އިގްތިސޯދު

ބުރިޖަށް އަހަރެއް: ދިރިއުޅުމަށް ބޮޑު ބަދަލެއް!

މީގެ 12 މަސް ކުރިން ކުޑަ ކުޑަ ރާއްޖޭން ބޭރުގެ ބޮޑެތި ނޫސްތަކުގެ ސުރުހީތަކުން މުޅި ދުނިޔޭގެ ސަމާލުކަން ހޯދި އެވެ. އެހެން ފަހަރު ފަހަރާ ހިލާފަށް ދުނިޔޭގެ ލޯތައް ހުއްޓުނީ އެހެންނާ އޮންނަ ފަދަ ސިޔާސީ އަރައިރުމަކަށް ނޫނެވެ. ތިން ރަށެއް ގުޅާލަން މާ ސިންގާ ކަނޑުމެދުން ހިއްލައިލި ސިނަމާލެ ބުރިޖު އަށެވެ.

ޗައިނާ ސަރުކާރުގެ އެހީއާއެކު ކަނޑު ހުރަސްކޮށް އެޅި "ސިނަމާލެ ބުރިޖު" ގެ ސަބަބުން މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ އިތުރުން ވިޔަފާރިވެރިންނަށް ވެސް މަންފާތައް ކުރަމުންދާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ބްރިޖަށް އަހަރެއް ފުރުމާ ގުޅިގެން، މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ސްޓޫޑެންޓް ޔޫނިއަން އާއި މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން ގުޅިގެން 300 މީހަކާ އިންޓަވިއު ކޮށްގެން ކުރި ދިރާސާ މައިގަނޑު ގޮތެއްގައި އަމާޒު ކޮށްފައި ވަނީ ސިނަމާލެ ބްރިޖު ވުޖޫދަށް އައި ފަހުން އެމީހުންގެ ދިރިއުޅުމަށާއި ވިޔަފާރިތަކަށް އައިސްފައިވާ ބަދަލާ ގުޅޭ ގޮތުންނެވެ.

އެ ދިރާސާގައި އިންޓަވިއު ކުރި ހުރިހާ އެންމެންނަކީ އެކި ސަބަބުތަކަށްޓަކައި އާންމުކޮށް ކޮންމެ ދުވަހަކު ބްރިޖު ހުރަސް ކުރަންޖެހޭ މީހުންނެވެ. އެގޮތުން، ދިރާސާގައި ބައިވެރި މީހުންގެ ތެރެއިން 48 ޕަސަންޓް މީހުން މަދުވެގެން ދުވާލަކު ދެ ފަހަރު ބްރިޖު ހުރަސް ކުރާއިރު، ދެން ތިބި މީހުން ދުވާލަކު ތިން ހަތަރު ފަހަރު ބްރިޖު މަތިން ދަތުރު ކުރަންޖެހޭ ކަމަށް ބުނެފައިވެ އެވެ.

އެންމެ ބޮޑު ފަސޭހައެއް ދަރިވަރުންނަށް

ބުރިޖު އެޅުމާއެކު، އެކަމުގެ އެންމެ ހެޔޮ ބަދަލެއް އައިސްފައިވަނީ ހުޅުމާލޭގައި ދިރިއުޅުނު ނަމަވެސް، މާލޭގެ ސްކޫލްތަކުގެ އިތުރުން ޔުނިވާސިޓީގައި ތައުލީމު ހާސިލް ކުރަމުންދާ ދަރިވަރުންނަށެވެ. އެ ދިރާސާއަށް ދީފައިވާ އިންޓަވިއުތަކަށް ބަލާއިރު، މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުގަދަވެ، ފެރީގައި ދަތުރު ކުރަންޖެހުމުގެ ބިރުވެރިކަން މީގެ ކުރިން އެ ދަރިވަރުން ވަނީ ތަހައްމަލު ކުރަންޖެހިފަ އެވެ. އެފަދަ ދުވަސްތަކުގައި ސްކޫލަށް ގަޑިއަށް ނުދެވި، އިމްތިހާނުތަކުގައި ބައިވެރި ނުވެވުނު ހާލަތްތައް ވެސް އެމީހުން ވަނީ ހިއްސާ ކޮށްފަ އެވެ. ކޮންމެ ދުވަހަކު ދެ ތިން ފަހަރު މާލެއަށް ދަތުރު ކުރަން ޖެހޭއިރު، ކޮންމެ ދަތުރަކަށް އެތަކެއް ވަގުތެއް ހޭދަކުރަން މަޖުބޫރުވެ އެވެ.

ބްރިޖު ހުޅުވުމާއެކު ކޮންމެ ދުވަހަކު އެފަދަ ބޮޑު ތަކުލީފެއް އުފުލަން ނުޖެހޭ ކަމަށް އެ ދިރާސާގެ ގިނަ ބައިވެރިން ބުނެފައިވެ އެވެ. އާދަޔާ ހިލާފަށް ކަނޑުގަދަ ދުވަސްތަކުގައި ކުދިން ސްކޫލަށް ފޮނުވަން ޖެހިލުންވެފައި، ބެލެނިވެރިން ތިބެން މިހާރަކު ނުޖެހެ އެވެ. އޭގެ އިތުރުން، ކިޔަވަމުން ޕާޓް ޓައިމް ކޮށް ވަޒީފާއަށް ގޮސް އާމްދަނީ ހޯދުމުގެ މަގު އެ ކުދީންނަށް ފަހިވެގެން ގޮސްފައިވާ ކަމަށް ވެސް އެ ދިރާސާއިން ދައްކަ އެވެ.

