ހަބަރު

ރައީސްގެ އަބުރުފުޅާ ބެހުނު މައްސަލަ ބުދަ ދުވަހު ކޯޓަށް

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަބުރުފުޅަށް އުނިކަން ލިބޭ ގޮތަށް އެމްޑީޕީ އިން ރިޕޯޓެއް ނެރުނު މައްސަލަ އަންނަ ބުދަ ދުވަހު ކޯޓަށް ހުށަހަޅުއްވާނެ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން މިއަދު ބުނެފި އެވެ.

ރައީސްގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ބުނީ ރައީސް ޔާމީންގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ވާހަކަދައްކާ ފޮޓޯ އާއި ލިޔުން ޝާއިއުކޮށްފައިވާ ރިޕޯޓުގެ މައްސަލައާ ގުޅިގެން އެމްޑީޕީގެ މައްޗައް އަބުރުގެ ދައުވާ ކުރުމަށް ތައްޔާރުވެފައިވާ ކަމަށެވެ. އެކަމާ ގުޅޭ މައުލޫމާތުތައް އެއްކޮށް ލިޔުންތައް ތައްޔާރުކޮށްފައިވާ ކަމަށާއި ބުދަ ދުވަހުގެ ހެނދުނު އެ މައްސަލަ ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ވަކީލުން ބުންޏެވެ. އެ ރިޕޯޓާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދެއްކެވި ބޭފުޅުންގެ މައްސަލަވެސް ކޯޓަށް ވައްދާނެ ކަމަށް ވަކީލުން ބުންޏެވެ.

"އޭގެ އިތުރުން މި މައްސަލައިގަ ޖިނާއީ އެލިމަންޓުތަކެއް ވެސް ހިމެނޭ ކަމަށް ރައީސް ޔާމީން ގަބޫލުފުޅު ކުރައްވާތީ އެކަންކަން ވެސް ގާނޫނާ އެއްގޮތަށް ތަހުގީގު ކުރުމަށް އެ މައްސަލަވެސް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް ހުށަހަޅައި ދިނުމަށް މިހާރު ވާނީ މޯލްޑިވްސް ޕޮލިސް ސާވިސްއަށް ދެންނެވިފައި،"

އަދި ރާއްޖެ ޓީވީގެ މައްޗައް ވެސް ޝަކުވާ ހުށަހެޅުމަށް ތައްޔާރުކޮށްފިން، އެކަން ފިޔަވަޅު އަޅައި ދިނުމަށް ބްރޯޑްކޮމްއަށް މިހާރު ދަންނަވާފައިވާ ކަމަށެވެ. އެކަން ހިނގައިދިޔަ ގޮތުން ރައީސްގެ އިންތިހާބީ ހައްގަށް އުނިކަން ލިބިފައިވާތީ މިރޭ އިލެކްޝަން ކޮމިޝަންގެ ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހަޅާނެ ކަމަށް ވަކީލުން ބުންޏެވެ.