ރިޕޯޓް

ލޯބީގެ މިސާލެއް: ފިރިމީހާއަށް ހަދިޔާކުރީ ކިޑްނީ!

މީގެ 25 އަހަރު ކުރިން މުހައްމަދު ހަމީދާއި ސަލްމާ އަހުމަދުގެ ކައިވެނި ކުރީ ކޮންމެ ހާލެއްގައި ވިޔަސް ދުވަހަކު ވަކިވުމެއް ނެތި ލޯބިން އެކުގައި އުޅޭށެވެ. އެކަމަކު ހަމީދާއި ސަލްމާގެ ކައިވެނީގެ ރިހިޔޫބީލް ފާހަގަ ކުރަން ޖެހުނީ ހިތާމަ އާއި މޮޅިވެރިކަމުގެ ތެރޭގައި ރޮމުންނެވެ. ހަމީދުގެ އެއް ކިޑްނީ ފެއިލްވެފައިވާކަން އެނގުނީ އެވެ. އެ ހަބަރާއެކު، ސަލްމާގެ ހަތަރު އުދަރެސް ފެނު ޖެހުނީ އެވެ. އެ ދުވަހު އުމުރުން 55 އަހަރުގެ ސަލްމާ އަޒުމް ކަނޑައެޅީ ފިރިމީހާ ބަލި އެދުން ނަގަން އޭނާއަށް ކުރެވުނު ކޮންމެ ކަމެއް ކުރާށެވެ. ލޯބީގެ ހަދިޔާއެއްގެ ގޮތުން ސަލްމާ ނިންމީ އޭނާގެ އެއް ކިޑްނީ ލޯބިވާ ފިރިމީހާއަށް ހަދިޔާ ކުރާށެވެ. ލޭ ބަދަލު ކުރުން، ނޫނީ ޑައިލީސިސް އާއި ނުލައި ދުޅަ ހެޔޮ ކަމާއެކު ދިރިއުޅެވޭނެ ފުރުސަތު ފިރިމީހާއަށް ހޯދައިދޭށެވެ.

ބ ދަރަވަންދޫއަށް އުފަން އުމުރުން 60 އަހަރުގެ ހަމީދުގެ ކިޑްނީގެ މަސައްކަތް މަޑުމަޑުން ފެއިލްވަމުން ދާކަން އެނގުނީ 2008 ވަނަ އަހަރު ސްރީލަންކާގެ އެޕޯލޯ ހޮސްޕިޓަލުން ލޭގެ ޕްރެޝަރު ބެލުމަށް ހެއްދި ޗެކްއަޕަކުންނެވެ. އެދުވަހު އޭނާގެ ބީޕީ އާދަޔާ ހިލާފަށް މަތިކަން ނަރުހުންނަށް ފާހަގަ ވެގެން އެއާ ވިދިގެން ހަދަން ޖެހުނު ޓެސްޓުތަކުގެ ނަތީޖާއިން ހަމީދުގެ ލޭގައި "ކްރިއެޓިނިން" ކިޔާ މާއްދާއެއް ވަރަށް މަތިވެފައިވާކަން ފާހަގަ ކުރެވުނެވެ.

ބޮޑު ބައްޔެއްގެ އެއްވެސް ނިޝާނެއް ފާހަގަ ނުވެ ހުއްޓައި ކުއްލިއަކަށް މި އިންޒާރު ލިބުނުއިރު ހަމީދުގެ ކިޑްނީގެ މަސައްކަތް ވަނީ 70 ޕަސެންޓަށް ހުއްޓިފަ އެވެ. ދެން ޖެހުނީ ކިޑްނީގެ ހާލަތު އިތުރަށް ދަށްވިޔަ ނުދޭން މުޅި ދިރިއުޅުމަށް މަޖުބޫރު ބަދަލުތަކެއް ގެންނާށެވެ.

އޭގެ 10 އަހަރު ފަހުން މި އަހަރުގެ މާޗްމަހުގެ ތެރޭގައި، ހަމީދުގެ ކިޑްނީގެ މަސައްކަތް 10 ޕަސެންޓަށް، އަދި އެއަށްފަހު ނުވަ ޕަސެންޓަށް ދަށްވުމާއެކު ޑޮކްޓަރުން ލަފާދިނީ ވީހާ ވެސް އަވަހަށް އާ ކިޑްނީއެއް ހޯދާށެވެ. ކިޑްނީ ޓްރާންސްޕްލާންޓް ކުރާށެވެ. ހަގީގީ އިމްތިހާން ފެށުނީ އެހާ ހިސާބުންނެވެ.

