ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިގްތިސޯދު

ކޮރޯނާ ވައިސް: އިގްތިސާދު ބަލިކޮށްލާނީ ކިހާ ވަރަކަށް؟

ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ލިބޭނެ ގެއްލުންތަކުގެ މައްޗަށް އަސް އޮންލައިން އިން ތައްޔާރުކޮށްފައިވާ ވީޑީއޯ ރިޕޯޓް | އަވަސް

ޗައިނާގައި ނޮވެލް ކޮރޯނާ ވައިރަސް ފެތުރެން ފެށުމާއެކު އެކަމާ ކަންބޮޑު ނުވާ އެއްވެސް ގައުމެއް ނެތެވެ. ރާއްޖެއަކީ އޭގެ ތެރެއިން އެންމެ ނާޒުކު ގައުމުތަކުގެ ތެރޭގައި އޮތް އެއް ގައުމެވެ. ސަބަބަކީ ރާއްޖެ އަށް މި ރޯގާ އައުމުން ފެތުރިފައި އޮންނާނެ ހިތާމައަށް ވުރެ ކުރިޔަށް ރާއްޖޭގެ އިކޮނޮމީ އޭގެ ތެރެއަށް ވެއްޓިގެންދާނެތީ އެވެ. އެހެން ވާން ޖެހެނީ ރާއްޖޭގެ އިކޮނޮމީގެ ތިލަފަތް ހަމައެކަނި ޓޫރިޒަމަށް ބަރޯސާ ކޮށްފައި އޮތުމުގެ ސަބަބުންނެވެ.

ކޮރޯނާ ވައިރަސް ދުނިޔޭގައި ފެތުރުން ހުއްޓުވަން ޗައިނާގެ 20 ސިޓީއެއް ކަރަންޓީނު ކުރި އެވެ. އެ ސިޓީތަކަށް ވަދެ ނިކުމެ އުޅުން މަނާ ވެސް ކުރި އެވެ. އަދި އެ ގައުމުން މީހުން އައުން ހުއްޓުވި އެވެ.

ކޮރޯނާ ފެތުރުމުގެ ހަލުއި ކަމުގައި ރާއްޖޭގެ ޓޫރިޒަމަށް މިހާރު ވެސް ވަނީ ބޮޑުތަނުން އަސަރުކޮށް ހީނަރުވެފަ އެވެ. ފުރަތަމަ ދުވަހުންް ފެށިގެން ގިނަ އަދަދެއްގެ ބުކިންތައް ކެންސަލްވާން ފެށި އެވެ. އެންމެ ފަހުން ސަރުކާރުން އާއްމު ކުރި މައުލޫމާތު ތަކުން އެނގޭ ގޮތުގައި ކޮރޯނާ ވައިރަސްގެ ސަބަބުން، މިހާތަނަށް ރާއްޖެ އަންނަން ތިބި 13،000 އަށްވުރެ ގިނަ ޓޫރިސްޓުންގެ ބުކިން ވަނީ ކެންސަލް ކޮށްފަ އެވެ.

މި ބުކިންތައް ކެންސަލްވަމުން ދިއުމާއި އިތުރު ބުކިންސްތައް ކެންސަލްވާނެ ކަން ގައިމުވާއިރު މީގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ކުރާނީ ކޮން އަސަރެއް ހެއްޔެވެ؟ އަހަރު މެދު ޖެހޭއިރު މިއީ ރާއްޖޭގެ އިގްތިސޯދަށް އުފުލަން ޖެހޭނެ ކިހާ ބޮޑު ބުރައަކަށް ވެގެން ދާނެ ހެއްޔެވެ؟

މޯލްޑިވްސްގެ ހޮލިޑޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ފިރާގު (އިނަ މޯލްޑިވްސް ފިރާގު) ވިދާޅުވި ގޮތުގައި މިހާރު ކެންސަލް ވަމުންދާ ރޭޓުން ރާއްޖޭގެ އިގްތިސޯދަށް ކުރާ އަސަރު ވަރަށް ބޮޑު ވާނެ އެވެ.

"މިއިން ހަމައެކަނި އަސަރު ކުރާނީ ޓޫރިޒަމް ސެކްޓާ އަކަށް ނޫން. އަޅުގަނޑުމެން ލަފާ ކުރާ ގޮތުގައި 25،000 އާއި 30،000 ވަރަކަށް ބުކިން ކެންސަލްވުމުގެ ފުރުސަތު އެބަ އޮތް،" ރާއްޖޭގެ އެންމެ ބޮޑު ޓްރެވަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.

