިނިސްޓްރީން މަސައްކަތް

ފޮރިން މިނިސްޓްރީން ވަނީ ރާއްޖެއިން ބޭރުގެ ގައުމުތަކުގައި ދިރިއުޅޭ ރައްޔިތުން އެ ގައުމެއްގައި ނުވަތަ އެ ގައުމަކާ އެންމެ ކައިރި ގައުމުގައިވާ އެއްބަސީއެއްގައި ރަޖިސްޓްރީންވާން ބޭރުގައި ތިބި ހުރިހާ ދިވެހިންގެ ކިބައިން އެދިފަ އެވެ. މިހާތަނަށް 8،000 ވުރެ ގިނަ ދިވެހިން ރަޖިސްޓްރީވެފައި ވެއެވެ.

އެކި ގައުމުތަކުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ ނާދެވި "ތާށިވެފައި" ތިބި މީހުން ރާއްޖެ ގެންނަން މަސައްކަތްތަކެއް ފޮރިން މިނިސްްޓްރީން ކުރެ އެވެ. ނަމަވެސް އެކަމުގައި މިހާތަނަށް އަދި މާ ބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ، ރާއްޖެއަށް އައުމަށް ޓިކެޓް ނަގާފައި ވަނިކޮށް ފްލައިޓް ކެންސަލްވުމުގެ ސަބަބުން ރާއްޖެއަށް ނާދެވިފައި ތިބި 17 ދިވެހިން ރާއްޖެއަށް ގެނައުމާ ބެހޭ ގޮތުން ނޭޕާލުގެ ފޮރިން މިނިސްޓަރާ ވެސް މަޝްވަރާ ކުރައްވާފަ އެވެ.

ނަމަވެސް މިވަގުތު ނޭޕާލް އޮތީ "ލޮކް ޑައުން" ހާލަތުގަ އެވެ. ވައިގެ ދަތުރުފަތުރުތަކުގައި ހުރަސްތަކެއް ވެއެވެ. އަދި ހާލަތަށް ބަދަލު އައިސް، ވައިގެ ސަރަހައްދު ހުޅުވާލެވި އަދި ފްލައިޓްތައް ފެށުނުހާ އަވަހަކަށް އެދަރިވަރުން ރާއްޖެއަށް ފޮނުއްވުމުގެ މަސައްކަތް ނޭޕާލުން ކޮށްދޭނެ އެވެ.

އެހެން ކަމުން އެ މީހުނަށް އަދި ރާއްޖެ އާދެވޭނެ މަގެއް ނެތެވެ.

އިންޑިއާގައި ތިބި ދިވެހިންނަށް ވެސް ރާއްޖެ އާދެވޭނެ ކަމުގެ އުންމީދެެއް އަދި ނެތެވެ. އިންޑިއާގެ ބޯޑަރުވެސް 21 ދުވަހަށް ބަންދުކޮށްފައި ވާތީ ދިވެހިންނަށް އެނބުރި އާދެވޭނީ އެ މުއްދަތު ހަމަވުމުން ނޫނީ ހާއްސަ ހުއްދައެއްގެ ތެރެއިން އެއާ ސްޕޭސް ހުޅުވާލުމުންނެވެ.

ފޮރިން މިނިސްޓްރީން މަސައްކަތް ކުރަމުން ދަނީ ދިވެހިން ރާއްޖެ ގެނެވެންދެން އެމީހުންގެ ޒަރޫރީ ކަންކަން ފުރިހަމަ ކޮށްދެވޭނެ ގޮތްތަކެއް ހަމަޖައްސާށެވެ. އެމްބަސީތައް މެދުވެރިކޮށް އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށް ދެއެވެ. އަދި އިންޑިއާގައި ތިބި އާސަންދައިގެ ހަވާލުގައި ބޭސްކުރަން ދިޔަ ދިވެހިންނަށް ރާއްޖެ އާދެވެންދެން އެ ރައްޔިތުންގެ ހުރުމާއި، ކެއުމާއި އެހެނިހެެން ބައެއް ހަރަދުތައް ހަމަޖައްސައިދެ އެވެ.

މީގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުންކޮށް، ކާފިއު އިއުލާނު ކޮށްފައިވާ އަވަށްޓެރި ސްރީލަންކާގައި ތިބި ދިވެހިންނަށް ތަކެތި ފޮނުވުމުގެ ފުރުސަތު އެ މީހުން އާއިލާތަކަށް ދިނުމަށް ދިވެހި ސަރުކާރުން ވަނީ ނިންމާފަ އެވެ. އަންނަ އާދީއްތަ ދުވަހު، ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއް މުދާ ބަލައި، ލަންކާއަށް ދަތުރުކުރާއިރު އެ ފްލައިޓުގައި ލަންކާގައި ތިބި ދިވެހިންނަށް ތަކެތި ފޮނުވުމުގެ ފުރުސަތު މިހާރު ވަނީ ދީފަ އެވެ.