ކިޑްނީ ހަދިޔާ ކުރަން ތައްޔާރަށް މީހުން ތިބެ އެވެ. އެކަމަކު ގުޅޭ ކިޑްނީއެއް ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ. ބައެއް މީހުން ގުޅޭ ޑޯނަރެއްގެ އިންތިޒާރުގައި އަހަރު ދެ އަހަރު ހޭދަކުރަން ޖެހެ އެވެ. ހަމީދަށް މި އުނދަގޫ މަރުހަލާގައި ލިބުނީ ހީވެސް ނުކުރާ ވަރުގެ ސަޕްރައިޒެކެވެ. ހަމީދަށް ކިޑްނީ ހަދިޔާ ކުރަން ފުރަތަމަ ތައްޔާރުވި ޑޯނަރުގެ ވިސްނުން ފަހު ވަގުތު ބަދަލުވުމުން، ފިރިމީހާގެ ފަރުވާއަށް ފަރުވާ ކުޑަ ނުކުރަން ތައްޔާރަށް ހުރި ސަލްމާ ނިންމީ އޭނާގެ ކިޑްނީ ފިރިމީހާއަށް ދޭށެވެ. ވަރަށް ލޯބިންނެވެ. ނަސީބު ދިމާކުރި ގޮތުން ފުރަތަމަ ޓެސްޓުން ވެސް ސަލްމާގެ ކިޑްނީއަކީ ހަމީދަށް އެންމެ "ޕާފެކްޓް ކިޑްނީ" ކަމަށް ޑޮކްޓަރުންނަށް ނިންމުނެވެ.

"ފުރަތަމަ ތައްޔާރުވި ޑޯނަރު ފަހު ވަގުތު ކިޑްނީ ދޭން ޖެހިލުންވީ. އޭރު އާސަންދަ ހަމަޖެހި، އިންޑިއާއަށް ގޮސް ހުރިހާ ކަމެއް ހަމަޖެހިފައި އޮތީ... އެ ހިސާބު އަޅުގަނޑުމެން ވެސް ބައްޕައަށް ކިޑްނީ ދޭން ތައްޔާރަށް... އެކަމަކު މަންމަ ހެދި ގޮތަކީ އެއްވެސް މީހެއް ގާތު ނުބުނެ ގޮސް ޓެސްޓް ހެދީ. އިޓް ވޯޒް ސޯ ސަޕްރައިޒިން. ފުރަތަމަ ބުރުން ވެސް މަންމަގެ ކިޑްނީ ބައްޕައަށް މެޗްވީ. އެއީ ވަރަށް މަދުންވާ ކަމެއް. ޑޮކްޓަރުންވެސް ފާހަގަކުރި،" ހަމީދާއި ސަލްމާގެ ދޮށީ ދަރިފުޅު އިލްމާ ބުންޏެވެ.

ގާތްގަނޑަކަށް ހަތަރު މަހުގެ ޓެސްޓުތަކާއި ޑައިލިސިސް އަށް ފަހު ސަލްމާއާއި ހަމީދުގެ ޓްރާންސްޕްލާންޓް ސާޖަރީ ތާވަލު ކުރީ މިދިއަ އޮގަސްޓު މަހުގެ ދެވަނަ ދުވަހަށެވެ. އެ ދުވަސް ވީ އެކަމަށްޓަކައި ދުރާލައި ތައްޔާރުވަމުންދިޔަ އެ ދެމަފިރިންނަށް ވެސް ބޮޑު ދުވަހަކަށެވެ. އެކު އެކީގައި އޮޕަރޭޝަން ތިއޭޓަރަށް ވެއްދި ދެމަފިރިން ވަކިވުމުގެ ކުރިން އަތާ އަތް ޖޯޑުކޮޮށްލައި އެކަކު އަނެކަކަށް ހިއްވަރުދެމުން ދިޔައަ އެވެ. އުންމީދު އާކުރި އެވެ.

ހަމީދުގެ ލޮލުން ފަހު ވަގުތު ފޭބި، ކަރުނަތައް ސަލްމާ އާއި އޭނާގެ ދެ އަންހެން ކުދިންނަށް ފެނުނެވެ.