"މިއިން ހަމައެކަނި އަސަރު ކުރާނީ ޓޫރިޒަމް ސެކްޓާ އަކަށް ނޫން. އަޅުގަނޑުމެން ލަފާ ކުރާ ގޮތުގައި 25،000 އާއި 30،000 ވަރަކަށް ބުކިން ކެންސަލްވުމުގެ ފުރުސަތު އެބަ އޮތް،
އަބްދުﷲ ފިރާގު | އިނަ މޯލްޑިވްސް

އިގްތިސޯދީ އަދި ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރުން މިހާރު ފޯކާސްޓް ކުރައްވާ ވަރަށް ބުކިންތައް ކެންސަލްވެއްޖެނަމަ ރާއްޖޭގެ އިގްތިސޯދުން ކިހާ އަދަދެއްގެ ފައިސާއެއް އުނި ވެގެން ދާނެ ހެއްޔެވެ؟ އަދި މިއީ ކިހާވަރެއްގެ އިމްޕެކްޓަކަށް ރާއްޖެއަށް ވާނެ ހެއްޔެވެ؟

ރާއްޖޭގެ ޓޫރިޒަމްގެ މިހާރުގެ ޓްރެންޑަށް ބަލާއިރު، މުޅި ޓޫރިޒަމްގެ ގާތްގަނޑަކަށް 25 ޕަސެންޓް ހިއްސާ އޮތީ ޗައިނީސް މާކެޓަށެވެ. މިއީ އެންމެން ދަންނަ ހަގީގަތެކެވެ. އަނެއްކޮޅުން ރާއްޖޭގެ ޓޫރިޒަމްގެ ޓްރެޑިޝަނަލް މާކެޓު ކަމަށްވާ ޔޫރަޕަށް އޮތް ޓޫރިޒަމްގެ ހިއްސާ ކުޑަ ވާން ފަށާފައި ވަނީ ދެހާހުގެ އަހަރުތަކުގައި ޗައިނާ ދުނިޔެއަށް ހުޅުވާލުމާއެކުގަ އެވެ.

އެ ދުވަސްވަރު ރާއްޖޭގެ މާކެޓިން ޓްރެންޑަށް ވެސް ގެނައި ބަދަލާއެކު، ކުރިން މާކެޓު ކުރަމުން ދިޔަ ޔޫރަޕުގެ މާކެޓުގެ ބަދަލުގައި ޗައިނާގެ މާކެޓަށް ހާއްސަކަަން ދޭން ފެށި އެވެ. އަވަށްޓެރި ސްރީލަންކާ އާއި ރާއްޖެ ފަދަ ގައުމު ތަކަށް ޗައިނާ އިން އަންނަ މީހުންގެ އަދަދު ބޮޑު ތަކުން އިތުރުވާން ފެށީ މި ދުވަސްވަރު އެ ސަބަބާ ހެދި އެވެ. އޭގެ ނަތީޖާއަކީ ޗައިނާގެ ޓޫރިސްޓުންގެ މައި މަންޒިލަކަށް ރާއްޖެ ވުމެވެ. އަދި ރާއްޖޭގެ އިގްތިސޯދު ހިފަހައްޓައިދޭ ތަނބަކަށް ޗައިނާގެ ޓޫރިސްޓު މާކެޓް ބަދަލުވެގެން ދިއުމެވެ.

ރާއްޖެއަށް މިދިޔަ އަހަރު 1.7 މިލިއަން ޓޫރިސްޓުން އައިއިރު، މީގެ ތެރެއިން 284,029 މީހުންނަކީ ޗައިނާއިން އައި އެ ގައުމުގެ މީހުންނެވެ. މީގެ މާނައަކީ މިދިޔަ އަހަރު ރާއްޖެއަށް އައި ޓޫރިސްޓުންގެ 16.7 ޕަސެންޓް ހިއްސާ ކޮށްފައިވަނީ ވެސް ޗައިނީސް މާކެޓެވެ.

