ހަބަރު

އެމްޑީޕީއާ ރާއްޖެ ޓީވީއަށް އަބުރުގެ ދައުވާ ކުރަން ރައީސް ނިންމައިފި

އަބުރުގެ ގާނޫނުގެ ދަށުން އެމްޑީޕީއާއި އެ ޕާޓީގެ ބައެއް މެންބަރުންނާއި ރާއްޖެ ޓީވީއަށް ފިޔަވަޅު އަޅައިދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ނިންމަވައިފި އެވެ.

ރައީސް ޔާމީން އެގޮތަށް ނިންމެވީ، ރައީސް ޔާމީނާ ގުޅުން ހުރި ކަމަށް ތުހުމަތުކޮށް، ތެލުގެ ވަގު ވިޔަފާރީގެ މައްސަލަތަކެއް ކަމަށް ބުނާ ރިޕޯޓެ އެމްޑީޕީން ތައްޔާރު ކުރުމަށް ފަހު އެ ޕާޓީ އިން އެންޓި ކޮރޮޕްޝަން ކޮމިޝަނަށާއި ފުލުހަށް މައްސަލަ ހުށާހެޅުމާ ގުޅިގެނެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޔާމީންގެ ލީގަލް ޓީމުގެ ފަރާތުން އައިމިނަތު ނަސްރީނާ ވިދާޅުވީ އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީ އިން ރައީސް ޔާމީންގެ އިންތިހާބީ ހައްގުތަކަށާއި ޒާތީ ހައްގުތަކަށް އަރައިގެންފައިވާ ކަމަށާއި އެކަމުގައި ޝާމިލުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް އެމަނިކުފާނު ނިންމާފައިވާ ކަމަށެވެ.

އެގޮތުން އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ދައުވާ އާއި އަބުރު ރައްކާތެރި ކުރުމުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން އެމްޑީޕީއަށާއި ތެލުގެ ވިޔަފާރިއާ ބެހޭ ގޮތުން އެމްޑީޕީ އިން ތައްޔާރުކޮށްފައިވާ ރިޕޯޓާ ގުޅޭ މައުލޫމާތު އާންމު ކުރި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދެއްކެވި ފަރާތްތަކަށާއި އެ ނޫސްވެރިންގެ ބައްދަލުވުން ކަވަރު ކުރި ރާއްޖެ ޓީވީއަށް ވެސް ފިޔަވަޅު އަޅާދިނުމަށް ކަމާ ބެހޭ މުއައްސަސާތަކަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ނަސްރީނާ ވިދާޅުވި އެވެ.

އޭގެ އިތުރުން އެ ރިޕޯޓުތަކުގައި ރައީސް ޔާމީނަށް އިންތިހާބުތަކާބެހޭ އާންމު ގާނޫނުގައި ކަށަވަރުކޮށްދީފައިވާ ހައްގަކަށް އަރައިގެންފައިވާތީ އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ ދަށުން އެމްޑީޕީގެ މައްޗަށާއި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ފަރާތްތަކުގެ މައްޗައް ފިޔަވަޅު އަޅައިދިނުމަށް އެދި އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހެޅުމަށް ރައީސް ޔާމީން ނިންމާފައިވާ ކަމަށް ވެސް ނަސްރީނާ ވިދާޅުވި އެވެ. އަދި އެ ގާނޫނުގެ ދަށުން ރާއްޖެ ޓީވީއަށް ފިޔަވަޅު އަޅައިދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމަށް ވެސް ރައީސް ޔާމީން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި މައްސަލަ އަޅުގަނޑުމެން ބަލާ ދިރާސާ ކުރުމަށް ފަހު މި މައްސަލައަ ބެހޭ އިތުރު މައުލޫމާތު ފަހުން ހާމަ ކުރަމުން ގެންދާނަން،" ނަސްރީނާ ވިދާޅުވި އެވެ.

ތެލުގެ ވަގު ވިޔަފާރިތަކުގެ މައްސަލަ ރައީސް ޔާމީންގެ އިސްތަށިފުޅުގައި އިދިކޮޅު ފަރާތްތަކުން އެޅުވި ނަމަވެސް ފުލުހުން މިއަދު ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ. އެގޮތުން އުތުރު ކޮރެޔާގެ ތެޔޮޓޭންކަރަކާއި މުއާމަލާތްހިންގި ކަމަށްބުނާ ދިވެހި ޓޭންކަރާއި ރައީސް އަބުދުﷲ ޔާމީނާއި އެއްވެސް ގުޅުމެއް ނުވާކަމަށް ފުލުހުން ބުންޏެވެ.