ބަރު ދާގީނާތައް އުފުލަން ނުޖެހި އެއާޕޯޓަށް

އެއާޕޯޓަށް ފުރަންދާ ކޮންމެ ފަހަރަކު އެތައް ބުރަކަށް ލަގެޖުތައް އުފުލަން ނުޖެހުމުގެ ފަސޭހަކަން ވެސް ދިރާސާގައި ބައިވެރިވި ގިނަ މީހުން ވަނީ ފާހަގަ ކޮށްފަ އެވެ. މާލޭ އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން ބްރިޖުން އެއާޕޯޓު އޮންނަ ހުޅުލެއާ ގުޅާލެވުމުން، އެއާޕޯޓުގައި މަސައްކަތްކުރާ މީހުންނަށް މިހާރު ވަގުތު ސަލާމަތް ކުރެވޭ ކަމަށް ބުނެފައިވެ އެވެ. އޭގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުން އެމަޖެންސީ ހާލަތުގައި ވައިގެ މަގުން އުފުލާ ބަލި މީހުން ވެސް، ކަނޑު ހުރަސް ކުރަން ނުޖެހި، އެމްބިއުލެންސްގައި ބްރިޖު ހުރަސްކޮށް ސީދާ ހޮސްޕިޓަލަށް އާދެވުމުގެ މަގު ވަނީ ހުޅުވިގެން ގޮސްފަ އެވެ.

ފުރަންދާ މީހުން މާކުރިން އެއާޕޯޓަށް ދާން ޖެހުމުގެ ތަކުލީފު އުފުލަން ނުޖެހުމުގެ އިތުރުން، ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން މާލޭގެ އިތުރުން ހުޅުމާލޭގައި ހުންނަ ގެސްޓްހައުސްތަކަށް ގެންދިއުން ފަސޭހަ ވުމާއެކު، އެކަމަށް ކުރަންޖެހޭ ހަރަދު ކުޑަވެ، އެ ވިޔަފާރީގައި އުޅޭ ފަރާތްތަކަށް ވެސް މަންފާ ކުރަމުންދާ ކަމުގައި ބުނެފައިވެ އެވެ.

ބްރިޖާއެކު މުދަލުގެ އަގު ދަށަށް

މާލޭ ބަނދަރަށް ބާލާ މުދާ، މީގެ ކުރިން ހުޅުމާލެއާ ހަމައަށް ގެންދަން ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހެ އެވެ. މުދާ ބާލައި، ލޮރީއަށް އަރުވައިގެން ގެންގޮސް މާލޭގައި ގުނދަންކޮށް އޭގެ ފަހުން ހުޅުމާލެއަށް ކަނޑުމަގުން ގެންދަން އެތައް ބުރަކަށް މުދާ އަރުވައި، ބާލައި ހަދަންޖެހޭ ކަމަށް އެ ދިރާސާގައި ބައިވެރިވި ބައެއް ވިޔަފާރިވެރިން ބުނެފައިވެ އެވެ.

އަދި އޭގެ ސަބަބުން، ގިނަ ވަގުތުތައް ހޭދަވުމުގެ އިތުރުން، ހުޅުމާލެއަށް މުދާ ގެންދަންދާ ހަރަދު ބޮޑުވުމުގެ ސަބަބުން މުދަލުގެ އަގު ބޮޑުވާ ކަމަށް ވެސް ދިރާސާ ރިޕޯޓުން ދައްކަ އެވެ.

ދިރާސާގައި ބުނެފައިވާ ގޮތުން، މާލޭއާ ހުޅުމާލެއާ ދެމެދު މުދާ އުފުލުމަށް ކުރަންޖެހޭ ހަރަދު ސިނަމާލެ ބްރިޖާއެކު އެވަރަޖެކޮށް 30 ޕަސަންޓް ވަނީ ދަށްވެފަ އެވެ. ކުރިން މަދުވެގެން ދެ ލޮރީއާއި އެއް ދޯނި ބޭނުން ކުރަންޖެހުނު އިރު، މިހާރު އެކަމަށް އެންމެ ލޮރީއެއް ފުދޭ ކަމަށް ވެސް އެ ދިރާސާގައި ބައިވެރިވި ގާތްގަނޑަކަށް 45 ވަރަކަށް ކުންފުނިން ވެސް ބުނެފައިވެ އެވެ.

އޭގެ އިތުރުން، ފަސޭހައިން ހަލާކުވާ މުދާ އެއްތަނުން އަނެއްތަނަށް ގެންދިޔުމަށް ވެސް މިހާރު ވަރަށް ބޮޑުތަނުން ފަސޭހަ ވެފައިވާ ކަމަށް ކުންފުނިތަކުން ބުންޏެވެ. އަދި ހުޅުމާލޭގައި ހިންގާ ކޭފޭތަކުގެ ވިޔަފާރި ރަނގަޅުވެ، އެފަދަ ތަންތަން ހިންގާ ފަރާތްތަކަށް ވިޔަފާރި ފުޅާ ކުރުމުގެ ފުރުސަތު ފަހިވެގެން ގޮސްފައިވާ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.