ނަމަވެސް ކޮރޯނާ ވައިރަސްއާއެކު ޗައިނާ މީހުން އައުން ހުއްޓިގެން ދިއުމުގެ ސަބަބުން އޭގެ ބޮޑު އިމްޕެކްޓް ވަނީ ރާއްޖޭގެ ޓޫރިޒަމާއި އިގްތިސޯދަށް ކުރަން ފަށާފަ އެވެ. ނަސީބު ދެރަ ކަމުން ކޮރޯނާ ވައިރަސްގެ ސަބަބުން ދުނިޔޭގެ ދަތުރު ފަތުރަށް ބްރޫ އަރާފައި މިވަނީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ޕީކް ދުވަސްވަރު އެވެ. އަދި ކުރިއަށް ގިނަ ބުކިން ތަކެއް ހައްދާފައި ހުރިއިރު، ޓޫރިސްޓުންނަށް ހިދުމަތް ދޭ ތަންތަނުގެ އޮކިއުޕެންސީ ވެސް ހުރީ މަތީގަ އެވެ.

ނަމަވެސް މިހާރުގެ ފޯކާސްޓްތައް ދައްކާ ގޮތުގައި ޗައިނާ މީހުން ރާއްޖެ އައުން ހުއްޓާލުމާއެކު، ޓޫރިޒަމް އެރައިވަލްސް ބޮޑުތަނުން ވެއްޓޭނެ އެވެ. މިހާރުވެސް ގްރާފްގެ އެ ކާވް އޮންނާނީ ބަދަލުވެފަ އެވެ.

ރާއްޖެ އަށް ގިނަ އަދަދެއްގެ ޗައިނާ ޓޫރިސްޓުން ގެންނަ ކުންފުންޏެއްގެ އިސްވެރިއަކު ވިދާޅުވި ގޮތުގައި މިހާރުގެ ކެންސަލޭޝަންތައް ހުރި ގޮތަށް ބަލާއިރު، އެކަން އަހަރުގެ މެދުތެރެއާ ހަމައަށް ފޯރުން އެކަށީގެންވެ އެވެ. އަދި އޭގެ ސަބަބުނބް ޓޫރިޒަމަށް 25 ޕަސެންޓު ވަރުގެ ޑިކްލައިނެއް އައުން ވެސް އެކަށީގެން ވެއެވެ.

"ޗައިނާއަކީ ރާއްޖޭގެ އެއްވަނަ މާކެޓް އެހެންވީމަ އެ ގައުމުން އަންނަ ފްލައިޓްތައް ހުއްޓާލުމަކީ ވަރަށް ބޮޑު އިމްޕެކްޓަކަށް ވާނެ. އަދި މީގެ ގެއްލުން އަދި އަންދާޒާ ކުރަން ވެސް ނޭނގެ،" އޭނާ ވިދާޅުވި އެވެ.

ނުވަ ބިލިއަން ރުފިޔާގެ ގެއްލުން!

މިހާރުގެ ހާލަތުން ޓޫރިޒަމަށް ކުރާނެ އިމްޕެކްޓް އަންދާޒާ ކޮށްލާނަމަ މިދިޔަ އަހަރު ޓޫރިސްޓުން އައި އަދަދާ އަޅާ ކިޔާލަން ވެސް ޖެހެ އެވެ. މި ދުވަސްވަރަކީ އަބަދުވެސް އެންމެ އޮކިއުޕެންސީ ވެސް ރަނގަޅު ދުވަސް ވަރެވެ. މިއީ ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ ބެޑް ނައިޓްސް ވެސް އެންމެ ރަނގަޅު ދުވަސް ވަރެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޗައިނާ އިން 31,285 މީހުން އައިސްފައިވެ އެވެ. އެ މަހު ރާއްޖޭގައި ޓޫރިސްޓުން 1,018,350 ރޭ ހޭދަ ކޮށްފައިވެ އެވެ. އަދި މާޗް މަހު ޗައިނާ އިން 19,479 މީހުން އައިއިރު، ބެޑް ނައިޓްސް އުޅެނީ 993,960 ގަ އެވެ. އަދި އެޕްރީލް މަހު 18,704 މީހުން އައިއިރު ޓޫރިސްޓުން 975,095 ރޭ ރާއްޖޭގައި ހޭދަ ކޮށްފައިވެ އެވެ.