ސަލްމާގެ އެއް ކިޑްނީ ނަގަން ކުރި ސާޖަރީ ދެ ތިން ގަޑި އިރަށް ދިގު ދެމިގެންދިޔަ އެވެ. އެކަމަކު ހުރިހާ ކަމެއް ދިޔައީ ރަނގަޅަށެވެ. ހަމީދުގެ އޮޕަރޭޝަން ވީ ޑޮކްޓަރުންނަށް ފުދޭ ވަރެއްގެ ޗެލެންޖަކަށެވެ.

ޑައިލިސިސްގެ ސަބަބުން ހަމީދުގެ ހަށިގަނޑުގެ ލޭ މާބޮޑަށް ދިޔައިވެފައިވާތީ ލޭ މަނާނުވެ ޑޮކްޓަރުންނަށް ޖެހުނީ ލޭ މަނާވަންދެން ކަފާލި ބައި ނުފަހާ ބާއްވާށެވެ. ނަމަވެސް މަޑުމަޑުން ހަމީދުގެ ހާލު ހަމައަކަށް އެޅުމުން ސަލްމާ އާއި އާއިލާއަށް ހަމަޖެހުން ލިބުނެވެ.

"އޮޕަރޭޝަން ކޮށްގެން އައިސީޔޫގައި ބައްޕައަށް އޮންނަންޖެހުނު ވަރަށް ގިނަ ދުވަހު. ބައްޕަ ގާތަށް މަންމައަށް ދެވުނީ ވަރަށް ދުވަހުން. ބައްޕަ އޭރުވެސް އޮތީ ވެންޓިލޭޓަރުގައި. އެކަމަކު މަންމަ ފެނުނީމަ އުފަލުން ބައްޕަ އަތް ދިއްކޮށްލީ ދޮރުން ވެސް ނުވަދެވެނިކޮށް. މި އޮޕަރޭޝަނަށްފަހު ޔަގީނުން ވެސް މަންމައާ ބައްޕަ ކުރިއަށްވުރެ މާގުޅޭނެ ކަން ޔަގީން،" އިލްމާ ކިޔައިދިނެވެ.

ފަންސާސް ފަސް އަހަރުގައި ކިޑްނީ ހަދިޔާކުރި ނަމަވެސް ސަލްމާއަށް އެއްވެސް ސިއްހީ ނުރައްކަލެއް ނެތެވެ. ސަލްމާ މިހާރު މުޅިން ރަނގަޅުވެ ކުރިއެކޭ އެއްގޮތަށް އުޅެވެ އެވެ. ހަމީދު އަދި ހުރީ އޮބްޒަވޭޝަންގައި ތިން މަހަށް އިންޑިއާގައި މަޑުކޮށްގެންނެވެ. އޭނާގެ އާ ކިޑްނީ ފުރަތަމަ މަރުހަލާ ކަޑައްތުކޮށް އެހެން ގުނަވަންތަކާ އެކު މިހާރު މަސައްކަތްކުރަން ފަށައިފި އެވެ. އެކަމާ އެ ދެމަފިރިން ތިބީ ނުހަނު އުފަލުންނެވެ.

އަނބިމީހާ ފިރިމީހާއަށް ކިޑްނީ ހަދިޔާކުރުމަކީ އާ ކަމެއް ނޫނެވެ. ނަމަވެސް އެ އުމުރުގެ މީހުން ގުނަވަން ޑޮނޭޓް ކުރުމަކީ ރާއްޖޭގައި އާންމު ކަމެއް ވެސް ނޫނެވެ.

"ލޯބިވާ މީހަކަށް ހަދިޔާއެއް ދޭން ވަކި އުމުރެއް އޮންނާކަށް ނުޖެހޭ. ފަންސާސް ފަސް އަހަރުގައި މަންމައަށް ކިޑްނީ ހަދިޔާ ކުރެވެންޏާ ޒުވާން ކުދިންނަށް، ނޫނީ އެ އުމުރުގެ އެހެން މީހުން އެފަދަ ކަންކަމަށް ޖެހިލުން ވާންވީ ކީއްވެ؟،" އިލްމާ ބުންޏެވެ. އޭނާ ބުނި ގޮތުގައި އޭނާގެ މަންމަ އާއި ބައްޕައަކީ ލޯބީގެ ލާމަސީލު ނަމޫނާ އެކެވެ.