މެއި މަހު ޗައިނާ އިން 21,010 މީހުން އައިސް ޓޫރިސްޓު ބެޑް ނައިޓްސް އުޅެނީ 674,893 ގަ އެވެ. މީގެ އިތުރުން ޖޫން މަހު ޗައިނާ އިން 23,983 މީހުން އައިސްފައިވެ އެވެ. އަދި ބެޑް ނައިޓްސް އެ މަހު އުޅުނީ 696,530 ގަ އެވެ. ޖުލައި މަހު 32,569 ޗައިނާ މީހުން އައިސްފައި ވާއިރު، ރާއްޖޭގެ ޓޫރިޒަމްގެ ބެޑް ނައިޓްސް މި މުއްދަތުގައި އުޅުނީ 790,019 ގަ އެވެ.

މިދިޔަ އަހަރުގެ ހަތް މަސް ދުވަހަށް ބަލާއިރު، ޗައިނާ އިން ރާއްޖެއަށް 134،839 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. އެ މުއްދަތުގައި ރާއްޖޭގައި ޓޫރިސްޓުން ހޭދަކުރި ރޭ ނުވަތަ ޖުމްލަ ބެޑް ނައިޓްސް ހުރީ 5,229,930 ގަ އެވެ.

މި އަދަދަށް ޓޫރިސްޓުން ރާއްޖޭގައި ރޭ ހޭދަ ކޮށްފައިވާއިރު، މިހާރުގެ ހާލަތުން ޓޫރިޒަމް 15 ޕަސެންޓާއި 25 ޕަސެންޓުގެ ގެއްލުމާއެކު ވެއްޓުމެއް އަންނާނެ އެވެ. އަދި އާމްދަނީ އިން އެތައް ބިލިއަން ރުފިޔާއެއް ގެއްލިގެން ދާނެ އެވެ. އޭގެ ސަބަބަކީ މި ވަރަށް ޓޫރިޒަމް ދައްވެއްޖެނަމަ ޓޫރިސްޓުން ހޭދަކުރާ ރޭގެ އަދަދުން އެވްރެޖު ގޮތެއްގައި 784،489.5 ރެ އާއި 1،045،986 ރޭ އުނިވެގެން ދިއުމުގެ ފުރުސަތު އޮތުމެވެ.

މި އަދަދުން ބަލާނަމަ ޓޫރިސްޓަކު އެވްރެޖު ގޮތެއްގައި ދުވާލަކު 600 ޑޮލަރު ހޭދަ ކުރާނެ ކަމަށް އަންދާޒާކުރި ނަމަވެސް މި މުއްދަތުގައި 400 މިލއަން ޑޮލަރާއި 600 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެގެންދާ ވާނެ އެވެ. މާނައަކީ ގާތްގަނޑަކަށް 9.2 ބިލިއަން ރުފިޔާގެ ގެއްލުން އިގްތިސޯދަށް ލިބޭނެ އެވެ. މި އަދަދަކީ ރާއްޖޭގެ އިގްތިސޯދުގެ 70 ޕަސެންޓް ބަރޯސާވެފައިވާ ޓޫރިޒަމް ސެކްޓާއަށް އަހަރަކު ލިބޭ ތިން ބިލިއަން ޑޮލަރުން ގެއްލޭނެ އަދަދެކެވެ.

ގެއްލުން ކުޑަ ކުރަން ޗޮއިސް މަދު!

ދުނިޔޭގައި ފެތުރޭ ކޮންމެ ރޯގާއެއްގެ އަސަރު އެންމެ އަވަހަށް ކުރާ ދާއިރާއަކީ ދަތުރުފަތުރަށް ބަރޯސާވެފައިވާ ޓޫރިޒަމް ސެކްޓާ އެވެ. ދުނިޔޭގެ ވިޔަފާރީގެ ޖީޑީޕީގެ 10.4 ޕަސެންޓް މި ބޮޑު ވިޔަފާރި ހިއްސާ ކުރާއިރު، ވަޒީފާ އަދާ ކުރާ އާބާދީގެ 10 ޕަސެންޓް ހިއްސާ ކުރަނީ ވެސް މި ދާއިރާ އިންނެވެ. ނަމަވެސް އެންމެ އަވަހަށް އިމްޕެކްޓް އަންނަ ދާއިރާއަކީ މި އެވެ.

މުޅި ދުނިޔޭގައި ވެސް މި ބިރު އޮތުމާއެކު ހަމައެކަނި އިގްތިސޯދު ޓޫރިޒަމަށް ބަރޯސާ ނުކުރަން ތަޖުރިބާކާރުންނާއި މާލީ އިދާރާތަކުން ވެސް އަބަދު އިންޒާރު ދެނީ އެހެންވެ އެވެ. ސަބަބަކީ މިއީ މިއަދުގެ ދުނިޔޭގައި އަމިއްލަ ބާރު ނެތް ސިނާއަތަކަށް ވާތީ އެވެ. އެހެންވެ ކޮރޯނާ ފަދަ "ބަލާއާފާތެއް" ގެ ސަބަބުން ޓޫރިޒަމަށް ލިބޭ ގެއްލުން ކުޑަ ކުރަން އަޅާނީ ކޮން ފިޔަވަޅެއް ހެއްޔެވެ؟

ތަޖުރިބާކާރުންގެ ނަޒަރުގައި ޓޫރިޒަމަށް މި ފަދަ "ބަލާއާފާތަކުން" ލިބޭނެ ގެއްލުން ކުޑަ ކުރަން ރާއްޖެ ފަދަ ގައުމަކަށް ކުރެވޭނެ މާކަބޮޑު ކަމެއް ނޯންނާނެ އެވެ. ނަމަވެސް ބުކިންތައް ކެންސަލް ނުކޮށް ފަސްކޮށްލުމާއި އިތުރު ބެނެފިޓްތައް ދިނުން ފަދަ ފިޔަވަޅު ތަކެއް އަޅައިގެން އާމްދަނީއަށް ބަދަލެއް ގެނެވިދާނެ އެވެ. ނަމަވެސް ޓޫރިޒަމަކީ ދަތުރުފަތުރަށް ބަރޯސާވެފައިވާ ކަމަކަށް ވާތީ އާއްމުންގެ ތެރޭގައި ބިރުވެރިކަން އޮތްހާ ހިނދަކު ދަތުރު ކުރާ މީހުން މަދުވާނެ އެވެ. އެހެން ވިޔަސް ޗައިނާ ފަދަ ނާޒުކު މާކެޓަކުން އަންނަ މީހުން އިތުރު ކުރަން މުސްތަގުބަލަށް ފިޔަވަޅުތައް އެޅިދާނެ އެވެ.

ޗައިނާ ޓޫރިސްޓުން އައުން މަދުވި ނަމަވެސް އެހެން ގައުމު ތަކުން މީހުން އާދެ އެވެ. އެހެންވެ ޓޫރިސްޓުން ރާއްޖޭގައި ތިބޭ މުއްދަތު އިތުރުވާނެ ގޮތެއް ރޭވުމަކީ މިހާރުން މިހާރަށް ވަރަށް މުހިންމު ކަމެވެ. އަނެއް ކަމަކީ ޗައިނާ ސަރުކާރާއެކު ގުޅިގެން މަސައްކަތް ތަކެއް ކުރުމެވެ. "ޗައިނާ ބަލިވި ދުވަހު" އެއްލައިލުމުގެ ބަދަލުގައި އެ ގައުމަށް މޯރަލީ ސަޕޯޓް ދިނުމަކީ ވެސް މިކަމުން އަރައި ގަންނަ ވަގުތު އޭގެ ފައިދާ ކުރާނެ ކަމެކެވެ.

ރާއްޖެއެކޭ އެއްގޮތަށް ޓޫރިސްޓު ބުކިން ކެންސަލްވުމުން ޗައިނާ ޓްރެވަލް ކުންފުނި ތަކަށް ވެސް ގެއްލުންވާނެ އެވެ. އެހެންވެ، އެ ގައުމުގެ ޓްރެވަލް ކުންފުނިތަކާ ގުޅިގެން މަސައްކަތް ކުރަން ޖެހޭނެ އެވެ.

މިހާރުގެ ހާލަތުން ރާއްޖެއަށް ކުރެވޭނެ މާކަބޮޑު ކަމެއް ނެތެވެ. ހަމައެކަނި ކުރަން ޖެހޭ ކަމަކީ ހަރަދު ކުޑަ ކުރުމެވެ. ހަރަދު ކުޑަކޮށް މިކަމަށް ތައްޔާރުވެ ތިބުމާއި ދުރަށް ރޭވުމެވެ.